ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާންކޮށްފި އެވެ. އެ ހާލަތު ސަރުކާރުން އިއުލާންކޮށްފައިވަނީ 15 ދުވަހަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގާނޫނު އަސާސީގެ ގިނަ މާއްދާތަކަށް ވަގުތީ ގޮތުން އަމަލު ނުކުރަން ވަނީ ނިންމާފަ އެވެ. އެގޮތުން ގާނޫނު އަސާސީގެ 20 މާއްދާއެއް ހިފަހައްޓަން ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން ގާނޫނީ އިޖުރާއަތުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާ އާއި 14 ވަނަ މާއްދާ ވެސް ވަނީ ހިފަހައްޓާފަ އެވެ.
ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާއަކީ ފަނޑިޔާރުންނަށް ލިބިދޭ އިމްތިޔާޒުގެ މާއްދާ އެވެ. ސާދަވަނަ މާއްދާއަކީ ފަނޑިޔާރަކާމެދު އެއްވެސް ފިޔަވަޅެއް އަޅާނަމަ، އެ މައުލޫމާތު ފަނޑިޔާރަށް ލިބުމުގެ މާއްދާ އެވެ.
ހިފަހައްޓާފައިވާ ގާނޫނު އަސާސީގެ މާއްދާތައް
24 ވަނަ މާއްދާ: ޒާތީ ދިރިއުޅުން
29 ވަނަ މާއްދާ: މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަން
31 ވަނަ މާއްދާ: ހަޅުތާލުކުރުމުގެ ހައްގު
32 ވަނަ މާއްދާ: އެއްވެއުޅުމުގެ މިނިވަންކަން
43 ވަނަ މާއްދާ: އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައްއެޅުން
44 ވަނަ މާއްދާ: ޝަހްސީ ޒިންމާ
45 ވަނަ މާއްދާ: ގާނޫނާ ހިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުން
46 ވަނަ މާއްދާ: ހައްޔަރުކުރުމާއި، ބަންދުކުރުމުގެ ބާރު
47 ވަނަ މާއްދާ: ހިފެހެއްޓުމާއި ފާސްކުރުމާއި މުދާ އަތުލުން
49 ވަނަ މާއްދާ: ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުން
50 ވަނަ މާއްދާ: އަވަހަށް މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުން
56 ވަނަ މާއްދާ: އިސްތިއުނާފުކުރުމުގެ ހައްގު
58 ވަނަ މާއްދާ: ބަދަލު ލިބިދިނުން
65 ވަނަ މާއްދާ: ހައްލުހޯދުމަށްޓަކައި ދައުވާކުރުމުގެ ހައްގު
99 ވަނަ މާއްދާ: ރައްޔިތުން މަޖިލީހަށް މީހުން ހާޒިރުކުރުން
100 ވަނަ މާއްދާ: ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުން
101 ވަނަ މާއްދާ: ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓް
113 ވަނަ މާއްދާ: ސުޕްރީމްކޯޓުގެ ނިންމުން
228: ޕްރޮސިކިއުޓާ ޖެނެރަލް މަގާމުން ވަކިކުރުން
145 ވަނަ މާއްދާގެ (ނ): ގާނޫނުއަސާސީ އާއި ގާނޫނު މާނަކުރުމުގައި، އަދި ށަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމްކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުން
ފަނަރަ ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރިއިރު، ސުޕްރީމް ކޯޓުގެ ހުރިހާ ބާރެއް ވަނީ ކަނޑުވާލާފަ އެވެ. އެ ކޯޓަކީ އެންމެފަހުގެ ނިންމުން ނިންމާ ކޯޓު ނޫން ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އޭގެ އިތުރުން ފަނޑިޔާރުން ކުރިއަކާ ނުލާ ހައްޔަރުކުރެވޭނެ ގޮތް ވެސް ވަނީ ހަދާފަ އެވެ. އަދި އެކަމަށް ކޯޓު އަމުރެއް ވެސް ބޭނުނެއް ނުވާނެ އެވެ.
ހިފަހައްޓާފައިވާ ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާގައި ބުނެފައިވަނީ، ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހާލަތެއްގައި މެނުވީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ޖިނާއީ ކުށެއް ކޮށްފި ކަމަށް ތުހުމަތުކުރެވިގެން ނުވަތަ އެނޫންވެސް ހާލަތެއްގައި ޖިނާއީ ކުށެއް ކޮށްފިކަމަށް ތުހުމަތުކުރެވިގެން ފަނޑިޔާރަކު ހައްޔަރުކުރަންވާނީ އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަށްވުރެ މަތީ ކޯޓެއްގެ އަމުރަށެވެ. އަދި އެފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހްގީގުކުރާ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލަށް ހުށަހެޅުމުން، އެއީ އެކަށީގެންވާ ކަމެއް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލަށް ފެނިއްޖެނަމަ އޭނާއެވެ. މީގެއިތުރުން، ހައްޔަރުކުރަންޖެހެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްކަމުގައިވާނަމަ، އޭނާ ހައްޔަރުކުރަންވާނީ އެ ކޯޓުގެ ބާކީ ތިބި ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރާ އަމުރަކަށް ކަމަށް ވެސް އެ މާއްދާގައިވެ އެވެ. އެ މާއްދާއަށް އަމަލު ނުކުރަން ވަނީ ނިންމާފަ އެވެ.
ފަނޑިޔާރުގެ 14 ވަނަ މާއްދާގައި ވަނީ، ފަނޑިޔާރަކާމެދު ގާނޫނުއަސާސީ އާއި ގާނޫނު ހުއްދަކުރާ ފިޔަވަޅެއް އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިނަމަ، އެ ފިޔަވަޅެއް އެޅުމުގެ ކުރިން، އެކަން އެ ފަނޑިޔާރަކަށް ލިޔުމުން އަންގަންވާނެއެވެ. އަދި، އެއްވެސް ލިޔުމެއް ނުވަތަ ނޯޓެއް ފަނޑިޔާރެއްގެ މައުލޫމާތު ފައިލަށް އިތުރުކުރެވިއްޖެނަމަ، އެކަން އެ ފަނޑިޔާރަކަށް އަންގައި، އެ ލިޔުމުގެ ކޮޕީއެއް އެ ފަނޑިޔާރަކަށް ދޭންވާނެއެވެ.
ކުއްލި ނުރައްކަލުގެ ހާތަލަކީ ގާނޫނު އަސާސީގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމެކެވެ. ގާނޫނު އަސާސީގެ 253 ވަނަ މާއްދާގައި ވަނީ ގުދްރަތީ ކާރިސާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ނުވަތަ ބޭރުގެ ހަމަލައެއް ކުރިމަތިވެދާނެކަމުގެ ބިރުހީވެއްޖެނަމަ ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، ނުވަތަ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ނުވަތަ ސަރަހައްދުތަކެއްގައި ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ބާރުތައް ކަނޑުވައި، ކުއްލި ނުރައްކާ އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ