ކަރަންޓުގެ އަގުހެޔޮކުރައްވަން ރައީސް ޔާމީން ނިންމަވައިފި

ކަރަންޓުގެ އަގު ހެޔޮކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވައިފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ޓްވީޓް ކުރައްވައި މިއަދު ވިދާޅުވީ "1 ފެބްރުއަރީގަ ބޭނުންކުރަން ފެށުނު ކަރަންޓް ޓެރިފް ރޭޓްތައް، ތެލުގެ އަގަށް އަންނަމުންދާ ހެޔޮ ބަދަލާއެކު، އިތުރަށް ދަށްކުރުމަށް، ރައީސް ޔާމީން ނިންމަވައިފި" ކަމަށެވެ.
މިކަމުގެ އިތުރު ތަފްޞީލެއް އަދި ހާމަކުރައްވައިފައެއް ނުވެއެވެ.
މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ސަރުކާރުން ވަނީ ކަރަންޓުގެ އަގުހެޔޮކުރުމަށް ސަރުކާރުން ދެމުން އައި ސަބްސިޑީން ބޮޑު ބައެއް އުނިކޮށްފައެވެ. އަދި 400 ޔުނިޓުން ފެށިގެން ދަށުގެ ރޭޓުތައް ހެޔޮކުރުމާއިއެކު 400 ޔުނިޓުން ފެށިގެން މަތީގެ ރޭޓްތައް ވަނީ ބޮޑުކޮށްފައެވެ.
ރައްޔިތުންގެ ގިނަ ބައަކު އިންތިޒާރުކުރަމުން މިހާރު ގެންދަނީ އެނަރޖީ އޮތޯރިޓީން އިއުލާނު ކުރައްވާނެ އައު ޓެރިފްތަކަށެވެ.
މާލޭގައި އަދިވެސް ގިނަ އަދަދެއްގެ ގެތަކުގައި އެތައް އާއިލާއަކުން އެއް ކަރަންޓެއް ބޭނުންކުރަމުން ގެންދާތީ ގިނަ އަދަދެއްގެ މީޓަރުތަކަކީ ވަރަށް މަތީ އަދަދެއްގެ ޔުނިޓުތައް އަރާ މީޓަރުތަކެކެވެ. އެހެންކަމުން ފަހުން ބަދަލުކުރި ކަރަންޓް ރޭޓާއި ގުޅިގެން ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ