އެމްޑީޕީއަކީ މިއަދު ކަފުންކޮށްފައި އޮތް ޕާޓީއެއް ކަމަށާއި މިއަދު ވޯޓެއްލިޔަސް އެމްޑީޕީ އެކަނި ނިކުމެއްޖެނަމަ ރީތިކޮށް ބަލިކުރާނެ ކަމުގައި ހޯމް މިިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ދިޓީވީގެ ހަބަރުތެރެއިން ޕްރޮގްރާމްގައި ބުރާސްފަތި ދުވަހުގެ ރޭ ބައިވެރިވެވަޑައިގެން ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ މީގެ ކުރިންވެސް ތަފާތު އެތައް ފަހަރަކު އިންތިހާބުތަކުގައި އެބޭފުޅުން އެމްޑީޕީ ބަލިކޮށްފައިވާނެ ކަމަށެވެ. އަދި މިއަދު އިންތިހާބަކަށް ނިކުތަސް އެމްޑީޕީ އެކަނި ނިކުމެއްޖެނަަމަ ރީތިކޮށް އެޕާޓީ ބަލިކޮށްލާނެ ކަމުގައި އުމަރު ވިދާޅުވި އެވެ.
އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އުމަރު ވިދާޅުވީ މިގައުމުގައި ހިނގާ އެއްވެސް ކަމެއްގައި ބަސް ބުނުމުގެ އެއްވެސް ހައްގެއް އެމްޑީޕީއަށް ނޯންނާނެ ކަމަށާއި އެމްޑީޕީން މިގައުމަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.
އެގޮތުން ވިދާޅުވީ އެމްޑީޕީން މިގައުމުގެ އިމާރާތްތަކުގައި ހުޅުޖަހާ ދައުލަތުގެ މުދަލަށް 200 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް ދީފައިވާ ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި ސިޔާސީ ފަރާތްތައް ނުހައްގުން ހައްޔަރުކޮށް އަސްކަރިއްޔާ ބޭނުންކޮށްގެން މީހުން ވަގަށް ނަގާ ރަހީނުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ތަކުރާރުކޮށް އެމްޑީޕީން ގޮވާލާ ގައުމަށް އިގްތިސޯދީ ގޮތުން ގެއްލުންދީފައިވާ ކަމަށާއި އަދި އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ކަރުނަގޭސް ހުސްވަންދެން ރައްޔިތުންގެ މޫނަށް ޖަހާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
"މި ހުރިހާ އަނިޔާއެއް އެބައެއްގެ ފަސްބައިގައި ލައްގަނޑު ޖެހިފައި ހުއްޓާ ނިކުމެ މި ސަރުކާރުގެ އަނިޔާވެރިކަމޭ ބުނަން ލަދުގަންނަން ޖެހޭނެ. މި ސަރުކާރުގެ އަނިޔާވެރިކަން ލިސްޓެއްގައި ލިޔެފައި އެމްޑީޕީ ސަރުކާރުގެ އަނިޔާވެރިކަން ލިސްޓެއްގައި ލިޔެފިއްޔާ އެމްޑީޕީގެ އަނިޔާވެރިކަން 500 ސަފްހާގެ ފޮތެއް ފުރޭ އިރުވެސް ނުނިމޭނެ. އެހެންވީމާ އެމްޑީޕީއަކަށް ނޯންނާނެ މިގައުމުގެ ހައްގުގައި ވާހަކަ ދެއްކޭކަށް. އެގޮތަށް ވާހަކަދައްކަން ފަށައިފިއްޔާ އެވާހަކައެއް އައިސް އެމްޑީޕީގެ ގައިގައި ޖެހޭނީ،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މޭޑޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ވެސް އެމްޑީޕީން ރައްޔިތުންނަށް ކުރީ އަނިޔާ ކަމަށެވެ. އަދި އެދުވަހު ވެސް ތަންތަނުގައި ހުޅުޖަހަން ރާވާފައިވާ ކަމަށާއި އެކަން ނުކުރެވުނީ ސަލާމަތީ ފަރާތްތަކުގެ ހުޝިޔާރު ކަމުން އެކަން ކުރަން އުޅުނު މީހުން ހައްޔަރުކުރުމުން ކަމުގައިވެސް ވިދާޅުވި އެވެ. އުމަރު ވިދާޅުވީ މަގުމަތީގައި އަލިފާން ބޯޅަ އުކާ ސަލާމަތީ ފަރާތްތަކަށް ހަމަލާދީ މިގައުމުގެ ހަލަބޮލިކަން ގެއްލުވާލުމުގައި އެމްޑީޕީ ޝާމިލް އުޅޭތާ 10 އަހަރު ވެއްޖެ ކަަމަށެވެ. ނަމަވެސް ދެން މިސަރުކާރުން އެކަމަށް ފުރުސަތު ނުދޭނެ ކަމަށާއި ގާނޫނުގެ ހުކޫމަތު ހިންގާނެ ކަމުގައި ވިދާޅުވި އެވެ.
އެމްޑީޕީއަކީ ދޮގު ހަދާ ފެކްޓްރީއެއް ކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ އެމްޑީޕީން މި ގައުމަށް ހަދަން ބޭނުންހާ ގޮތެއް ނުހޭދެނެ ކަމަށާއި އެ ފުރުސަތު ނުދެއްވާނެ ކަަމަށެވެ. އެމްޑީޕީއަށް އޮޅުވާލެވޭނީ އެހެން މީހުންނަށް ކަމަށާއި އެ ބޭފުޅުންނަށް އެމްޑީޕީ އޮޅިފައި ނެތް ކަމުގައިވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފަދަ ނުރައްކާތެރި މީހަކު މިގައުމުން ފެނިފައި ނުވާކަން ފާހަަގަކުރައްވާ އުމަރު ވިދާޅުވީ ނަޝީދު ދޫކޮށްލުމަށް ގޮވާލާ މީހުންނަކީ ނަޝީދުގެ އެހީތެރިކަން ހޯދައިގެން މިގައުމުގައި އެހެން ދީންތައް ފެތުރުމަށާއި މި ގައުމުގައި އެއްޖިންސުން ގުޅުން ހިންގުމުގެ މިނިވަންކަން ހޯދައިދޭން މަސައްކަތް ކުރާ ބައެއް ކަމަށެވެ. ނަމަވެސް އެއީ މިގައުމުގައި ހުރަސް ނުކުރެވޭނެ ރޮނގެއް ކަމަށާއި ކިތަންމެ ވަރަކަށް ފިއްތުއްތަށް ކުރިމަތި ކުރުވިނަމަވެސް މިގައުމުގައި މަރުގެ ހުކުމް ވެސް ތަންފީޒުކުރާނެ ކަމުގައި ވިދާޅުވި އެވެ. އަދި ވިދާޅުވީ މިގައުމަށް ހުޅަނގުން ފިޔަވަޅު އެޅިޔަސް މާބޮޑު އަސަރެއް ކުރާނެ ކަމަށް ނުފެންނަ ކަމަށާއި މިއަދު މި ގައުމު ތަސައްރަފް ފުދި މާބޮޑު ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދޫކޮށްނުލާނެ ހަމަތަކެއް ހުންނާނެ އިނގޭތޯ. އެހަމަތަކެއް އަޅުގަނޑުމެން ދުލެއް ނުކުރާނެ. އަޅުގަނޑުމެން ދަމާފައި ހުރި ލައިން އިނގޭތޯ، މިގައުމުގެ ގައުމިއްޔަތު މިގައުމުގެ ދީން ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން ދަމާފައިވާ ލައިން ހުރަސް ނުކުރެވޭނެ އެއްވެސް މީހަކަށް އިރާދަކުރެއްވިއްޔާ،" އުމަރު ވިދާޅުވި އެވެ.
ދާދިފަހުން ޔޫރަޕްގެ އިއްތިހާދުގެ ޕާލިމެންޓުން ރާއްޖެއާ ދެކޮޅަށް ފާސްކުރަން އުޅުނު ގަރާރަށް ފާޑު ވިދާޅުވަމުން އުމަރު ވިދާޅުވީ 750 އަކަށް މެންބަރުން ތިބޭ މަޖިލީހެއްގައި އެ ގަރާރާ އެއްކޮޅަށް ލިބުނީ "އެންމެ 47 ވޯޓްގަނޑު" ކަަމަށާއި އެ ގަރާރަށް އެއްވެސް ތާއީދެއް ނެތް ކަަމަށެވެ. އަދި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ބުދަ ދުވަހު ރާއްޖޭގެ އިންސާނީ ހައްގުތަކުގެ މައްސަލާގައި 106 ގައުމެއް ވަރު ވާހަކަ ދައްކާފައިވާއިރު ނަޝީދުގެ ވާހަކަ ދެއްކީ ހަތަރު ގައުމުން ކަމަށާއި ނަޝީދު ދޫކޮށްލަން ގޮވާލީ އެންމެ ގައުމަކުން ކަމަށްވެސް އުމަރު ވިދާޅުވި އެވެ. އެހެންކަމުން އެމްޑީޕީއަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން މިސަރުކާރަށް އިނގޭ ކަަމަށާއި އަދި އެމްޑީޕީއަށް ވާގިވެރިވާ ގައުމުތަކާއި އެ ގައުމުތަކުގެ ބާރުވެރިކަންވެސް މިސަރުކާރަށް އިނގޭ ކަމުގައިވެސް ވިދާޅުވި އެވެ.
އެމްޑީޕީއަށް ކެނޑިނޭޅި ފަޑުވިދާޅުވަމުން ގޮސް އުމަރު ވިދާޅުވީ އެމްޑީޕީއަކީ އެ ބޭފުޅުންގެ މަސައްކަތުން "ކަފުންކޮށްފައި އޮތް ޕާޓީއެއް" ކަމަށެވެ. ނަމަވެސް އެޕާޓީ ކަފުންކޮށްފައި ވަނިކޮށް ކަފުންގަނޑު މޮހާލައިގެން އެމްޑީޕީއަށް އޮކްސިޖަންދީ ދިރުން ގެނައުމަށް އަދާލަތު ޕާޓީއާ އެޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ކުރައްވަމުން ގެންދަވާ މަަސައްކަތަކީ މިގައުމަށް ވެވޭ ބޮޑު ހިޔާނަތަކަށް ނޫނީ ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އުމަރު ވިދާޅުވީ މިގައުމުގެ ވެރިކަމުގައި ހުންނެވި ބޭފުޅަކު މިގައުމުން މާތްވެގެންވާ އިސްލާމް ދީން ފޮހެލުމަށް ނުކުރާވަރުގެ މަސައްކަތް ނަޝީދު ކުރައްވާފައިވަނިކޮށް އަދާލަތު ޕާޓީ ފަދަ ޕާޓީއަކުން އަދި އެޕާޓީގެ ރައީސް އިމްރާން އެމްޑީޕީގެ ފިޔަވަޅުމަތީގައި ހިގާތީ ހައިރާންވާ ކަމަށެވެ. ނަމަވެސް އުމަރު ވިދާޅުވީ ޝައިހް އިމްރާނާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފަކީ މިގައުމު ދެކެ ވަރަށް ލޯބިވާ އުމަރުގެ އިހްތިރާމް ލިބިގެންވާ ދެ އަޚުން ކަމަށާއި އެ ދެބޭފުޅުންނަށް މިވަގުތު ވަނީ މަގުއޮޅިފައި ކަމަށެވެ.
މޭޑޭގައި ބޭއްވި މުޒާހަރާއާ ގުޅޭގޮތުންވެސް އުމަރު ވާހަކަ ދެއްކެވި އެވެ. އެގޮތުން ވިދާޅުވީ އެ ދުވަހުގެ މުޒާހަރާގައި 30،000 މީހުން ބައިވެރިވި ކަމަށް އެމްޑީޕީން ބުނި ނަމަވެސް އެދުވަހުގެ މުޒާހަރާގައި ބައިވެރިވީ 12،000 އާއި 15،000 އާއި ދެމެދުގެ އަދަދެއް ކަމަށާއި ދޮގުހަދާފައި ބައި ގިނަވާ ގޮތަށް ގުނާތީ ހިނިއަންނަ ކަމަށެވެ. އަދި ވިދާޅުވީ މީހުން މަގުމައްޗަށް ނެރުމުގެ ސިޔާސީ ކުޅިވަރާއި ސަރުކާރުތައް ބަދަލުކުރަން އިނގޭ މީހުން ތިބީ ސަރުކާރުގައި ކަމަށާ އެއީ "އޭ މާކްސް" ލިބިގެން ފާސްވެފައިވާ ބައެއް ކަމުގައިވެސް ވިދާޅުވި އެވެ.
"ބޮޑު ފަޅިއަކީ ކޮބައިކަން ވަރަށް ސާފުކޮށް އެބަ އިނގޭ. ބޮޑު ފަޅިއަކީ އެމްޑީޕީ ނޫންކަން އަޅުގަނޑުމެން އެންމެނަށް ވަރަށް ސާފު. މިއަދު ވޯޓެއް ލިޔަސް އަޅުގަނޑު ސާފުކޮށް މި ދަންނަވަނީ އެމްޑީޕީ އެކަނި ނިކުމެ އަޅުގަނޑު މެންނާ އެކު ވޯޓު ލައިފިއްޔާ ބަލި ކުރާނަން. ކުރީ ދުވަހު ބަލި ކުރި ގޮތަށް މިއަދުވެސް ބަލި ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މޭޑޭގެ ބޮޑު މުޒާހަރާގައި ބައިވެރިވުމަށް ދައުލަތުގެ ހަރަދުގައި މާލެ އައި ކައުންސިލަރުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގައި އުމަރު މިރޭވެސް ވިދާޅުވި އެވެ. އެގޮތުން ދައުލަތުގެ ހަރަދުގައި މުޒާހަރާއަށް މާލެ އައި ކައުންސިލަރުންނަށް ފިޔަވަޅު އެޅުމަށް އެމައްސަލަ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފޮނުވާފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އެދުވަހުގެ މުޒާހަރާގައި ބައިވެރިވުމަށް 300 އަށްވުރެ ގިނަ ކައުންސިލަރުން އައި ކަމަށް އެމްޑީޕީން ބުނާތީ އެއަދަދަށް އެމްޑީޕީގެ ކައުންސިލަރުން މާލެ އައުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ. އަދި އެދުވަހު މާލޭގެ މަގުމަތިން ފެނިގެން ދިޔައީ އެމްޑީޕީގެ 90 އިންސައްތަ މީހުން ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.
އުމަރު އިތުރަށް ވިދާޅުވީ މިސަރުކާރު މަގުމަތިން ވައްޓާނުލެވޭ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމިންވެސް އަދި މިސަރުކާރުގެ ވަޒީރަކު ވެސް އެމްޑީޕީން ބުނާ އެއްޗަކަށް ނުވަތަ އެޕާޓީން ކުރާ ކަމަކުން ވެސް ބިރުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
އެމްޑީޕީ އޮތީ ކަފުންކޮށްފައި، މިއަދު ވޯޓެއްލިޔަސް ބަލިކުރާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ