އަފްރާޝީމުގެ މަރާ ރައީސް ޔާމިނާ އެއްވެސް ގުޅުމެއް ނެތް: އުމަރު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީންގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި އެ މައްސަލާގައި މެރުމަށް ހުކުމްކޮށްފައިވާ ހ. ލޮބީ، ހުސައިން ހުމާމަކީ އަފްރާޝީމް ހަގީގީ ގާތިލް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ދިޓީވީގެ ހަބަރުތެރެއިން ޕްރޮގްރާމްގައި މިރޭ ބައިވެރިވެވަޑައިގެން ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އުމަރު ވިދާޅުވީ އަފްރާޝީމްގެ މަރުގެ މައްސަލާގައި އޭނާ މިރޭ ވާހަކަ ދެއްކެވީ ރައީސް އަބްދުﷲ ޔާމިން އަންގަވައިގެން ނޫން ކަމަށާއި އެމައްސަލާގައި ރައީސް ޔާމިނަށް އަމާޒުކުރެވެ ތުހުމަތުތަކުގެ ދިފާއުގައި ވާހަކަ ދެއްކެވުމަށް ރައީސް ޔަމީން އެއްވެސް އިރެއްގައި ވިދާޅުވެފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެ ވާހަކަ މިއަދު ދައްކަވަނީ ދައުލަތުގެ ވަޒީރަކަށް ވާތީ ނޫން ކަަމަށާއި އެ ވާހަަކަދައްކަން މިއަދު އަމިއްލަ ޒަމީރު އެދޭތީ އެވާހަކަ ދައްކަވަނީ ކަމުގައިވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އޭނާ އަފްރާޝީމްގެ ވާހަކަ މިރޭ ދައްކަވަން ބޭނުންވާތީ އެ މައްސަލަ ތަހުގީގުކުރާ ޓީމުގެ ބޭފުޅުންނާ މިއަދު އޭނާ ބައްދަލުކޮށް ތަހުގީގަށް މިހާރު ލިބިފައިވާ މައުލޫމާތުތައް ހޯއްދެވި ކަމަަށެވެ. ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ޑރ. އަފްރާޝިމުގެ މަރުގެ މައްސަލައާއި ރައީސް ޔާމިނާ ގުޅޭގޮތުން އުމަރު މީގެ ކުރިން ދެއްކެވި ވާހަކަތައް އުމަރު މިރޭ ވަނީ ދިފާއު ކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ މީގެ ކުރިން އޭނާ ދެއްކެވި ވާހަކަތައް އެމްޑީޕީއާ މީޑިއާ އިން އޮޅުވާލާފައިވާ ކަމަށެވެ.
"އަޅުގަނޑު ދެންނެވީ އަފްރާޝީމްގެ މަރާ ގުޅުންހުރި މީހަކު އޭނަ ދޫކޮށްލި ފަހުން ރައީސް ޔާމިންއާ ބައްދަލުކުރުމަށް ގޮސް ޕީޕީއެމް އޮފީހުގައި އިންދާ އަޅުގަނޑު ދުށީމޭ. އެއީ އަޅުގަނޑު ދެންނެވި ވާހަކައަކީ. އަޅުގަނޑު ނުދަންނަވަން އަފްރާޝިމާ [މަރުގެ މައްސަލައާއި] ޔާމިނާ ގުޅުމެއް އޮތެކޭ. ދެން މީޑިއާ ތަކުގައި އެކިއެކި ގޮތްގޮތަށް ވާހަކަ ދެއްކީ އިނގޭތޯ...... އަދި އަޅުގަނޑު މިއަދު މިދަންނަވަނީ އިނގޭތޯ ދައުލަތުގެ ވަޒީރެއްގެ ހައިސިއްޔަތުން ތަހުގީގުކުރާ އިދާރާގެ އެންމެ އިސް މީހާގެ ހައިސިއްޔަތުން އަޅުގަނޑު މިދަންނަވަނީ ރައީސް ޔާމިނަކާ އަފްރާޝީމްގެ މަރަކާ އެއްވެސް ގުޅުމެއް ނެތް. އަދި އެދުވަހު [ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި] އަޅުގަނޑު ނުވެސް ދަންނަވަން ގުޅުމެއް އޮތެކޭއެއް،" ރައީސް ޔާމިނާ ގުޅޭގޮތުން އުމަރު ކުރިން ދެއްކެވި ވާހަކަތަކުގެ ދިފާއުގައި ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ހައްޔަރުކޮށްފައި ދޫކޮށްލި ކުއްޖާއާ ޔާމިން ބައްދަލުކޮށްފައި ނުވާކަން ފަހުން އިނގުނު ކަމަށެވެ. އުމަރުމެންގެ އޭރުގެ ޓީމުން އެ މައްސަލަ ނެގުމުން ރައީސް ޔާމިން އެކުއްޖާއާ ބައްދަލުކުރަން އެޕޮއިންޓްމަންޓެއް ނުދެއްވި ކަމުގައިވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އޭނާ މީގެ ކުރިން އަފްރާޝީމްގެ މަރާއި ގުޅިގެން ދެއްކެވި ވާހަކަތައް އެމްޑީޕީއަށް އަޑުއިވުނީ މުޅިން އެހެން ގޮތަކަށް ކަމަށްވާތީ "ކަފަގަނޑެއް ލައިގެން އެމީހުންގެ ކަންފަތް ސާފުކުރަން ޖެހޭ" ކަމަށެވެ. އުމަރު ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ހުމާމް ފިޔަވާ އެންމެންނަކީ ވެސް އެމްޑީޕީގެ އިސް އެކްޓިވިސްޓުން ކަމަށެވެ. އެހެންކަމުން އަފްރާޝީމްގެ މަރުގެ މައްސަލަ ބަޔަކާ ގުޅޭނަމަ ގުޅޭނެ ބަޔަކީ އެމްޑީޕީ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲއާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް މިހާރު ޑރ. އަފްރާޝީމްގެ ވާހަކަ ނަގަނަގައިގެން ދައްކަވަނީ އެމްޑީޕީގެ މީހުން ރުއްސަން ކަމަށެވެ. މަހްލޫފާއި އިމްރާނާއި އަދި ރައީސް ޔާމީނާއި އުމަރުވެސް ޑރ. އަފްރާޝީމަށް ދެރަގޮތެއް ވާން ނޭދޭނެ ކަމަށާއި އެހުރިހާ ބޭފުޅުންނަކީ ވެސް އަފްރާޝީމާއި ވަރަށް ގާތް ބޭފުޅުން ކަމުގައިވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އަފްރާޝީމްގެ ހަގީގީ ގާތިލަކީ ހުމާމް ކަމަށާއި އޭނާ ލައިގެން ހުރި ހެދުމުގައި އަފްރާޝީމްގެ ލޭ ހުރި ކަަމަށް ފޮރެންސިކް ތަހުލީލް ތަކުން ދައްކާފައިވާ ކަމަށެވެ. އަދި ހުމާމަކީ މީގެ ކުރިންވެސް ދެ މީހަކު މެރުމުގެ ތުހުމަތު އޮތް މީހަކަށްވާތީ ހުމާމް އެކަން ކުރާނެ ކަމުގައި ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އަފްރާޝީމް މަރާލުމުގެ ކުރިން ހ. ހިލްޓަން އަޒްލިފް ރައޫފާއި، ލ. ގަމު ތުނޑި ނޫއަލި އާދަމް ސޮލާހް (ސްޕައި)އާއި މ. ޖާރީމާގެ އަބްދުﷲ ޖާވިދާއި އެގޭ ޝާހިން މުހައްމަދު ހުމާމާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ. ޖާވިދަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ މިހާރުގެ ނައިބް ރައީސް މޫސާ މަނިކުގެ ދަނބިދަރިއެކެވެ. ޝާހިން އަކީ ޖާވިދުގެ ބޭބެ އެވެ.
އުމަރު ވިދާޅުވީ އަފްރާޝީމް މެރުމަށް ފައިސާ ދެނީ ޖާވިދުއާ ޝާހިން ކަމަށް އަޒްލިފް، ހުމާމް ކައިރީ ބުނެފައިވާ ކަަމަށެވެ. އުމަރު ވިދާޅުވީ މިއެންމެންވެސް ތަހުގީގަށް ބަންދުކުރެވުނު ކަމަށާއި ނަމަވެސް އެމީހުން ދޫކޮށްލަންޖެހުނީ ޝަރީއަތަށް މައްސަލަ ސާބިތު ކުރެވޭ ވަރަށް ހެކި ހޯދިފައި ނުވާތީ ކަމަށެވެ. ނަމަވެސް އެއީ ތަހުގީގުތަކުގައި ހިނގާ ކަމެއް ކަމަށާއި އެމެރިކާގެ ކުރީގެ ރައީސް ޖޯން އޮފް ކެނެޑީގެ މަރުގެ މައްސަލަ ވެސް މިއަދާ ހަމައަށް ސާބިތު ނުކުރެވިގެން އުޅެނީ އެހެންވެގެން ކަމުގައި ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ހުމާމަށް ފައިސާ ހަރަދުކުރަން ބުނި މީހަކީ ޖާވިދު ކަމަށްވާތީ އަފްރާޝީމް މަރާލުމުގެ އެއް ދުވަސް ކުރިން ހުމާމް ޖާވިދަށް ގުޅާ މެސެޖް ކޮށްފައިވާ ކަަމަށާއި ހެކިތަށް ތަހުގީގަށް ލިބިފައިވާ އެބަހުރި ކަަމަށެވެ.
"އަފްރާޝިމް އަވަހާރަކޮށްލުމުގެ ކުރީ ދުވަހު، އޭގެ ކުރީ ދުވަހުގެ މެންދުރު 1:45 ގައި ހުމާމްގެ ފޯނުން އަބްދުﷲ ޖާވިދުގެ ފޯނަށް ދެ ފަހަރު ގުޅި އިނގޭތޯ. މިއީ ފޯން ކޯލްސް ރެކޯޑިން ތަކުން އަޅުގަނޑުމެންނަށް ފެންނަން ހުރި އެއްޗެތި. އެކަމު އެ ފޯން ކޯލަކަށް އަބްދުﷲ ޖާވިދު ޖަވާބެއް ނުދެއްވާ. ހަމަ އެދުވަހު އެއީ އަފްރާޝީމް އަވަހާރަކޮށްލި ދުވަހުގެ ކުރީ ދުވަހު މެންދުރު 2:45 ގައި. އަބްދުﷲ ޖާވިދުގެ ފޯނުން ހުސައިން ހުމާމްގެ ފޯނަށް ގުޅާ ވާހަކަ ދެއްކި. އެ ވާހަކައިގެ ތެރޭގައި އިނގޭތޯ މި މަރާލުމުގެ ވާހަކަ ދެކެވުނު. އަދި އޭގެ އިތުރަށް އެ ދުވަހުގެ ހަވީރު 5:15 ގައި، ހުސައިން ހުމާމްގެ ފޯނުން އަބްދުﷲ ޖާވިދުގެ ފޯނަށް މެސެޖެއް ކުރި. މެސެޖު ކޮށްފައި ބުނި މިއީ ހުމާމްއޭ، ޖާއަށް ރިމެންބަ ކޮށްލަދޭން މި މެސެޖު ކޮށްލަ ދެނީއޭ އިނގޭތޯ... އޭގެ ކުރިން ވަނީ މިއަށް ފައިސާ ހަރަދުކުރުމާ ގުޅޭގޮތުން ވާހަކަދައްކާފައި އަޅުގަނޑު އިސްވެ މިދެންނެވި މީޓީންގައި،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އަފްރާޝީމްގެ މަރުގެ މައްސަލާގައި ހައްޔަރުކުރެވުނު މ. ޏަމްޏަމްގެ މަރިޔަމް ނާއިފާ އިބްރާހިމަކީ ވެސް އެމްޑީޕީގެ މީހެއްް ކަމަށެވެ. އޭނާ ހައްޔަރުކުރި ވަގުތު އޭނާގެ ފޯން މޫދަށް އެއްލާލުމާއި ގުޅިގެން އެ ފޯނުން އެއްވެސް މައުލޫމާތެއް ނުލިބުނު ކަމަށެވެ. އެކަމަކު އޭނާއަކީ ވެސް އަފްރާޝީމްގެ މަރުގެ މައްސަލައާއި ގުޅިފައިވާ މީހެއް ކަަމުގައިވެސް ވިދާޅުވި އެވެ.
ކުރީގެ ކޮމިޝަނަ އޮފް ޕޮލިސް އަދި ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ރިޔާޒު މިފަހަކަށް އައިސް އަފްރާޝީމްގެ މަރުގެ މައްސަލާގައި ވަގުތު ޖެހުނީމާ ވާހަކަދައްކަވާނެ ކަމަށް ވިދާޅުވުމާއި ގުޅިގެން ސިޔާސީ އެކިއެކި ބޭފުޅުން ދައްކަވާ ވާހަކަތަކާއި ގުޅޭގޮތުންވެސް އުމަރު މިރޭ ވަނީ ވާހަކަ ދައްކަވާފަ އެވެ. އަފްރާޝީމް މަރާލީ އަބްދުﷲ ރިޔާޒު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށެވެ.
އުމަރު ވިދާޅުވީ އަބްދުﷲ ރިޔާޒު ކޮމިޝަނަރު ކަމުގައި ހުންނަވައިގެން ގޯސްކޮށް އަމަލުނުކުރައްވާނެ ކަމަށާއި އެއީ ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ރިޔާޒަކީ ސިޔާސީ ބޭފުޅަކަށް ވުރެ ޕްރޮފެޝަނަލް ބޭފުޅެއް ކަަމަށެވެ. އުމަރު ވިދާޅުވީ އަފްރާޝީމްގެ މަރުގެ ވާހަކަ އެމްޑީޕީން ދެއްކި ނަމަވެސް ހައިރާން ނުވާ ކަމަށާއި ނަަމަވެސް ޝައިހް އިމްރާނާއި މަހްލޫފާއި އަދި އަބްދުﷲ ރިޔާޒު އެވާހަކަ ދެއްކުމަކީ މައްސަލައެއް ކަމަށެެވެ. އަދި އަބްދުﷲ ރިޔާޒު ދައްކަވާ ވާހަކަ އާންމުންނަށް ސާފުކޮށް ވިދާޅުވެ ދެއްވުމަށް ވެސް އުމަރު އެދިވަޑައިގެންނެވި އެވެ. އަދި އަބްދުﷲ ރިޔާޒާ ގުޅޭގޮތުން މިސަރުކާރާ ގުޅިފައިވާ ބައެއް ބޭފުޅުން ދެއްކެވި ވާހަކަތައްވެސް އުމަރު ދޮގުކުރެއްވި އެވެ.
އުމަރު ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރުގެ ވާހަކަ ދައްކައިގެން މިސަރުކާރު ނުގުނޑާނެ ކަމަށެެވެ. އަދި ރައީސް ޔާމިނާއި އޭނާވެސް ނުގުނޑާނެ ކަމަށާއި އެބޭފުޅުންގެ ހަންގަނޑު މާބޯވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ