2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނަން: އުމަރު

2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އިއުލާންކުރައްވައިފިއެވެ.
މިނިސްޓަރު މިކަން ހާމަކުރައްވާފައިވަނީ ވީމީޑިއާގެ ޓީވީ ޗެނަލް ވީޓީވީން ކޮންމެ ހުކުރު ދުވަހު ގެނެސްދޭ "ހަމީދުގެ މެހެމާންސަރާ" މި ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ ރާއްޖޭގެ ރައީސްކަމަށް ވަޑައިގެންނެވުމަކި ކުރައްވާ އުންމީދެއްކަމަށާ ރާއްޖޭގެ ރައީސްކަމަށް އައުމުގެ ފުރުސަތު ތަނަވަސްވެއްޖެނަމަ ރައްޔިތުން އެދޭ ހެޔޮ ބަދަލްތައް ގައުމަށް ގެނެސްދެއްވާނެކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރިޔާސީ އިންތިޚާބެއްގައި ވާދަކުރައްވާނީ ރައީސް އަބުދުﷲ ޔާމީނަށް ވެރިކަމުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމުގެ ފުރުސަތު ދެއްވުމަށްފަހް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަޅުގަނޑު ވާދަކުރާނަން. އެއީ ރައީސް ޔާމީންގެ ވެރިކަމުގެ ދެ ދައުރު ފުރިހަމަވުމުން." މިނިސްޓަރު އުމަރު ވިދާޅުވިއެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރު ކުރިއަށްދަނީ ސާބިތުކަމާއެކުކަމަށާ ސަރުކާރާއިއެކު އަބަދުވެސް ހުންނަވާނެކަމަށެވެ. އަދި ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި ހިދުމަތް ކުރައްވަމުން ގެންދަވަނީ އިހްލާސްތެރިކަމާއެކުކަމަށް މިނިސްޓަރު އުމަރު ވިދާޅުވިއެވެ.
"ވަރަށް ސާބިތުކަމާއެކު ރައީސް ޔާމީން ސަރުކާރުގައި ހިދުމަތްކުރަމުން މިގެންދަނީ. ރައީސް ޔާމީން ބޭނުންފުޅުނަމަ ކުރިއަށް އޮތް ދައުރުގައިވެސް ސަރުކާރަށް ހިދުމަތްކުރާނަން." އުމަރު ވިދާޅުވިއެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ ރާއްޖެ ބޮޑެތި ކުރިއެރުންތައް ހޯދަމުންދާކަމަށެވެ. ހޯމް މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ ކަންކަމަށް ބަލާއިރުވެސް ރާއްޖޭގައި އަމަންއަމާންކަން ގާއިމްކުރުމަށް ބޮޑެތި މަސައްކަތްތަކެއް މިދިޔަ ދެ އަހަރު ކުރެވިފައިވާކަމަށް މިނިސްޓަރު އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ސަރުކާރުން ރައްޔިތުން އެދޭފަދަ ގައުމަކަށް ރާއްޖެ ބަދަލްކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށެވެ.
"މެހެމާންސަރާ" ޕްރަގްރާމްގައި މިނިސްޓަރު އުމަރު ވަނީ އެމަނިކްފާނުގެ ކުޑައިރުގެ ދިރިއުޅުމާއި، މިހާރުގެ އަމިއްލަފުޅު ދިރިއުޅުމާއި ގުޅޭގިނަ މައުލޫމާތުތަކެއްވެސް ހިއްސާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ