އެމްނެސްޓީގެ ބަޔާނަކީ ހަގީގަތެއް ނެތް ބަޔާނެއް: ސުޕްރީމް ކޯޓް

ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރޭ އަމުރުތަކުގެ ސަބަބުން އިންސާނީ ހައްގުތައް ގެއްލިގެންދާ ކަމަށް ބުނެ އެމްނެސްޓީ އިންޓަނޭޝަނަލްއިން ދައްކާފައިވާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ބުނެފިއެވެ.
އެކޯޓުން މިހެން ބުނެފައިވަނީ އެމްނެސްޓީން ނެރެފައިވާ ރިޕޯޓާއިމެދު ކަންބޮޑުވުން ފާޅުކޮށް އެ ކޯޓުން މިރޭ ނެރެފައިވާ ނޫސް ބަޔާނެއްގައެވެ.
ސުޕްރީމް ކޯޓްގެ ބަޔާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓަކީ މިނިވަން މުއައްސަސާއެއްގެ ބަދަލްގައި ސަރުކާރުން ކޮންޓްރޯލް ކުރާ ތަނެއްކަމަށް އެމްނެސްޓީން ބުނެފައިވަނީ ހަގީގަތް އޮޅުވާލުމަށް ކަމަށެވެ.
އަދި ސުޕްރީމް ކޯޓުގެ ނިންމުންތަކާއިމެދު އެޖަމާއަތުން ސުވާލް އުފައްދާފައިވާއިރު އެކޯޓަކީ ގާނޫނު ދަމަހައްޓާ އިންސާފް ގާއިމްކޮށްދޭނެ މުއައްސަސާއެއްކަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އަދި ރާއްޖޭގައި އުފެދިފައިވާ މިނިވަން މުއައްސަސާތަކާއި، ރާއްޖޭގައި ހެދިފައިވާ އެންމެހައި ގާނޫންތަކާއި ގަވާއިދުތަކުގެ ތެރެއިން ނޫނީ ރާއްޖޭގެ ޖުޑިޝަރީން އަމަލްނުކުރާނެކަމަށް ވަނީ ބުނެފައެވެ.
އަދި އެމްެނެސްޓީން ރާއްޖޭގެ ޖުޑީޝަރީގެ ހާލަތުކަމަށް ބުނެ ނެރެފައިވާ ރިޕޯޓަކީ ބައިނަލްއަގްވާމީ އުސޫލްތަކާއި ޚިލާފަށް ރާއްޖޭގެ ޖުޑީޝަރީގެ އަގުވައްޓާލުމަށް ވަރަށް ހީލަތްތެރިކޮށް ނެރެފައިވާ ރިޕޯޓެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.
ސުޕްރީމް ކޯޓަކީ މިނިވަންކަމާއިއެކު ހިނގާނެ މުއައްސަސާއެއްކަމުގެ ޔަގީންކަން ދެމުން އެކޯޓުން ބުނީ އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޝަރީއަތްތައް އިންފާސާފުވެރިކޮށް ހިންގުމަށްކަމަށެވެ.
އަދި މިނިވަން ޖުޑީޝަރީއެއް ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށާ އެމްނެސްޓީގެ ރިޕޯޓަކީ ވަރަށް ބޮޑަށް ސިޔާސީ ވެގެން ނެރެފައިވާ ނެރެފައިވާ ރިޕޯޓެއްކަމަށެވެ.
އެމްނެސްޓީގެ ރިޕޯޓްގައި އިންސާފުން ބޭރުން ޝަރީއަތްތައް ނިންމާފައިވާކަން ބުނެފައިވާއިރު، އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށާ ކޯޓުން އަދުލް އިންސާފް ގާއިމްކޮށްދޭނީ އިސްލާމްދީނުގެ އުސޫލްތަކާއި އެއްގޮތަށް ގާނޫނީ އިމުގެ ތެރެއިންކަމަށްވެސް ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ އަދުލްއިންސާފް މިއަދާއިހަމައަށް އޮތީ ފިތުރަތުގެ އަދާލަތުގެ މައްޗަށް ކަމަށާއި ޖުޑީޝަރީގެ އިތުބާރު ގެއްލުވާލާ ބަޔަކަށް ސިޔާސީ މަންފާތަކެއް ހޯދާދިނުމަށް ކުރާ މިފަދަ ދަށު ދަރަޖައިގެ އަމަލްތަކަށް މަރުހަބާ ނުކިޔާނެކަމަށްވެސް އެކޯޓުން ވަނީ ބުނެފައެވެ.
މި އަމަލްގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލުން ނޫންކަމެއް ނުވާނެކަމަށާ މިއީ އެމްނެސްޓީން ހިންގި ވަރަށް ލަދުވެތި އަމަލެއް،ކަމަށް ވަނީ ބުނެފައެވެ.
އަދި މިއީ ދިވެހިންނަށް އެޖަމާއަތުންކުރި ފުރައްސާރައެއްކަމަށާ އެމްނެސްޓީ އިންޓަނަރޭޝަނަލްއަށް މައުލޫމާތު ލިބިފައި ނެތް ނަމަވެސް މާތްﷲގެ އިރާދަފުޅުން ދިވެހި ރާއްޖެއަކީ އިސްލާމްދީނުގެ މަތިވެރި އުސޫލްތަކުގެ މަތިން ހިނގަމުންދާ ގައުމެއްކަމަށެވެ.
އަދި އިސްލާމީ ގާނޫނަކީ އެންމެ މާތް ގާނޫންކަމަށާއި މިއީ ދުނިޔޭގެ 50 ގައުމެއްގައި ހިންގަމުންދާ ގާނޫންކަން ދަންނަންޖެހޭކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރަށް އެމްނެސްޓީވެސް އދގެ ޗާޓަރާއި އެއްގޮތަށް އަމަލްކުރަންޖެހޭކަމަށާ، މިނިވަން ގައުމުތަކުގެ ހައްގުތަކާއިމެދު ސަމާލްކަންދޭންޖެހޭކަމަށްވެސް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ