ށ. އަތޮޅު ސްކޫލުތަކުގެ މެދުގައި ކުރިއަށް ގެންދިޔަ “ވިއަވަތި ޕްރޮމޯޝަނަލް ކަޕް” ގެ ސެމީ ފައިނަލް މެޗުގައި ށ.ފޯކައިދޫއާއި ފުނަދޫ ސްކޫލު ބައްދަލު ކުރި މެޗުގައި ހިނގި ހަމަނުޖެހުމަކަށްފަހު ފުނަދޫ ޓީމްގެ ކުޅުންތެރިންނަށް ޗޭންޖިން ރޫމުން ނުނުކުމެވި ގިނައިރު ތަކެއްވުމުގެ ސަބަބުން އެކުދިންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާކަން ފާހަގަވެފައި ވާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދީ އެކުދިންގެ ޙާލަތު ދެނެގަތުމުގެ ގޮތުން ށ.ފުނަދޫ ކައުންސިލް އިދާރާއާ ގުޅިގެން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ޓީމެއް ފުނަދޫގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
“މި ޓީމް މިމަހުގެ 19-21 އަށް ފުނަދޫގައި ހަރަކާތްތެރިވާއިރު މިޓީމްގައި ޖެންޑަރ މިނިސްޓްރީގެ ސައިކޯ-ސޯޝަލް ސަޕޯޓް ޔުނިޓްގައި މަސައްކަތްކުރައްވާ ސައިކޯތެރަޕިސްޓަކާއި ނަފްސާނީ އިލްމްގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކޮށްފައިވާ ތިން އެސިސްޓެންޓް ސައިކޮލޮޖިސްޓުން ބައިވެރިވެފައި ވޭ، މި ޙާދިސާގައި ހިމެނޭ ހުރިހާ ކުދިންނާއި ވަކިވަކިން މި ޓީމުން ބައްދަލުކޮށް ކުދިންގެ ޙާލަތު ދެނެގަނެ އެ ކުދިންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި” ޖެންޑާއިން ބުނެ އެވެ.
މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކާއި ސައިކޯ-ސޯޝަލް ސަޕޯޓް ޚިދުމަތް ބޭނުންވާ ފަރާތްތަކަށް އެކިބާވަތްތަކުގެ ތެރެޕީ، މިނިސްޓްރީގެ ތެރެއިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެކަމަށް ބޭނުންވާ ފަންނީ މުވައްޒަފުން ހޯދައި އެފަދަ ޚިދުމަތްދެވޭނެ ގޮތަކަށް ޚިދުމަތްދޭ އޮފީހުގެ މާހައުލުބައްޓަން ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.
ފޯކައިދޫގައި “ބަންދުވި” ފުނަދޫ ސްކޫލް ކުޅުންތެރިންނަށް ވަނީ ނަފްސާނީ ގޮތުން އަސަރުކޮށްފައި: ޖެންޑާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ