ކަރަންޓް ސަބްސިޑީދޭ ގޮތް މާލިއްޔަތު ކޮމެޓީން ބަލާނެ ކަމަށް އެ ކޮމެޓީން ބުނެފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކަނޑައަޅާފައިވާ ގޮތަށް ސަރުކާރުން ކަރަންޓް ސަބްސިޑީ ދޭތޯ ބަލާނެ ކަމަށް އެ ކޮމިޓީން ބުނެފި އެވެ.
މާލިއްޔަތު ކޮމިޓީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު މިއަދު ވިދާޅުވީ ރަށްރަށުގެ އިންޖީނުގެތަކުގެ ޙާލަތު ރަނގަޅުކުރުމަށާއި ކަރަންޓްގެ ޚިދުމަތުގެ އަގުހެޔޮކުރުމަށް ޓަކައި ބަޖެޓްގައި ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާ ދޫ ކުރުމަށް، ދައުރުން ބޭރުގައި މާލިއްޔަތު ކޮމިޓީން އިއްޔެ ބޭއްވި ހާއްސަ ބައްދަލުވުމުން ކަނޑައެޅި އުސޫކުތަކާ އެއްގޮތަށް ސަރުކާރުން އަމަލު ކުރަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އޮންނަނީ ސަބްސިޑީ ދޭނެ އުސޫލުތައް ކަނޑައެޅުން. އެ ދޫކުރުން އޮންނަނީ ސަރުކާރަށް. މިހާތަނަށް ސަރުކާރުން ކަންތައް ކޮށްފައިވާ ގޮތަށް ބަލާއިރު އެ އުސޫލުތަކާ އެއްގޮތަށް ފައިސާ ދޫކުރާނެ ކަމަކަށް ނުބެލެވޭ. ނަމަވެސް ކޮމިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އެކަން ކުރުމަށް މާލިއްޔަތު ގާނޫނުގައި ވެސް ބުނޭ. ސަރުކާރުން އެކަން އެގޮތަށް ކުރޭތޯ ކޮމިޓީން ބަލަމުން ގެންދާނެ،" ރިޔާޒު ވިދާޅުވި އެވެ.
ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ރަނގަޅުކުރުމަށާއި ކަރަންޓްގެ ޚިދުމަތުގެ އަގު ހެޔޮކުރުމަށް ޓަކައި ސަބްސިޑީގެ ގޮތުގައި ދިނުމަށް ބަޖެޓްގައި ހިމަނާފައިވާ 22.3 މިލިޔަން ރުފިޔާގެ ތެރެއިން 18.3 މިލިޔަން ރުފިޔާ ރަށްރަށުގައި ރައްޔިތުން ހިންގާ އިންޖީނުގެތަކަށް ލިބިދިނުމަށް މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ކަނޑައަޅައިފަ އެވެ. އަދި ޔުޓިލިޓީސް ކުންފުނިތަކަށާއި ރައްޔިތުންގެ އިންޖީނުގެ ނެތް ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް ދޭ ފަރާތްތަކަށް ހަތަރު މިލިޔަން ރުފިޔާ ދިނުމަށް ވެސް ކޮމިޓީން ވަނީ ކަނޑައަޅައިފަ އެވެ.
ރިޔާޒު ރަޝީދު ވިދާޅުވީ ސަބްސިޑީ ދޫކުރުމަށް ކޮމިޓީން ނިންމި އުސޫލަށް ބަލާއިރު ސަބްސިޑީ ބޭނުން ކުރެވޭނީ ހަމައެކަނި ކަރަންޓްގެ ހިދުމަތް ކުރިއެރުވުމަށާއި ތަރައްގީ ކުރުމަށެވެ. އަދި އެތަންތަނުގެ މުވައްޒިފުންނަށް މުސާރަ ދިނުމަށް އެ ފައިސާ ބޭނުން ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި 2010 ވަނަ އަހަރުގެ ބަޖެޓުން ކަރަންޓު ސަބްސިޑީގެ ގޮތުގައި 39.9 މިލިޔަން ރުފިޔާ ޔުޓިލިޓީސް ކުންފުނިތަކަށް ސަރުކާރުން ދީފައިވާކަން ފާހަގަ ކުރި އެވެ. ނަމަ ވެސް އެ އަހަރު ރައްޔިތުންގެ އިންޖީނުގެތަކަށް ސަބްސިޑީގެ ގޮތުގައި އެއްވެސް ފައިސާއެއް ސަރުކާރުން ދީފައި ނުވާތީ ރައްޔިތުންގެ މެދުގައި އޮންނަން ޖެހޭ ހަމަހަމަކަން ގެއްލިފައިވާކަން ވެސް ކޮމިޓީން ފާހަގަ ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ