ލަންދޫގެ އެތައް ގެއެއްގައި ކުރިން ހާހެއްހާ ރުފިޔާ ނާރާ ކަރަންޓް ބިލްތަކަށް ވިހިހާހަށްވުރެ ގިނަ ރުފިޔާ އަރައިފި!

ނ.ލަންދޫގައި މީގެ ކުރިން ހާހެއްހާ ރުފިޔާ ނުވަތަ ދެހާހެއްހާ ރުފިޔާ ވެސް ނާރާ ގޭގޭގެ ކަރަންޓް ބިލްތައް މިމަހު އާދަޔާ ޚިލާފަށް ބޮޑުވެ ބައެއްގޭގޭގެ ކަރަންޓް ބިލްތަކަށް މިމަހުގެ ދިހަ ހާސް ރުފިޔާ އާއި ވިހި ހާސް ރުފިޔާ އާއި ދެމެދުގެ އަދަދުތައް އަރައިފިއެވެ.
ސެޕްޓެމްބަރ މަހުގެ ބިލް ލަންދޫ އިންޖީނުގެއިން ބައެއް ގޭގެއަށް އިއްޔެ ބަހާފައިވާއިރު އެބިލްތަކުގައި ޖަހާފައިވަނީ އާދަޔާ ޚިލާފު ބޮޑު ޢަދަދުތަކެކެވެ. ބައެއް ގޭގޭގެއަށް ދިން ބިލްތަކުގައި ހަމައެކަނި ސެޕްޓެމްބަރ މަހަށް -/20000ރ. (ވިހިހާސްރުރިޔާ) ދައްކަން ޖެހޭކަމަށް ހުރި އިރު އަނެއްބައި ގޭގެއަށް ދިންބިލްތަކުގައި 10 ހާހާއި 15 ހާހާ ދެމެދުގެ އަދަދުތަކެއް ހިމަނާފައިވެއެވެ.
މިގޭގޭގެ ވެރިން ބުނާގޮތުން ލަންދޫގައި ފުރަތަމަ ކަރަންޓް ބޭނުންކުރަންފެށީއްސުރެ މިއަދާ ހަމައަށްވެސް ބައެއް ގޭގެއިން ހާހަކަށް ނުވަތަ ދެހާހަށްވެސް އެއްވެސް މަހެއްގައި ކަރަންޓްބިލް ނާރައެވެ.
މިމަހު މިހާ ބޮޑުޢަދަދެއް އެރީ ފެނަކަ ލަންދޫ ބްރާންޗްގެ ސިސްޓަމަށް ރީޑިން އެންޓަރ ކުރެވިފައި ހުރި ގޮތުން އަރައިގެން އުޅޭ އެރާ އެއްގެ ސަބަބުން ކަމަށް އެބްރާންޗުން ބުނެއެވެ.
ނަމަވެސް ފެނަކަ ލަންދޫ ބްރާންޗުން އިއްޔެ ގެ ތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ފައިސާ ދައްކަންޖެހޭނެކަމަށާއި، އެއްއަހަރަށް ބަހާލައިގެންވެސް ފައިސާ ދެއްކިދާނެކަމަށެވެ. އެކަން އެހެންވެފައިވަނީ ކުންފުނީގެ އިހްމާލުންކަމަށް އެއްބަސްވެފައި ވެސް އެސިޓީގައި އޮވެއެވެ.
އާދަޔާ ޚިލާފު އަދަދުތަކެއް ކަރަންޓްބިލަށް އަރައިގެން ލަންދޫގައި ވަރަށް ގިނަބަޔަކު ކަންބޮޑުވުން ފާޅުކޮށް އެމައްސަލަ ކޯޓަށް ވެއްދުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ވަމުން އެކަމަށް އެރަށުން މައުލޫމާތު ދެއެވެ. އެގޮތުން ދައުވާ ފޯމްތައް ފުރާ ބޭނުންވާ އެހެނިހެން ލިޔެކިއުންތައް ކޯޓަށް ފޮނުވުމަށް މިހާރުދަނީ ތައްޔާރުވަމުންނެވެ.
މިމައްސަލައިގައި ފެނަކަ ލަންދޫބްރާންޗުން ބުނަނީ މައްސަލަ ވަރަށްސާފުކޮށް ކުންފުނީގެ ހެޑްއޮފީހަށް ހުށަހެޅުމުން ހެޑްއޮފީހުން އެގޮތަށް ޢަމަލު ކުރުމަށް އަންގާފައިވާތީ އެފަދަ އެންގުމެއް ރައްޔިތުންނަށް އަންގަންޖެހުނީކަމުގައެވެ.
މިކަމުގައި އިހްމާލުވި މުވައްޒަފުންނަށް އެއްވެސް ފިޔަވަޅެއް މިއަދާ ހަމައަށް އެޅިފައިނުވާއިރު އަދި މިމައްސަލަ އެއްވެސް ވަރަކަށް ތަހްޤީޤު ކުރެވިފައި ނުވަނީސް ރައްޔިތުން އަތުން މިހާބޮޑު އަދަދެއްގެ ފައިސާ ފެނަކައަށް ނަގަނީ ކޮންއުޞޫލަކުން އަދި ކޮން ޤަވާއިދެއްގެ ދަށުން ކަމެއް ނޭންގެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ