ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ހޮވިވަޑައިގެން ފަހުން ސަރުކާރު ހިންގާ، ޕީޕީއެމްއާ ގުޅިވަޑައިގެން މެންބަރުން އަލުން އެ ޕާޓީތަކާ ގުޅިވަޑައިގަތުމުން ގައުމުގެ ހުރިހާ ކަމެއް ހަމަޖެހިގެން ދާނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ވަރަށް ގިނަ ދުވަސްތަކަކަށްފަހު ސިޔާސީ ފޯޑިއަމެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރައްވާފައިވާ ހުވާގެ މަތީގައި ތިއްބަވާނަމަ ރައްޔިތުންގެ ފަރާތުން އެކި ކަހަލަ ޝަކުވާތައް ނާންނާނެ ކަމަށެވެ. ބޮޑެތި ހިޔާނާތްތަކުގެ ވާހަކަތައް ވެސް ނުދައްކާނެ ކަމަށެވެ. މީހުންގެ ހައްގުތަކަށް އަރައިގަނެ، އިންސާފު ނުލިގެން އުޅެން ޖެހެނީ މެންބަރުންނަށް ހަވާލުކޮށްފައިވާ ޒިންމާއަށް ހުރުމަތްތެރިކޮށް ނުހިތޭތީ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، މިހާރުގެ ރައްޔިތުން މަޖިލީހަށް ޖޭޕީގެ ޓިކެޓްގައި 15 މެންބަރުން ހޮވިވަޑައިގެންނެވިއިރު ޖޭޕީގެ އެހީތެރިކަމާއެކު އަމިއްލަ ގޮތުން ވެސް މެންބަރަކު ހޮވިވަޑައިގެންނެވި ކަމަށެވެ. އެއީ މަޑަވެލީ ދާއިރާގެ މެންބަރު މުއާޒު މުހައްމަދު ރަޝީދެވެ. ގާސިމް ވިދާޅުވީ އެމަނިކުފާނު އެހީތެރިވެނުދިންނަމަ މުއާޒު ހޮވިވަޑައިނުގެންނެވީސް ކަމަށެވެ. މުއާޒު ވަނީ މަޖިލީހަށް ހޮވިވަޑައިގެންނެވުމަށްފަހު ޖޭޕީއަށް ސޮއިކުރައްވާ ފަހުން ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ.
ޖޭޕީ ދޫކުރައްވައި ޕީޕީއެމްއާ ގުޅިވަޑައިގަތް އަށް މެންބަރުންނާއި މެންބަރު މުއާޒު އަދި އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ހޮވިވަޑައިގެން ފަހުން އެ ޕާޓީ ދޫކުރައްވައި ޕީޕީއެމްއާ ގުޅިވަޑައިގަތް މެންބަރުން އަލުން އެ މެންބަރެއްގެ ހަގީގީ ޕާޓީއާ ގުޅިވަޑައިގެންފިނަމަ ގައުމުގެ ހުރިހާ ކަމެއް ހަމަޖެހިގެންދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ގައުމުގެ ސަލާމަތާއި އަމާންކަން ދެމެހެއްޓުމަށްޓަކައި ގައުމުގެ ބާއްޖަވެރިކަން ގެނައުމަށްޓަކައި އަދި ރައްޔިތުންގެ ހައްގުތައް އެބައި މީހުންނަށް ކަށަވަރުކޮށްދިނުމަށްޓަކައި ތިޔަ ނުވަ ބޭފުޅުން މިއަދު މިތަނަށް ވަޑައިގެންފިނަމަ އެކަން ވެގެން ދިޔައީ، ހަމައެހެންމެ އެމްޑީޕީއިން ވަކިވެގެން ދިޔަ ހަތަރު ނުވަތަ ފަސް މެންބަރުން އެމްޑީޕީއާ ވެސް ގުޅިވަޑައިގެންފިނަމަ ހުރިހާ ކަމެއް ހަމަޖެހިގެން ދިޔައީ، ތިޔަ ބޭފުޅުންގެ ހައްގުގައި މި ގައުމު ފަސާދައިގެ ތެރެއަށް ގޮސް އަދުލު އިންސާފު ނުލިބިގެން އެކި މުއައްސަސާތަކުގެ އަގު ވެއްޓިގެން ދާން ޖެހޭ ހިސާބަށް ކަންތައްތައް ދާއިރު ތިޔަ ބޭފުޅުން ފަސް އެނބުރި ބަލައިލައްވާށޭ، އެ އެޅުނު ފިޔަވަޅަކީ ކަތި ފިޔަވަޅެއްނަމަ ރަނގަޅު ކުރައްވާށޭ،" ކައުންސިލް އިންތިހާބަށް ޖޭޕީގެ ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވި އެވެ.
ރައްޔިތުންގެ ހައްގުތައް ދޫކޮށްލާފައި އަމިއްލަ އެދުންތައް ފުއްދުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ މަޖިލިސް މެންބަރުންނަށް ގާސިމް ވަނީ ނަސޭހަތްތެރިވެފަ އެވެ. އަދި، ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ މަސްލަހަތަށްޓަކައި ޕީޕީއެމްއާ ގުޅުނު އެހެން ޕާޓީތަކުގެ މެންބަރުން އަލުން ރުޖޫއަވުމަށް އިލްތިމާސްކުރައްވާފަ އެވެ.
"އެ ދުވަހަކު އިލެކްޝަން ކޮމިޝަނަކުން ނާންގާނެ ކަލޭމެންގެ ލޯގޯ ބަދަލުކުރާކަށް، އެހެންވެއްޖެޔާ އަޅުގަނޑުމެންނަށް ނާންގާނެ ދިދަ ބަދަލުކުރާކަށް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް މިރޭ ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. ވިދާޅުވީ، ޖޭޕީ މަޑު އެއްޗެއް ނުބުނެ އޮތް ނަމަވެސް އެ ޕާޓީއަށް ޖެއްސުންތައް ކުރާ ކަމަށެވެ. އަދި އެމަނިކުފާނުގެ ވިޔަފާރިއަށް އެކި ދަތިތަކާކުރިމަތިކުރާ ކަމަށެވެ. ގާސިމް ވަނީ އެމަނިކުފާނުގެ ކުންފުންޏެއްގެ އެކައުންޓްތައް ފްރީޒްކުރަން އުޅޭ ކަމަށް ވިދާޅުވެފަ އެވެ.
ޖޭޕީ، އެމްޑީޕީން ދިޔަ އެމްޕީން އެނބުރި އައުމުން ހަމަޖެހޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ