އަގުހެޔޮ ތެލެއް ބޭނުންކޮށްގެން މާލެ އަަށް ކަރަންޓް ދިނުމުގެ މަޝްރޫއުގެ ދެ މަހުގެ ތެރޭގައި މުޅިން ނިމޭނެ: އިންޑޯ އީސްޓް

އަހުމަދު އަބްދުﷲ
މިހާރަށް ވުރެ އަގުހެޔޮ ތެލަކުން ކަރަންޓް ދިނުމަށް ހިންގާ މަޝްރޫއު އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހުގެ ތެރޭގައި ނިމޭނެ ކަމަށް އެ މަސައްކަތް ކުރަމުން ގެންދާ އިންޑޯ އީސްޓް އިންޖިނިއަރިން އިން ބުނެފި އެވެ.
އެ ކުންފުނީގެ ފަރާތުން މާލޭގައި ޕްރޮޖެކްޓް ކަންތައްތަކާ އިސްކޮށް އުޅުއްވާ ފިންލެންޑުގެ ބޯނުޑްލީ ބުދަ ދުވަހު ވިދާޅުވި ގޮތުގައި މީގެ ދެ މަސް ދުވަސް ކުރިން ފެށި އެ ޕްރޮޖްކެޓް ޖެނުއަރީ ފަހުކޮޅު ނޫނީ ފެބުރުއަރީ މަހުގެ ކުރީކޮޅު ނިމޭނެ އެވެ.
ޕްރޮޖެކްޓުގެ ކިޔު. ސީ މެނޭޖަރު އެން.ވީ ޖަޔަވީރު ވިދާޅުވީ ބޮޑުތަކުރުފާނުގެ މަގުގައި މިހާރު ވަޅުޅާ ކާބަން ސްޓީލް ހޮޅިތައް ހަފުތާއެއްގެ ތެރޭގައި ވަޅުލާ ނިންމާނެ ކަމަށެވެ.
"ސްޓެލްކޯ އިން އަންގާފައި އޮތީ މި ތެޔޮ (އިންޓަމީޑިއޭޓް ތެޔޮ) ބޭނުންކޮށްގެން ފުރަތަމަ ކަރަންޓް ދޭނީ ޔުނިޓް ހައެއް އަދި ހަތަކުންނޭ. އެއީ ޖަނަރޭޓު 6- ،7" ޖަޔަވީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުޅި މަޝްރޫއުގެ މެކޭނިކަލް މަސައްކަތްތަކުގެ 80 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ. މިހާރު އެންމެ ހަލުވިކަމާ އެކު ކުރިއަށް ދަނީ ސިވިލް މަސައްކަތްތަކެވެ.
"މޫދު ކައިރީގައި ޕަމްޕް ސްޓޭޝަނަކާއި ސްޓެލްކޯ ތެރެއަށް ބޮޑު ހޮޅި ވައްދާލުން ފަދަ މަސައްކަތްތައް މިހާރު ބާކީ ނުނިމި ހުރީ. ސްޓެލްކޯގެ ސައިޓުގައި ކުރަން ޖެހޭ މަސައްކަތްތަކުގެ ބޮޑުބައި ވެސް މިހާރު ވަނީ ނިމިފައި،" ޖަޔަވީރު ވިދާޅުވި އެވެ.
ފެނުގެ ތެރޭގައި ތެޔޮހޮޅި ވަޅުލާފައި އޮތް ނަމަވެސް، ތެލުގެ ފިނިހޫނުމިން ވަކި މިންވަރަކަށް ބެހެއްޓުން މީގައި ލާޒިމްކުރެ އެވެ. އެހެންވެ ކާބަން ސްޓީލް ޕައިލުގެ ފުލުގައި ކޮޕަ ޓިއުބެއް ހަރުކޮށްފައި ހުރެ އެވެ. އޭގެ ބޭނުމަކީ، ޖަޔަވީރު ވިދާޅުވި ގޮތުގައި، ތެލުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމެވެ.
"މިތެޔޮ ހުންނަން ޖެހޭނީ ކޮންމެވެސް ވަރަކަށް ހޫނުކޮށް. އެގޮތަށް މި ސިސްޓަމް ރާވަނީ ވެސް،" އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި އިންޓަމީޑިއޭޓް ތެޔޮ ބޭނުންކޮށްގެން ކަރަންޓުގެ ޚިދުމަތް ދިނުމަށް 10 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. އެހެންނަމަވެސް ސްޓެލްކޯ އިން ބުނީ ޑީސަލް ބޭނުންކޮށްގެން މާލެ އަށް ކަަރަންޓްގެ ޚިދުމަތް ދިނުމަށް އަހަރަކު 142 މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ.
އިންޓަމީޑިއޭޓް ތެޔޮ ބޭނުންކޮށްގެން ޚިދުމަތް ދޭން ފެށުމުން ޚިދުމަތުގެ އަގު ހެޔޮވާނެ މިންވަރެއް ލަފާކޮށްލަން އަދި ދަތިކަމުގައި ސްޓެލްކޯ އިން ބުންޏެވެ. އެހެންނަމަވެސް މި މަޝްރޫއާ އާންމުންގެ އުންމީދުތަކާ ވަނީ ވަރަށް ބޮޑަށް ގުޅިފަ އެވެ. އާންމުންގެ އުންމީދަކީ ހެޔޮ އަގުގައި ކަރަންޓުގެ ޚިދުމަތް ލިބުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ