މިދިޔަ އަހަރަކީ ރައްޔިތުން އުފާވެރިކަމާއެކު ހޭދަކުރި ފާގަތި އަހަރެއް - ރައީސް

ރާއްޖޭގެ ރައްޔިތުން ޞުލްޙަވެރިކަމާއި، އަމަންއަމާންކަންމަތީގައި އުފާވެރިކަމާއެކު ހޭދަކުރި ފާގަތި އަހަރެއް ކަމަށް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، މީލާދީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސްގެ މި ހިތާބުގައި ވަނީ، މިދިޔަ އަހަރަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް، ފުއްދައިދިނުމުގައި ގިނަގުނަ ކާމިޔާބީތަކެއް ހާސިލު ކުރެވުނު އަހަރެއްކަން ފާހަގަކުރައްވާފައެވެ.
އަދި މިދިޔަ އަހަރަކީ، ރައްޔިތުންނަށް ދަތިވެފައިވާ އެތައްކަމަކަށް ޙައްލު ހޯދައިދިނުމުގަޔާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައިވާ އަހަރެއް ކަމަށްވެސް، ރައީސް ޔާމީން ވިދާޅުވިއެވެ.
"މިދިޔަ އަހަރަކީ ރާއްޖޭގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ފަށައި، ހިންގަމުން ގެންދެވުނު އަހަރެއް. އަދި ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމަށްޓަކައި، ގިނަގުނަ ފިޔަވަޅުތަކެއް އަޅައި، ކާމިޔާބީތަކެއް ހާސިލުކުރެވުނު އަހަރެއް" ރައީސް ޔާމީން ވިދާޅުވިއެވެ.
މިދިޔަ އަހަރުވެސް ޒުވާނުންގެ ހުނަރާއި ޤާބިލުކަން އިތުރުކޮށް، މުޖްތަމަޢަށް ފައިދާކުރަނިވި ބަޔަކަށް ޒުވާނުން ހެދުމަށްޓަކައި، ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، އެގޮތުން ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާ ހަމަޖައްސައިދެވުނުކަން، ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
މި ހިތާބު ނިންމަވާލައްވަމުން ރައީސް ވަނީ، މިއަހަރަކީ މިދިޔަ އަހަރު ހިންގަންފަށައި، ނުނިމިހުރި ވަރަށްގިނަ މަޝްރޫޢުތަކެއް ނިމޭނެ އަހަރެއްކަމަށާއި، މި ފެށުނު އާއަހަރަކީ، ތަރައްޤީގެ އާ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ހިންގޭނެ އަހަރަކަށް ވާނެކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ