ނާޒިމް ވަނީ ވަރަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައި - މައުމޫން

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށާއި ނާޒިމްގެ އަގު ވަޒަން ކުރައްވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އާއި އެމްޑީއޭ ގުޅިގެން މިހާރު އާޓިފިޝަލް ބީޗުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ނާޒިމްގެ ޝަރީއަތް ކުރިއަށް ދިޔަ ގޮތާއި މެދު އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށާއި ޝަރުއީ ހުކުމަކީ އެންމެންވެސް ތަބާވާން ޖެހޭނެ ހުކުމެއް ކަމަށެވެ.
ނަމަވެސް ނާޒިމް ރައްޔިތުންގެ މަޖިލީހަށާއި ޕީޕީއެމްއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާތީ އެކަން ފާހަގަކޮށް އަގުވަޒަން ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެމަނިކުފާނުގެ ހިދުމަތް ވަނީ ރައްޔިތުންގެ މަޖިލީހަށް ލިބިފައި. އެމަނިކުފާނުގެ ހިދުމަތް ވަނީ އަޅުގަނޑުމެންގެ މި ޕީޕީއެމް އަށްވެސް ލިބިފައި، އަދި އަޅުގަނޑަށް އެނގޭ ގޮތުގައި މިދިޔަ ރިޔާސީ އިންތިހާބުގައިވެސް އެމަނިކުފާނު ވަނީ އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ޚިދުމަތް ތަކެއް ކޮށްދެއްވާފައި." ރައީސް މައުމޫން ވިދާޅުވިއެވެ.
ނާޒިމްގެ މައްޗަށް އިއްވި ހުކުމާއި ގުޅިގެން ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައިވާއިރު، ޕީޕީއެމުން އެ ގޮނޑި ދިފާއު ކުރަން ޖެހޭ ކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ އެގޮނޑިއަށް ޕީޕީއެމް ޓިކެޓު ދޭނެ ބޭފުޅެއް ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.
ސަރުކާރުގެ ފައިސާ އާއި މަކަރާއި ހީލަތް ހެދުމުގެ ކުށުން ނާޒިމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި 25 އަހަރަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ނާޒިމް ޖަލަށްލުމަށް ކުރި ހުކުމުގައި މަކަރާއި ހީލަތް ހަދައިގެން 15000 ދިވެހި ދިދަ ގަތުމަށް އާންމުކޮށް ހުޅުވާލުމުން ބިޑް ކާމިޔާބުކޮށް ހީލަތްތެރި ގޮތެއްގައި ހޯދި 1،425،000 ރުފިޔާގެ ތެރެއިން 8 ލައްކައަށް ވުރެ ގިނަ ރުފިޔާ ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވާކަން އެނގެން އޮންނަ ކަމަށެވެ.  އަދި ފައިސާ ޖަމާކުރި ޗެކް ތަކުގައި ސޮއިކޮށްފައި ވަނީވެސް ނާޒިމް ކަމަށް ހުކުމްގައި ވެއެވެ.
މީގެ އިތުރުން ބިޑް ކާމިޔާބު ކުރުމަށް ހުށަހެޅި ލިޔުންތަކުގައި ސޮއިކޮށްފައިވަނީ ނަމިރާ ކުންފުނީގެ މުވައްޒަފުން ކަމާއި އޭގައި ވަނީ ނަމިރާ ކުންފުނީގެ ފޯނު ނަންބަރުތައް ކަން ވެސް މައްސަލަ ބެލުމުން އެނގެން އޮންނަ ކަމަށް ހުކުމުގައިވެއެވެ.
ހަމައެއާއި އެކު، މި ހީލަތީ ނަމިރާ ކުންފުނީގެ މުވައްޒަފުން ބޭނުންކޮށްގެން، ނާޒިމްގެ އިރުޝާދުގެ މަތިން ކުރިއަށް ގެންދިޔަ ކަމެއް ކަމަށާއި، މުވައްޒަފުންނަކީ މައްޗަށް ތިބޭ މީހުން އަންގާ އެންގުމަށް ތަބާވާ ބައެއް ކަމުން، މުވައްޒަފުން ކުރި ކަމެއްގެ ޒިންމާ ނަންގަވަން ޖެހޭނީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ނާޒިމް ކަމަށެވެ.
ނާޒިމް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އެ ފައިސާ ދައުލަތަށް އަލުން ނަގާދެވޭނެ ތަނެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ