ކޯވިޑް-19: ފައްސިވި މީހުން ތެރޭގައި މާބަނޑު މީހެއް!

މާލެއިން ކޯވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި މާބަނޑު އަންހެނެއް ހިމެނޭ ކަމަށް ސަރުކާރުން ހާމަ ކުރަށްވައިފިއެވެ.
އެކަން ހާމަ ކުރެއްވީ ކޯވިޑް-19 ގެ ހާލަތާއި ގުޅޭ ފަހުގެ މަޢުލޫމާތު ދެއްވުމަށް ރޭ ނެޝަަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒެވެ.
މާލެއިން ކޯވިޑް-19 އަށް ފައްސިވި 15 މީހުންގެ ތެރޭގައި ހިމެނޭ އެ މާބަނޑު މީހާގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށްވެސް ރޭ މަބްރޫކު ވިދާޅުވިއެވެ.
ރޭ ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑރ. އަލީ އަފްޒަލް ވިދާޅުވީ މިވަގުތު މާލެއިން ފެންނަމުންދާ ކޭސްތަކުގެ އަދަދުތަކަށް ބަލާއިރު އަދިވެސް ބަލި ފެތުރޭ މިންވަރު އެންމެ ނުރައްކާތެރި ހާލަތަށް ގޮސްފައިނުވާކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ މިހާރު މި ފެންނަނީ ދުވާލަކަށް އެވަރެޖުކޮށް ހަތަރު ކޭސް ވަރު ކަމަށެވެ. “އަޅުގަނޑުމެނަށް ބެލެވޭ ގޮތުގައި މިހާރު މި ފެންނަނީ ބެކްލޮގް ކޭސްތަކެއް. އެއީ ބަލިޖެހިފައި، މިހާރު ނުފެނި ހުރި ކޭސްތަކޭ. ޕޮޒިޓިވްވި ކޭސްތަކާ ކޮންޓެކްޓުވި މީހުނަށް ބަލާއިރު، ފުރަތަމަ ޕޮޒިޓިވްވި ކޭސް އުނިކޮށްފިނަމަ، އެވަރެޖު މިއުޅެނީ ގާތްގަނޑަކަށް 71 މީހުން. އެއީ އަޅުގަނޑުމެން އެކްސްޕެކްޓު ކުރި މިންވަރު،” ޑރ. އަފްޒަލް ވިދާޅުއެވެ.
މާލޭގައި ކޯވިޑް-19 އަށް ފައްސިވި 15 ވަނަ މީހާއަކީ މިހާރު ފެނިފައިވާ ކޭސްތަކުގެ ތެރޭގައި ހިމެނޭ ތިން ކްލަސްޓާގެ ތެރޭގައި ނުހިމެނޭ މީހެއް ކަމަށްވެސް ރޭ ވަނީ ހާމަ ކޮށްފައިއެވެ.
މާލޭގައި 15 މީހަކު ވަނީ ކޯވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 14 މީހަކީ ދިވެހިންނެވެ. އަނެއް މީހާއަކީ ބަންގްލަދޭޝް މީހެކެވެ. އޭގެ ތެރޭގައި، މާބަނޑު މީހަކާއި ދެ ކުޑަކުދިން ވެސް ހިމެނޭކަމަށް ރޭ އެޗްޕީއޭގެ ފަރާތުން ވަނީ ބުނެފަ އެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ