ގާސިމް ސަރުކާރަށް ޑިމާންޑްތަކެއް ކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބުރާހީމް ސަރުކާރަށް ޑިމާންޑްތަކެއް ކުރައްވައިފި އެވެ.
އިދިކޮޅު އެމްޑީޕީ އާއި ޖޭޕީ ގުޅިގެން މިއަދު ކުރަމުންދާ މުޒާހަރާގެ ބައިވެރިންނާ މުހާތަބުކުރައްވައި ފޯނުން ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ފުރަތަމަ ކަމަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ރަނގަޅު ގޮތުގައި ހިނގައި ދިއުން ކަމަށެވެ. ދެވަނަ ކަމެއްގެ ގޮތުގައި ވިދާޅުވީ ގާނޫނު އަސާސީއާއާ އެއްގޮތަށް ކުރެވޭ ކަންތައްތަކުގައި ވެސް އަސާސީ ހައްގުތަކާއި މިނިވަންކަން ހަނި ނުކުރުމަކީ ވެސް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
"... ގާނޫނު އަސާސީގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ލިބިފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން އަދި ދައުލަތް ހިންގުމުގެ ބާރާއި އަދި އެނޫން ވެސް އެހެން މާއްދާތައް، ކުރުކޮށް ދަންނަވާ ނަމަ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރަނގަޅަށް ހިނގައި ދިއުން،" ގާސިމް ވިދާޅުވި އެވެ.
ހަތިޔާރު ގެންގުޅުއްވިކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ޓެރަރިޒަމްގެ ދައުވާ އުފުލައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރުން މިހާރަށް މިނިވަން ކުރުމަށް ވެސް ގާސިމް ގޮވާލެއްވި އެވެ. އަދި އެބޭފުޅުންނާ މެދު އުފުލާފައިވާ ދައުވާތަކާ މެދު އެހެން ގޮތެއް ނިންމެވުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.
އަދި ވިދާޅުވީ އެބޭފުޅުންނާ މެދު ޝަރީއަތް ހިނގައި ދިއުމަކުން ގައުމަށް ވާނެ އެއްވެސް ރަނގަޅެއް ނެތް ކަމަށެވެ.
މުޒާހަރާގެ ބައިވެރިންނާ ފޯނުން ވާހަކަ ދެއްކެވި އިރު ގާސިމް ވަޑައިގެން ހުންނެވީ ސްރީލަންކާގަ އެވެ. ގާސިމް ގައުމުން ބޭރުގައި ހުންނެވީ ވަރަށް މުހިއްމު ބައްދަލުވުން ތަކަކަށް ކަމަށް ޖުމްހޫރީ ޕާޓީން މިއަދު ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ