މި ސަރުކާރު ހިމާޔަތްކުރާނީ ދިވެހި ރައްޔިތުން: ތޯރިގު

ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރު ބަދަލްކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރި ނަމަވެސް ދިވެހި ރައްޔިތުން މި ސަރުކާރު ހިމާޔަތްކޮށް ދަމަހައްޓާނެކަމަށް އެންވައިރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ސަރުކާރު ކުރިއަށް އޮތް މަދު ހަފްތާތަކެއްގެ ތެރޭގައި ވެއްޓޭނެކަމަށް ބީބީސީން ރިޕޯޓްކުރުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ވެރިކަން ބަދަލްކުރުމަކީ އިދިކޮޅު ފަރާތްތަކުގެ ހުވަފެނެއްކަމަށާ ނަމަވެސް އެކަން ހަގީގަތަކަށް ނުވާނެކަމަށެވެ.
ދިވެހި ރައްޔިތުންނަށް މިސަރުކާރުން ގައުމަށް ގެނެސްދެމުންދާ ތަރައްގީއާއި ކުރިއެރުން ފެންނަމުންދާކަމަށާ މިގައުމުގެ ހަމަޖެއްސުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ރައްޔިތުންގެ ތާއީދު އެބައޮތްކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ.
ތޯރިގު ވިދާޅުވީ އިދިކޮޅު ފަރާްތްތަކަށް މިސަރުކާރު ވައްޓާނުލެވޭނެކަމަށާ އެފަދަ ކަމަކަށް އެފަރާތްތައް ތެދުވެއްޖެނަމަ ސަރުކާރު ހިމާޔަތްކޮށް ދަމަހައްޓާނީ ދިވެހި ރައްޔިތުންކަމަށްވެސް މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އިދިކޮޅު ފަރާްތްތަކަށް މިއަދު ގޮތް ހުސްވެފައިވާކަމަށާ ވެރިކަން ވައްޓާލާ ގައުމު ހަމަނުޖެހުމުގެ ތެރެއަށް ގެންދިއުމުގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަމުުން ގެންދަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށްކަމަށެެވެ. އަދި ރާޢްޖެއިން ބޭރަށް ވަޑައިގެން ގައުމުތަކުގެ ހިމާޔަތް ހޯދައިގެން ތިބެ އިދިކޮޅު ލީޑަރުން މިއަދު ކުރަމުން ގެންދާ މަސައްކަތަކީ ދިވެހި ގައުމު ބަދުނާމްކޮށް، ތަރައްގީއަށް ހުރަސްއެޅުމުގެ މަސައްކަތްކަމަށްވެސް މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ނުކުރެވުނު ކިތަންމެ މަސައްކަތެއް މިސަރުކާރުން ކޮށްފައިވާކަމަށާ އެކަމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ރައީސް އަބުދުﷲ ޔާމީނަށް ލިބިފައިވާކަމަށެވެ.
ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރު ބަދަލްކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރި ނަމަވެސް ދިވެހި ރައްޔިތުން މި ސަރުކާރު ހިމާޔަތްކޮށް ދަމަހައްޓާނެކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވެފައިވާއިރު، ބީބީސީގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ ވެރިކަން ގާނޫނީ ހަމަތަކުގެ ތެރެއިން ވަރަށް އަވަހަށް ނިމުމަކަށް ގެނައުމަށް ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރު ބަދަލުކޮށްލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބީބީސީގައި ބުނެފައިވާއިރު އިނގިރޭސިވިލާތަށް އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި މާލޭގައި ހަރަކާތްތެރިވާ ރާއްޖޭގެ އިދިކޮޅު އިއްތިހާދުގެ އިސްވެރިން ލަންކާގައި ބުދަ ދުވަހުން ފެށިގެން ބައްދަލުކުރަމުން ގެންދާ ކަމުގެ ހަބަރުތަކެއް މީޑިއާގައި ދަނީ ފެތުރެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ