ފަލަސްތީނު ޒުވާނަކު ޝަހީދު ކޮށްލައިފި

އިސްރާއީލުގެ އުދުވާނީ ސިފައިން މިއަދުގެ ވަރަށް ފަތިހާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ޒުވާނެއްގެ ގަޔަށް ބަޑިޖަހާ ޝަހީދު ކޮށްލައިފިއެވެ.
ފަލަސްތީނުގެ ސަލާމަތީ އޮފިޝަލުން ވިދާޅުވީ، އިސްރާއީލު ސިފައިން ރޭގެ ފަތިހު ރާމަﷲ ކައިރީގައިވާ ބައިތު ރީމާއަށް ވަދެގަތީ ކަމަށެވެ. އެކަމާ ގުޅިގެން ފަލަސްތީނުގެ ޒުވާނުން އެމީހުންނާ ދިމާއަށް ގާއުކި ކަމަށެވެ.
މިކަމުގެ ތެރޭގައި އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖެހުމުގެ ސަބަބުން ޝަހީދުވެފައިވަނީ އުމުރުން 19 އަހަރުގެ އަހްމަދު ހާޒިމް އައްތާ ނަމަކަށްކިޔާ ޒުވާނެއް ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްރާއީލު ސިފައިންގެ ތަރުޖަމާނު ފަހުން ބުނެފައިވަނީ ބައިތު ރީމާގައި އިސްރާއީލު ސިފައިންނަށް ވަރަށް ވަރުގަދަ ދެކޮޅުވެރިކަމަކާ ކުރިމަތިވި ކަމަށެވެ. ނަމަވެސް މީހަކު މަރުވިކަމެއް ޔަގީންކޮށެއް ނުދެއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ފަލަސްތީނުގެ ޒުވާނުން އިސްރާއީލުގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް ހިންގަމުންގެންދާ ދެކޮޅުވެރި ހަރަކާތްތަކުގެ ތެރޭގައި އިސްރާއީލުންވަނީ މިހާތަނަށް ފަލަސްތީނުގެ 244 މީހެއްގެ ގަޔަށް ބަޑިޖަހާ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ ޒުވާނުންނާއި ކުޑަކުދިންނެވެ.
ފަލަސްތީނުގެ ގިނަ ޒުވާނުންގެ ގަޔަށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ބަޑިޖަހާފައިވަނީ އެމީހުން ވަޅިއެއް ނުވަތަ ތޫނު އެހެންވެސް ހަތިޔާރެއް ހިފައިގެން ހުރިކަމަށް ބުނެއެވެ.
ފަލަސްތީނު ޒުވާނުންގެ ރައްދު ހަމަލާތަކުގައި އިސްރާއީލުގެ 36 މީހަކު މަރާލާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ