ބުދަ ދުވަހުން ފެށިގެން ލަންކާއަށް މޫސުން ގޯސްވާނެ

އަންނަ ބުދަ ދުވަހުން ފެށިގެން ސްރީލަންކާގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެދާނެ ކަމަށް އެގައުމުގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ބުނެފިއެވެ.
ލަންކާގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ބުނި ގޮތުގައި ބުދަ ދުވަހުން ފެށިގެން ލަންކާއަށް ވައި ގަދަވުން އެކަށީގެންވެއެވެ. އެގޮތުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަަދަވުން އެކަށީގެންވާ ކަމަށް ލަންކާގެ މީޓިއޮރޮލޮޖީން ބުނެއެވެ.
އެގައުމުުގެ މޫސުމާބެހޭ އިދާރާއިން ބުނި ގޮތުގައި ލަންކާގެ ސަބަރަގަމުވަ ޕްރޮވިންސް ހުޅަނގާއި ދެކުނަށް އަދި މެދު ތެރޭގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެއެވެ. ބައެއް ސަރަހައްދު ތަކަށް 100 މިލިމީޓަރަށް ވާރޭ ވެހުން އެކަށީގެންވާ ކަމަށްވެސް ލަންކާގެ މީޓިއޮރޮލޮޖީން ބުނެއެވެ.
މިދިޔަ މަހު ލަންކާއަށް ކުރި މޫސުމީ ވިއްސާރައިގައި 20 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މޫސުން ގޯސްވެ އެކަމުގެ އަސަރު 150،000 އަށްވުރެ ގިނަ މީހުންނަށް ކުރިއެވެ. އަދި 55،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ