ދަރިން ތަރުބިއްޔަތުކުރެވެމުން މިދަނީ ޤިޔާމަތް ދުވަހު ބެލެނިވެރިންނަށާ ވެރިންނަށްވެސް ސަލާމަތްވެވޭނެ ގޮތަކަށް ނޫން!

އަޅުގަނޑަކީވެސް ގިނަ ބައަކު ނަމާދަށް އަރާ މިސްކިތަކަށް އަރައިއުޅޭ މީހަކީމެވެ. ޖަމާއަތުގެ ނަމާދުތަކުން ކުދިން ފެންނަނީ ވަރަށް މަދުންނެވެ. މިއީ އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ. އަޅުގަނޑުގެ ސުވާލަކީ ދަރިން ތަރުބިއްޔަތުކުރެވެމުން މިއަންނަނީ ބެލެނިވެރިންނަށާއި ސަރުކާރަށް ޤިޔާމަތް ދުވަހު މާތް ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީވެވޭނެ ގޮތަށް ހެއްޔެވެ؟
ކިޔުންތެރިޔާ ފާހަގަކުރައްވާފައިވާ މައްސަލައަކީ މިއަދުނޫހުގައި ވަރަށް ގިނައިން ލިޔެވެމުން އަންނަ މައްސަލައެކެވެ. ހިތާމައަކީ ވިސްނާ މީހުން މަދުކަމެވެ. ތިރީގައިވާ ލިޔުމަކީވެސް އެގޮތުން ލިޔެވިފައިވާ ލިޔުމެކެވެ. ތިއަކުރައްވާ ސުވާލުގެ ޖަވާބު ލިޔުމުން ލިބިލައްވާނެއެވެ. އިން ޝާ ﷲ
ދަރިވަރުންނަކީ އިސްލާމް ދީނަށް ލޯބިކުރާ ރަސޫލް ޞައްލﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ޢަމަލުކުރާ، ދީނީ ވާޖިބުތައް އަދާކުރާ ބައަކަށް ހެދޭނީ ބެލެނިވެރިންނާއި ސްކޫލަތަކުން އެކަމަށް ވަރަށް ބޮޑަށް ސަމާލުކަންދީގެންނެވެ. އެއީ ބޮޑުން ދައްކަވާ ވާހަކަފުޅުތަކުގައި ވިދާޅުވާ ވާހަކައަކަށް އެކަނި ވެގެން މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ.
ދިރާސީ އަހަރު ނިމޭއިރު ގިނަ ދަރިވަރުންތަކަކަށް އިމްތިޙާނުތަކުން ރަނގަޅު ނަތީޖާއެއް ކޮންމެ އަހަރަކު ލިބުނު ނަމަވެސް ދީނުގެ މަގުން ދަރިން ތަރުބިއްޔަތުކުރުމުގައި ކުރިއެރުމެއް ހޯދުނުކަން ފެންނާކަށް ނެތެވެ. އެކަމަށް ސަމާލުކަން ދެވޭތަން ނުފެންނާތީއެވެ. އެންމެ ކުޑަމިނުން ދަރިވަރުން ލައްވައި ނަމާދުކުރުވަން ދޭންޖެހޭ ސަމާލުކަން ދެވޭތަންވެސް ނުފެންނާތީއެވެ.
ސުވާލަކީ ފަރުޟު ނަމާދުތަކުގެ ޖަމާޢަތްތަކަށް ހުރަސްއެޅޭގޮތަށް ހިންގާ ޙަރަކާތްތައް ކުރިއަށް ގެންދާނަމަ ދަރިވަރުންނަށް އެދެވެނީ ކޮންފަދަ ނުބައި ފިލާވަޅެއް ނުވަތަ އެއީ ކޮންފަދަ ނުބައި ތަރުބިއްޔަތެއް ހެއްޔެވެ؟ އިސްލާމީ ރިވެތި އަޚްލާޤާއި ތަރުބިއްޔަތު ދަރިންނަށް ނުދެވޭނަމަ ދެވޭ ތައުލީމުން ދަރިވަރުންނަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
ދެނަމާދުދޭތެރޭގައި ސްޓޭޑިއަމަށް ކުޅެން ގެންދިއުމާއި ޢިޝާ ނަމާދު ޖަމާޢަތުގައި ނުކުރެވޭ ގޮތަށް ޙަރަކާތްތައް ހިންގުމުން އެކަމުން ދަރިވަރުންނަށް ކުރާނެ އަސަރާއިމެދު ބަލާހެއްޔެވެ؟ އެކަމަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދޭކަން ސްޓޭޑިއަމްގެ ދަނޑުތަކުން އެކަނިވެސް ކޮންމެ ރެއަކުވެސް ދަނީ ފެންނަމުންނެވެ.
ޔަޤީންކުރަންޖެހޭ ކަމަކީ އެންމެ މުހިންމު ކަމަކީދަރިވަރުންނަށް އިސްލާމީ ތަރުބިއްޔަތެއް ދިނުން ކަމެވެ. ނަމާދުކުރަން ޝައުޤުވެރިވާ ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރުންކަމެވެ. މީހަކު ކިތަންމެ ގިނަ ދާއިރާތަކަކުން ޕީއެޗްޑީ ޙާޞިލްކޮށްގެން ހުރުމަކީ ސުވަރުގެ ވައްދަވާނެ ސަބަބެއް ނޫނެވެ. ސުވަރުގެ ވަދެވެން އޮތީ ނަމާދުކޮށްގެންނެވެ. ވީމާ ނަމާދުކުރަން ތަރުބިއްޔަތު ނުކުރެވި، އިސްލާމީ ތަރުބިއްޔަތު ނުދެވި ގްރެޖުއޭޝަން ބާއްވައި ކަރުގައި ކިތަންމެ ފުޅާ، ކިތަންމެ ވިދާ ފޮތިގަނޑެއް އެޅުވުމުން ނުވަތަ އެފޮތިގަނޑާއިއެކު ފޮޓޯބެގުމުން އެދަރިންނަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
ލޮބުވެތި ބެލެނިވެރިންނޭވެ! ދަރިން ލައްވައި ކުޅިވަރު ނުކުޅުވައިގެން، ކަސްރަތަށް ދަރިފުޅު ނުގެންގޮސްގެން ފާފަވެރިއެއް ނުވާނެއެވެ. ނަމާދުކުރަން ތަރުބިއްޔަތުނުކޮށްފިނަމަ، އަދި ނަމާދުނުކުރުވުމުން ބެލެނިވެރިން ފާފަވެރިވާނެއެވެ. ޢަޛާބު ދެއްވަވާނެއެވެ!
--އަލަފް / މިއަދުނޫހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ