މުއްސަނދި މީހުންނަށް ނޫނީ އިންސާފު ނުލިބޭކަން ގިނަ އާންމުން މިއަދު ގަބޫލުކުރޭ: ފަލާހު

ދިވެހިރާއްޖޭގައި ފޯރާ، އަތުގައި ފައިސާ ހުރި މީހުންނަށް ނޫނީ އިންސާފު ނުލިބޭކަން ގިނަ ރައްޔިތުން މިއަދު ގަބޫލުކުރާ ކަމަށް، އިނގުރައިދޫ ދާއިރާގެ މެންބަރު, އަދި ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު, އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ. ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ، ގައުމެއް ބިނާކުރުމުގައި އެންމެ އިސް ވާޖިބެއް އަދާކުރާ އެއް ތަނަކީ ފަނޑިޔާރުގެތައް ކަމަށާއި، ނަމަވެސް މި ގައުމަށް ބަލައިފި ކަމަށް ވާނަމަ އަދުލު އިންސާފުގެ ނިޒާމު އެއްކޮށް ހަލާކުވެފައިވާ ކަމަށް ގިނަ ރައްޔިތުން މިއަދު ގަބޫލުކުރާ ކަމަށެވެ. "ވަރަށް މަދު ރައްޔިތަކަށް، ޚާއްސަ ގޮތެއްގަ ފޯރާ، މުއްސަނދި، ތަނަވަސް، އަތުގައި ފައިސާ ހުރި ބޭފުޅުންނަށް ނޫނިއްޔާމު އަދުލު އިންސާފު ލިބުމަކީ މި ގައުމުގައި ނުވާނެ ކަމެއް ކަމަށް ވަރަށް ގިނަ ރައްޔިތުން ގަބޫލުކުރޭ،" ފަލާހު ވިދާޅުވިއެވެ. ދައުލަތުން ފަނޑިޔާރުންނަށް ބޮޑެތި ހަރަދުތައް ކުރާ ކަމާއި، ފަނޑިޔާރުންނާއި ފަނޑިޔާރުންގެ އާއިލާއަށް ބޭސްފަރުވާގެ އިނާޔަތްތައް ދެމުންދާ ކަމާއި، ފަނޑިޔާރުން ރިޓަޔާކުރެއްވުމަށް ފަހު ވެސް ހަމަޖެހިލައިގެން ދިރިއުޅެވޭ ގޮތަށް ގާނޫނުގައި އެބައޮތް ކަން އޭނާ ފާހަގަކުރެއްވިއެވެ. އެއާއެކު އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވެ، ފަލާހު ވިދާޅުވީ، އެމްޑީޕީގެ މިދިޔަ ވެރިކަމުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭ އަށް ފަނޑިޔާރުން ވަކިކޮށް 12 ފަނޑިޔާރުން ސަސްޕެންޑުކޮށް 35 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލާފައިވާ ކަމަށެވެ. "އެހެންވީމާ އެއީ މިހާތަނަށް ރާއްޖޭގަ ވެރިކަމެއްގެ ތެރޭގައި ފަނޑިޔާރުގެއަށް އެންމެ ބޮޑަށް އަތް ބާނައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި އޮތް ވެރިކަމަކީ އެމްޑީޕީގެ މިދިޔަ ވެރިކަން،" އޭނާ ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން އަދުލު އިންސާފުގެ ދާއިރާއަށް ނުފޫޒު ނުފޯރުވާ ކަމަށާއި ފޯރުވި ކަމުގެ ހެއްކެއް ދެއްކެން ވެސް ނޯންނާނެ ކަމަށް ފަލާހު ވިދާޅުވިއެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރީ ސުލޫކީ މައްސަލަ ހުރެގެން ކަމަށާއި، ސަރުކާރުގެ ނުފޫޒެއް އެ ނިންމުމުގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ