ފީފާއިން ނިންމީ އިންފަންޓީނޯ ކުށްވެރި ނުވާ ކަމަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ގުޅޭ ގޮތުން ބާރާއި ނުފޫޒު ބޭނުންކުރި ކަމުގެ މައްސަލައިގައި އިންފަންޓީނޯ ކުށްވެރިނުވާ ކަމަށް ފީފާގެ އެތިކްސް ކޮމިޓީން ނިންމައިފިއެވެ.
ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރުން އަންނަނީ އެ ގައުމުގެ އެޓާނީ ޖެނެރަލް މައިކަލް ލޯބާ އާއެކު އިންފަންޓީނޯ ބޭއްވި ބައްދަލުވުންތަކުގައި ބާރާއި ނުފޫޒު ބޭނުންކޮށްގެން ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެ، އެކަން ތަހުގީގު ކުރަމުންނެވެ.
އިންފަންޓީނޯގެ މި މައްސަލަ ނިމެންދެން އޭނާ މަގާމުގެ ޒިންމާ އަދާކުރުމުގައި ދެމި ހުރުމާ މެދު ގޮތެއް ނިންމަން ޖެހިއްޖެނަމަ އެކަން ކުރާނީ ފީފާގެ އެތިކްސް ކޮމިޓީން ކަމަށް އެ އިދާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ. އެއަށްފަހު އެތިކްސް ކޮމިޓީން ކުރިއަށް ގެންދިޔަ ޕްރިލިމިނަރީ ތަހުގީގަށް ފަހު ނިންމާފައިވަނީ އިންފަންޓީނޯ އެ އިދާރާގެ އުސޫލުތަކާ ޚިލާފުވެފައިނުވާ ކަމަށެވެ.
ފީފާއިން ބުނީ ސްވިޒަލެންޑްގެ ކޯޓުތަކުން ހިއްސާކުރި ލިޔެކިޔުންތައް ބަލާފައިވާ ކަމަށާއި، ބައެއް ކަންކަން ފީފާގެ ކޯޑް އޮފް އެތިކްސްގެ ތެރެއަށް ނުވެސް ވަންނަ ކަމަށެވެ. އަދި ވަގުތީ ސަސްޕެންޝަނެއް ފަދަ ފިޔަވަޅެއް އެޅުމަށް އެއަކުން ބާރެއް ނުލިބޭ ކަމަށްވެސް ވަނީ ބުނެފައެވެ.
އިންފަންޓީނޯގެ މައްސަލައިގައި ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރުން މީގެ ކުރިން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ އިންފަންޓީނޯގެ މައްޗަށް ތަހުގީގު ކުރަމުން އަންނަނީ ޕަބްލިކް އޮފީހެއް ނަހަމު ގޮތުގައި ބޭނުންކުރުމާއި، ސިއްރިއްޔާތުގައި އޮފީހުގައި ބައްދަލުވުންތަކެއް ބޭއްވުމާއި، ޤާނޫނާ ޚިލާފަށް އަމަލުތަކެއް ހިންގުމުގެ އިތުރުން އެފަދަ ބަޔަކަށް އެހީތެރިވި މައްސަލަ ކަމަށެވެ.
މިކަމާ ގުޅިގެން އިންފަންޓީނޯ ވިދާޅުވީ ލޯބާ އާއެކު ބައްދަލުވުންތަކެއް ކުރިއަށްގެންދިޔަ ކަމަށާއި، އެކަމަކު އެއިން އެއްވެސް ބައްދަލުވުމެއްގައި ޤާނޫނާ ޚިލާފު ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ކަމަކަށް އެއްބާރުލުން ދީފައިވެސް ނުވާނެ ކަމަށެވެ. އަދި ސްވިޒަލެންޑްގެ އެޓާނީ ޖެނެރަލްއާ ބައްދަލުކުރުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށްވެސް އިންފަންޓީނޯ ވިދާޅުވިއެވެ.
ފީފާގެ ރައީސް އިންފަންޓީނޯގެ މައްސަލައެއް ބަލަމުން އަންނައިރު، ފީފާގެ ކޮރަޕްޝަންގެ މައްސަލަ އެންމެ ބޮޑުވެގެން އައީ 2015 ވަނަ އަހަރުގައެވެ. އެގޮތުން އޭރު ފީފާގެ ރައީސްގެ މަގާމުގައި ހުންނެވި ސެޕް ބްލެޓާގެ މައްޗަށް ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ. އަދި އެ މައްސަލައިގައި ފުޓްބޯޅައިގެ ހަރަކާތްތަކުން ބްލެޓާ ސަސްޕެންޑް ކުރަންވެސް ނިންމިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ