ރަސޫލާއަށް ފުރައްސާރަކޮށް މަލާމާތްކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަން ގާސިމް ގޮވާލައްވައިފި

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް މަލާމާތްކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
ގާސިމް މިގޮތަށް ގޮވާލައްވާފައިވަނީ މަސްތުވެގެން ހުރެ މާލޭ މަގުމަތީގައި އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކި ބިދޭސީއަކު ހައްޔަރުކޮށްފައި ވަނިކޮށެވެ. ނަމަވެސް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ދޫކޮށްލައިފަ އެވެ. އެކަމާ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
ގާސިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިހާރަކަށް އައިސް މާތް ﷲ ވޮޑިގެން ނުވާ ކަމަށް ބުނަމުން ދިއުމާއި ރަސޫލާއަށް ތަފާތު ގޮތް ގޮތަށް ދިމާކޮށް އެކި ކަހަަލަ މަލާމާތްކޮށް ފާޑު ކިޔަމުން އަންނަ ކަމަށެވެ.
"އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. މިކަމަށް އެންމެ ހަރުކަށި ފިޔަވަޅު އަޅަން ގޮވާލަން،" ގާސިމުގެ ޓުވީޓުގައި ވިދާޅުވި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ މަސްތުވެ މަގުމަތީގައި އުޅެނިކޮށް ހައްޔަރުކުރީ އިންޑިއާ ރައްޔިތެކެވެ. އަދި އެމީހާ ހައްޔަރު ކުރަން އުޅުމުން އޭނާ ވަނީ ފުލުހުންނަށް އަމާޒުކޮށް ހުތުރު ވައްތަރު ޖައްސައި، އޭނާއަކީ ރާއްޖޭގައި ހާއްސަ ރައްކާތެރި ކަމެއް ލިބިފައިވާ މީހެއް ކަމަށް ވެސް ބުނެފަ އެވެ.
އެމީހާ ކޯޓުން ދޫކޮށްލުމުން، އެކަމާ ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފެށުމުން ފުލުހުން ވަނީ އޭނާގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ