ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވަކީލުންނަށް އެމަނިކުފާނާއި ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އެއްވެސް ކޯޓަކުން އަމުރެއް ނެރެފައި ނުވާކަމަށް މޯލްޑިވުސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންނާއި ބައްދަލުކުރުވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ކަރެކްޝަނުން ވިދާޅުވީ ރައީސް ޔާމީނާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ މަޢުލޫމާތަކީ އެއްވެސް ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ކަރެކްޝަނުން ވިދާޅުވީ ރައީސް ޔާމީނުގެ ވަކީލުންނާއި ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މިހާތަނަށް އެއްވެސް ކޯޓަކުން އަމުރުކޮށްފައި ނުވާކަމަށެވެ. އެހެން ނަމަވެސް، ވަކީލުންގެ ފަރާތުން ހޯދަންޖެހޭ އެހީތެރިކަން ހޯދުމަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުންނާއި އެކަހެރިކޮށް ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކްރިމިނަލް ކޯޓުން އެދިވަޑައިގެންފައިވާކަމަށެވެ. އަދި މީގެ ކުރިންވެސް ބައްދަލުވުން ހަމަޖައްސައިދީ ޖަލަށް ވަޑައިގަތުމުން، ބައްދަލުކުރޭވެނެ ކަމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންނައް ކަރެކްޝަންއިން އަންގާފައި ވާނެކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ވަކީލުންނަށް އެމަނިކުފާނާއި ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރެއް ނެރުއްވާނެކަން ކްރިމިނަލް ކޯޓުން އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަޑިޔާރު ވަނީ ވިދާޅުވެފައެވެ. ރައީސް ޔާމީނާއި ދެކޮޅަށް އުފުލާފައިވާ ޝަރީއަތުގެ ޢިބްތިދާޢީ އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނާއި ދެކޮޅަށް ކްރިމިނަލް ކޯޓަށް މިހާރު ހުށައަޅާފައިވާ މައްސަލައިގެ އެއްވެސް ލިޔެކިއުމެއް މިހާތަނަށް ލިބިފައިނުވާކަމަށާއި، އެލިޔެކިޔުންތައް ފެނުމުން ނޫނީ ޝަރީޢަތް ކުރިއަށްގެންދަން ފަސޭހަފުޅު ނޫންކަމަށެވެ.
ދެފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވީ ކޯޓަށް މައްސަލަ ހުށައެޅުމަށްފަހު މިވީ މުއްދަތުގައި ދަޢުވާ ލިބޭ ފަރާތާއި ބައްދަލުވެފައި ނުވާކަން ދެފަރާތަކުގެ ވާހަކަތަކުންވެސް އެނގޭކަމަށެވެ. އަދި މި މައްސަލައަކީ އޭގެ ޒާތުން ބޮޑު މައްސަލައަކަށްވާތީ މައްސަލަ ރައްދުވާ ފަރާތާއި ދިފާޢީ ވަކީލުންނާ ސީދާ ބައްދަލުކުރެވޭނެގޮތަށް އެކެހެރި ބައްދަލުވުމެއް ދިނުމަށް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ކޯޓުން ޢަމުރެއް ނެރުއްވާނެ ކަމަށެވެ.
ދައުލަތުން އިއްޔެ ހުށައެޅި ލިޔެކިޔުންތައްވެސް މައްސަލަ ރައްދުވާ ފަރާތާއި ދިފާޢީ ވަކީލުންނަށް ރައްދުކުރުމަށްފަހު 10 ދުވަހާ 15 ދުވަހާ ދެމެދުގެ މުއްދަތެއްގައި މި މައްސަލައިގެ އަޑުއެހުމެއް އަނެއްކާވެސް ކްރިމިނަލް ކޯޓުގައި ތާވަލުކުރާނެ ކަމަށްވެސް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.
ވަކީލު ބައްދަލުން ހަމަޖައްސައިދޭން ކޯޓުން އަމުރެއް ނުނެރޭ: ކަރެކްޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ