މަޖިލީސް ރައީސް ނަޝީދު ހިތާ ނުވާ ވާހަކަތަކަށް ރައްދުދިނުން އާންމު ކަމަކަށް ހައްދަވައިފި

އެކި އެކި މައްސަލަތަކުގައި މިނިސްޓަރުން ދެއްވާ ޖަވާބަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިތާ ނުވާ ޖަވާބެއް ނަމަ އެ މައްސަލައަކަށް ރައްދު ދެއްވުން ނަޝީދު އާންމުން ކަމަކަށް ހައްދަވައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ހެނދުނު ދަންފަޅީގައި އޮތީ ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމު ހާޒިރުކޮށް އޭނާއާ ސުވާލު ކުރުމެވެ. މިއަދުގެ ޖަލްސާގައި ނަޝީދު އެންމެ ބޮޑު ހިތް ހަމަނުޖެހިވަޑައިގަތީ، ގުޅީ ފަޅުގެ ޕްލޭން އާންމު ކުރެވޭނެ ދުވަހަކާ ގުޅޭ ގޮތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބާ މެދު އެވެ. އިމްތިޔާޒު ފަހުމީ ސުވާލު ކުރެއްވީ ގުޅީފަޅު ސަރަހައްދުގެ މުޅި ޕްލޭން ނިމި ރައްޔިތުންނާ ހަމައަށް ސާފުކޮށް އެނގޭނީ ކިހާ ދުވަހުކުތޯ އާއި އެތަނުން ކިހާ އަދަދެއްގެ ހައުސިން ޔުނިޓެއް ކަނޑައެޅޭނެ ތޯ އެވެ. އެހެން ނަމަވެސް އިމްތިޔާޒު ކުރެއްވި ސުވާލު ކަމަށް ވިދާޅުވެ ނަޝީދު ވަނީ މިނިސްޓަރު އަރިހުގައި މުޅިން ތަފާތު ސުވާލެއް އައްސަވައިފަ އެވެ. "މާފަންނު އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރުގެ ސުވާލަކީ ގުޅީފަޅުން މާލޭގައި ދިރިއުޅޭ މީހުނަށް ގޯތި ލިބޭނެތޯ؟ މެންބަރުން ކަންކަމާ ސުވާލު ކުރުމުން އޭގެ ދެމެދަށް ވަދެ، ނަޝީދު ބޭނުން ސުވާލެއް ވަޒީރުނާއި އަދި އެ ނޫން ފަރާތްތަކާ ކުރެއްވުން ވެސް ވަނީ އާންމުކަމަކަށް ހައްދަވައިފި އެވެ. ނަމަވެސް އެއީ މަޖިލީހުގެ ހަވާއިދު ތަންދޭ ކަމެއް ނޫނެވެ. މަޖިލީހުގައި ބުނެފައި ވަނީ މަޖިލީހުގައި ހިނގާ ބަހުސުގައި މަޖިލީހުގެ ރައީސް އަށް ބައިވެރިނުވެވޭނެ ކަމަށެވެ. ގުޅީ ފަޅުގެ ޕްލޭންގެ ޑްރާފްޓެއް އެބައޮތް ކަން ފާހަގަކޮށް މިނިސްޓަރު ޖަވާބު ދެއްވަން ފައްޓަވައި މާގިނައިރުތަކެއް ނުވެ އަނެއްކާ ވެސް ރައީސް ނަޝީދު ވަނީ މިނިސްޓަރުގެ ވާހަކަފުޅު ހުއްޓުވައި އެއީ މާލޭގެ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ފަހުން ވަނީ އިމްތިޔާޒު ކުރެއްވި ސުވާލު ތަކުރާރު ކުރައްވައި އެކަމުގެ ސާފު ޖަވާބު ރައްޔިތުން އެނގެން ބޭނުންވާ ކަމަށް 'ހަރު' ކޮށް ވިދާޅުވެފަ އެވެ. "އިއްޒަތްތެރި ރައީސް އަޅުގަނޑު އެ ސުވާލަށް ޖަވާބު ދެއްވުމަށް ފުރަތަމަ އެއްސެވި ސުވާލަކީ ޕްލޭންގެ ވާހަކަ. އެހެންވީމާ ޕްލޭންގެ ޑްރާފްޓެއް އެބައޮތް. ދެން އަތަނުން 1200 ބިން ކެނޑުމަށް،" އެހިސާބަށް މިނިސްޓަރުގެ ވާހަކަ ދިއުމާ އެކު އަނެއްކާ ވެސް ރައީސް ނަޝީދު ވަނީ ސުވާލެއް ކުރައްވައިފަ އެވެ. ގުޅީ ފަޅުގެ ޕްލޭންގެ އޮތީ ޑްރާފްޓެއް ކަން ސާފުކޮށް މިނިސްޓަރު ވިދާޅުވި ނަމަވެސް ރައީސް ނަޝީދު އަނެއްކާ ވެސް ވިދާޅުވީ، ޕްލޭނެއް އޮތުމަކީ އެ ވާހަކަތައް ގެޒެޓްކޮށްފައި އޮތުން ކަމަށާއި އެހެން ނޫނީ އެ އޮންނަނީ ޑްރާފްޓެއް ކަމަށެވެ. "އަޅުގަނޑަށް މިތަނުގައި މި ދެންނެވެނީ ހަމަ ރަސްމީކޮށް މިކަން އޮތް ގޮތުގެ ވާހަކަ،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ. އެކަމާ ހިތް ހަމަނުޖެހުން ފާޅުކުރައްވައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، މެންބަރުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބު ދެއްވުމުން މަޖިލީހުގެ ރައީސް ދައްކަވާ ވާހަކަފުޅުން "ވާންވީ ގޮތެއް ވާން އުޅޭ ގޮތެއް ޕޮލިސީ އަކީ ކޮބައި ކަމެއް ސާފެއް ނުވާ" ކަމަށެވެ. ޝަރީފުގެ ވާހަކަ އެއްކޮށް ނުނިމެނީސް ރައީސް ނަޝީދު ވަނީ އޭނާގެ މައިކް ކަނޑާލައި އިށީނުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ޝަރީފު އޭނާގެ ހިތުގެ ޝުއޫރުތައް ބަންޑުންކޮށްލި އެވެ. ރާއްޖޭގެ ސިއްހީ ދާއިރާ ދުވަހެއް ދުވަހަކަށް ދަށަށް ދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ބަޔަކު ދެއްކި ވާހަކަތަކުގެ ދިފާއުގައި ހެލްތު މިނިސްޓްރީން ކުރީ ރޭ ބަޔާނެއް ނެރުމުން ވެސް އެކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކަމަކު ނުދިޔަ އެވެ. އީދު ބަންދަށް ފަހު މަޖިލީހުގެ ޖަލްސާތައް އިއްޔެ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ހެލްތު މިނިސްޓްރީގެ ބަޔާނުން ހީވަނީ މަޖިލިސް ހިންގަންވީ ގޮތް ބުނެދޭން އުޅޭހެން ކަމަށެވެ. "އަޅުގަނޑު އެ މިނިސްޓްރީއަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށާއި ވުޒާރާގެ ވަޒީރަށް [މިނިސްޓަރު އަބްދުﷲ އަމީނަށް] ވަރަށް އިހުލާސްތެރިކަމާ އެކު ދަންނަވަން ދިވެހި ރާއްޖޭގެ ގާނޫނީ ނިޒާމު ގަޑުބަޑު ނުކުރެއްވުމަށާއި އަދި މި މަޖިލީހުން ކުރާ ކަންކަމަށް ވުޒާރާތަކުން އެ ބާވަތުގެ ނޫސްބަޔާން ނެރުއްވައި ބެހިވަޑައިނުގަތުމަށް،" ނަޝީދު ވިދާޅުވި އެވެ. ނަޝީދު އެހެން ވިދާޅުވި އިރު ހެލްތު މިނިސްޓްރީ އިން ބަޔާނެއް ނެރި އެ މިނިސްޓްރީ އިން އާންމު ކުރީ އެ މައްސަލާގައި އެ މިނިސްޓްރީގެ ސްޓޭންޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ