ސުޕްރީމް ކޯޓުން ވެސް ޓްރަމްޕަށް ނާކާމިޔާބު

އެމެރިކާގައި މިދިޔަ މަހުގެ ކުރީކޮޅު ބޭއްވި ރިޔާސީ އިންތިހާބުގެ ހަތަރު ސްޓޭޓެއްގެ ނަތީޖާ ބާތިލުކުރަން އެ ޤައުމުގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުތަގުމަށް އެ ކޯޓުން ނިންމައިފިއެވެ. ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ޓެކްސަސްގެ އެޓާނީ ޖެނެރަލް ކެން ޕެޒްޓަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ޕެންސިލްވޭނިއާ، މިޝިގަން، ޖޯޖިއާ އަދި ވިސްކޮންސިންގެ އިންތިޚާބުގައި އޮޅުވާލުންތަކެއް އޮތްކަމަށް ނިންމައި ދިނުމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ ޓެކްސަސް އާއި އެއްވެސް ގުޅުމެއްނެތް މައްސަލައެއް ޓެކްސަސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަނޭޅޭނެ ކަމަށެވެ.މި ދައުވާ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް އެކޯޓުގައި ހިމެނޭ ނުވަ ފަނޑިޔާރުންގެ ތެރެއިން އެއްވެސް ބޭފުޅަކު ދެކޮޅު ހައްދަވާފައެއް ނުވެ އެވެ. ސުޕްރީމް ކޯޓުގެ މިއަމުރާއެކު ރިޔާސީ އިންތިހާބާގުޅޭ މައްސަލައެއް އެމެރިކާގެ އެއްވެސް ކޯޓަކަށް ހުށަހެޅުމުގެ ފުރުސަތު ޓްރަމްޕަށް އެއްކޮށް ގެއްލިގެން ދިޔައީ އެވެ. ސުޕްރީމް ކޯޓުގެ ނިންމުމާއި ގުޅިގެން ޓްރަމްޕް އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް ރިޕަބްލިކަން ޕާޓީގެ ޤާނޫނީ ޓީމުން ބުނީ އެމެރިކާގެ ޑިމޮކްރަސީ ހިމާޔަތްކޮށް ދިފާއު ކުރަން ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެއެވެ.މި މައްސަލަތައް ސުޕްރީމްކޯޓަށް ހުށައެޅުމަށްފަހު ޓްރަންޕު ހުންނެވީ މި މައްސަލަތައް ކާމިޔާބު ވާނެކަމުގެ ވަރަށް ބޮޑު އުއްމީދެއްގައެވެ. އެގޮތުން ޓްރަންޕު ގެންދެވީ ސުޕްރީމްކޯޓަށް ތާއިދުކުރައްވާ ގިނަ ޓްވީޓްތަކެއް ކުރައްވަމުންނެވެ. ޓްރަންޕުގެ ޓްވީޓްތަކުގައި ވިދާޅުވެފައިވަނީ ސުޕްރީމްކޯޓަކީ އެމެރިކާގެ ދުސްތޫރާއި އެއްގޮތަށް ރައްޔިތުންގެ ހައްގު ހިމާޔަތްކޮށްދޭނެ ކޯޓެއްކަމަށެވެ. އަދި އެކޯޓްގެ ފަނޑިޔާރުންނަކީ އެކަމުގެ ހިތްވަރު ހުންނެވި ބޭފުޅުންކަމަށްވެސް ޓްރަންޕު ވަނީ ވިދާޅުވެފައެވެ.ސުޕްރީމްކޯޓުން މި މައްސަލަ ނުބެލުމަށް ނިންމުމުން ޓްރަންޕަށް މި ވަނީ ބޮޑު ނާކާމިޔާބީގެ އިތުރުން ބައެއް މީހުންގެ ފާޑުކިޔުންތައްވެސް ކުރިމަތިވެފައެވެ. އޭގެ ސަބަބަކީ ކޯޓުގައި ތިއްބެވި ނުވަ ފަނޑިޔާރުންވެސް އެ ނިންމުމުގައި ބައިވެރިވުމެވެ. މި ނުވަ ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންނަކީ ޓްރަންޕުގެ ރިފަބްލިކަން ޕާޓީގެ ވިސްނުމަށް ތާއިދުކުރައްވާ ބޭފުޅުންނެވެ. އަދި މީގެތެރެއިން ދެ ފަނޑިޔާރުންނަކީ ހުދު ޓްރަންޕު އެ މަޤާމަށް އައްޔަންކުރެއްވި ބޭފުޅުންނެވެ.އުމުރުފުޅުން 77 އަހަރުގެ ބައިޑަން ކާމިޔާބު ހޯއްދެވި ނަމަވެސް ޓްރަމްޕް ގެންދަވަނީ ބަލި ގަބޫލްކުރައްވަން ދެކޮޅު ހައްދަވަމުންނެވެ. ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ވައިޓް ހައުސް އިން ނުކުމެވަޑައިގަންނަވާނީ އިންތިޚާބު ކާމިޔާބުކުރި ފަރާތަކީ ބައިޑަންކަން ރަސްމީކޮށް އިއުލާން ކުރުމުން ކަމަށެވެ. އެކަމަކު ވެރިކަން ބަދަލު ކުރުމުގެ ކަންކަން ޖެނެރަލް ސާވިސަސް އެޑްމިނިސްޓްރޭޝަނުން ކުރިއަށް ގެންދިއުމުގެ ހުއްދަ ޓްރަމްޕް ވަނީ މިދިޔަ ހަފުތާގައި ދެއްވައިފަ އެވެ. އިންތިޚާބުގައި ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓުން ޓްރަމްޕަށް ވުރެ އިތުރަށް ބައިޑަން ހޯއްދެވި ވޯޓު ވަނީ 5.9 މިލިއަނަށް އަރައިފަ އެވެ. އެމެރިކާގައި އިންތިޚާބު ކާމިޔާބު ކުރާ ފަރާތެއް ކަނޑައަޅާ އިލެކްޓޯރަލް ކޮލެޖް ސިސްޓަމް އިން ވެސް ބައިޑަން ވަނީ 306 ވޯޓު ހޯއްދަވައިފަ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު މަދުވެގެން 270 ވޯޓު ހޯދަން ޖެހެ އެވެ. ބައިޑަން އަކީ އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި 46 ވަނަ ރައީސް އެވެ. ޖެނުއަރީ 20 ގައި މަގާމާ ހަވާލުވެވަޑައިގަންނަވާ ބައިޑަންގެ ސަރުކާރުގެ މުހިންމު ހަ މަގާމެއް އިއުލާން ކުރައްވަމުން އެމަނިކުފާން ވަނީ މުހިންމު ތިން ކަމެއް ފާހަގަ ކުރައްވައިފަ އެވެ. ޑެލަވެއާގެ ވިލްމިންޓަންގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ ގުޅުންތައް އަލުން ވަރުގަދަ ކުރުމާއި ކޮރޯނާވައިރަހާ ދެކޮޅަށް އަދި މޫސުމީ މައްސަލަތަކާ ދެކޮޅަށް ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ