ބަންގްލަދޭޝްގެ 152 މީހަކު ފުރުވާލައިފި
ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް 152 މީހަކު އަނބުރާ ގައުމަށް ފުރުވާލައިފިއެވެ. އިކޮނޮމިކް މިނިސްޓްރީގެ ހިޔުމަން ރިސޯސަން އެންޑް އެމްޕްލޯއިމެންޓް ޑިޕާޓްމެންޓުން ބުނީ ވޮލަންޓަރީ ރެޕަޓްރިއޭޝަން ޕްރޮގްރާމުގެ ދަށުން 152 ބަންގްލަދޭޝް މީހަކު މިއަދު ގައުމަށް ފުރާނެ ކަމަށެވެ. https://twitter.com/MaldivianAero/status/1321340395066773504 އެ މީހުން ފުރުވާލާފައިވަނީ މޯލްޑިވިއަންގެ މަތިންދާބޯޓެއްގައެވެ. މިހާތަނަށް ސައްހަ ލިޔެކިޔުންނެތް 8،000 އަށް ވުރެ ގިނަ ބިދޭސިން ވަނީ ފުރުވާލައިފައެވެ. މިއީ ބަންގްލަދޭޝްގެ މީހުން ފުރުވާލުމަށް މޯލްޑިވިއަން އިން ބޭއްވިި 42 ވަނަ ފްލައިޓެވެ. މޯލްޑިވިއަންގެ ރިޕެޓްރިއޭޝަން ފްލައިޓުތަކުގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓެއްގައްޔާއި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ދެފަހަރެއްގެ މަތިން އެ ގައުމުގެ ރައްޔިތުން ފުރުވާލައިފައިވެ އެވެ. ބިދޭސިން އަނބުރާ ފޮނުވާލާއިރު އެމީހުންގެ ޕޮލިސް ރިޕޯޓު ބަލާ ކަމަށާއި އެމީހުން ފޮނުވާލަނީ ހައިކޮމިޝަނުން ހޯދަން ޖެހޭ ލިޔުންތައް ވެސް ހޯދުމަށް ފަހު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލަނީ ބަންގްލަދޭޝް ސަރުކާރާ ގުޅިގެންނެވެ. ގަދަކަމުން ބިދޭސީން ފޮނުވާލެވޭނެ ހާލަތެއް މިވަގުތު ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ ޓާގެޓަކީ މި އަހަރުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސިން ފޮނުވާލުން ކަމަށެވެ. ރާއްޖޭގައި ގަވައިދާ ހިލާފަށް 63،000 ބިދޭސިން އުޅޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ