އިންޑިއާގެ ތާރީހީ މިސްކިތެއް، އެއީ ހިންދޫ ފައްޅިއެއް ކަމަށް ކޯޓުން ކަނޑައަޅައިފި
އިންޑިއާގެ މެދުތެރޭގައި އޮންނަ މާދިޔަ ޕްރަދޭޝް ސްޓޭޓްގެ ދާރް ސިޓީގައި ހުންނަ ތާރީހީ ކަމާލް މައުލާ މިސްކިތަކީ ހިންދޫންގެ ފައްޅިއެއް ކަމަށް އެ ސްޓޭޓްގެ ހައިކޯޓުން ކަނޑައަޅައިފިއެވެ. ބޯޖްޝާލާ ކޮމްޕްލެކްސްގެ ނަމުންވެސް ނަންދެވިފައިވާ މި އާސާރީ ބިނާއަކީ 13 ވަނަ އަދި 14 ވަނަ ގަރުނުގެ ތެރޭގައި ބިނާކޮށްފައިވާ ތަނެކެވެ. ހުކުރު ދުވަހު ކޯޓުން ކުރި ހުކުމާއެކު، ހިންދޫންގެ ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކުން ވަނީ އާދީއްތަ ދުވަހު އެ ސަރަހައްދަށް އެއްވެ، ހިންދޫންގެ ކަލާނގެއެއްގެ ބުދެއް އެތަނުގައި ބަހައްޓައިފައެވެ. އަދި ފުލުހުންގެ ސަލާމަތީ ފިޔަވަޅުތަކާއެކު، ގިނަ އަދަދެއްގެ ޒުވާނުން ވަނީ އެތަނުގައި ނަށައި، އުފާފާޅުކޮށްފައެވެ. މި ނިންމުމަކީ އިންޑިއާގެ މުސްލިމުންނަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ. އުމުރުން 78 އަހަރުގެ މުހައްމަދު ރަފީގަކީ ފާއިތުވި 50 އަހަރު ދުވަހު އެ މިސްކިތުގައި މުދިމުކަން ކުރަމުން އައި މީހާއެވެ. އޭނާގެ ކާފަ ހާފިޒް ނަޒީރުއްދީން ވަނީ 1947 ވަނަ އަހަރު އިންޑިއާއަށް މިނިވަންކަން ލިބުމުގެ ކުރިންވެސް އެ މިސްކިތުގައި އިމާމުވެ ނަމާދުކޮށްފައެވެ. ރަފީގު ބުނި ގޮތުގައި، ފާއިތުވި ހުކުރު ދުވަހާ ހަމައަށް އެއީ މުސްލިމުންގެ މިސްކިތެއް ކަމަށާއި، ނަމަވެސް މިއަދު އެތަން އެމީހުންނަށް ގެއްލިފައިވާ ކަމަށެވެ. އަދި މިފަދަ ކަމެއް ހިނގާފާނެ ކަމަށް ހުވަފެނުގައިވެސް އޭނާ ހީނުކުރާ ކަމަށް ރަފީގު ބުންޏެވެ. މާދިޔަ ޕްރަދޭޝް ހައިކޯޓުގެ ނިންމުން ބިނާކޮށްފައިވަނީ މީގެ ދެ އަހަރު ކުރިން އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާ (އޭއެސްއައި) އިން އެކުލަވާލި ރިޕޯޓެއްގެ މައްޗަށެވެ. ކޯޓުން ވަނީ މުސްލިމުންގެ ފަރާތުން ހުށަހެޅި ޕެޓިޝަންތައް ބާތިލުކޮށް، އެތަނަކީ ހިންދޫން ބުނާ ކަލާނގެއަކަށް ނިސްބަތްވާ ފައްޅިއެއް ކަމަށް ކަނޑައަޅައިފައެވެ. ނަމަވެސް، މުސްލިމުންނަށް މިސްކިތެއް ބިނާކުރުމަށް އެހެން ބިމެއް ހަމަޖައްސައިދިނުމަށް ކޯޓުން ވަނީ އަންގައިފައެވެ. މީގެ އިތުރުން، އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ބްރިޓިޝް މިއުޒިއަމްގައި މިހާރު ބަހައްޓާފައިވާ ވާގްދޭވީގެ ބުދެއް އަނބުރާ އިންޑިއާއަށް ގެނައުމަށް މަސައްކަތް ކުރުމަށްވެސް ކޯޓުން ވަނީ ސަރުކާރަށް ލަފާދީފައެވެ. މި މައްސަލައިގައި މުސްލިމުންގެ ފަރާތުން ވަކާލާތުކުރި ގާނޫނީ ވަކީލު އަޝްހަރު ވާރްސީ ވިދާޅުވި ގޮތުގައި، ބްރިޓިޝް މިއުޒިއަމްގައިވާ ބުދަކީ ކަމާލް މައުލާ މިސްކިތް ހުރި ސަރަހައްދުން ފެނުނު އެއްޗެއް ނޫންކަން ތާރީހީ ލިޔެކިޔުންތަކުން ސާފުކޮށް އެނގެން އޮވެއެވެ. އެގޮތުން 1875 ވަނަ އަހަރު އިނގިރޭސިވިލާތުގެ މޭޖާ ޖެނެރަލް ވިލިއަމް ކިންކެއިޑް އެ ބުދު ހޯދީ ދާރް ސިޓީގެ ސިޓީ ޕެލަސްގެ ކައިރިން ކަމަށާއި، އެތަނާއި މިސްކިތާ ދެމެދު ތަފާތުތަކެއް ހުރިކަން ކުރެހުންތަކުން ފެންނަން ހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ވާރްސީ އިތުރަށް ވިދާޅުވީ ކޯޓުގެ ނިންމުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު، ގޯސް ނިންމުމެއް ކަމަށެވެ. މި ބިނާއާ ގުޅޭގޮތުން 1950 ގެ އަހަރުތަކުން ފެށިގެން ހިންދޫން ދިޔައީ ދައުވާތައް ކުރަމުންނެވެ. ދެހާސް ތިން ވަނަ އަހަރު އޭއެސްއައި އާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން، ކޮންމެ އަންގާރަ ދުވަހަކު ހިންދޫންނަށް އެތަނަށް ޒިޔާރަތްކުރުމުގެ ހުއްދަ ދީފައިވާއިރު، ހުކުރު ދުވަހު މުސްލިމުންނަށް ނަމާދުކުރުމުގެ ފުރުސަތު އޮތީ ދީފައެވެ. އަދި 1935 ވަނަ އަހަރުގެ އޮގަސްޓް މަހު އިނގިރޭސި ސަރުކާރުން ނެރެފައިވާ ރަސްމީ ގެޒެޓެއްގައި، އެތަނަކީ މިސްކިތެއް ކަމަށާއި މުސްތަގުބަލުގައިވެސް އެތަން ދެމިއޮންނާނީ މިސްކިތެއްގެ ގޮތުގައި ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، މިހާރުގެ ކޯޓުން ވަނީ އެއީ ކުރީގެ ގާނޫނުތަކެއް ކަމަށް ބުނެ އެ ލިޔުންތައް ގަބޫލުކުރުމަށް ދެކޮޅުހަދައިފައެވެ. އިންޑިއާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ހައިދަރްއާބާދުގެ މެމްބަރު އޮފް ޕާލަމެންޓް އަސަދުއްދީން އޮވައިސީ ވިދާޅުވި ގޮތުގައި، ހައިކޯޓުގެ ނިންމުމަކީ ބުއްދި ގަބޫލުނުކުރާ ފަދަ ނިންމުމެކެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި އޭއެސްއައި ވަނީ ހިންދޫންގެ ހައްދުފަހަނަޅާފައިވާ ފަރާތްތަކުގެ އަތްދަށުވެފައެވެ. އޮވައިސީ ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ހުރިހާ މިސްކިތްތަކެއް ފައްޅިތަކަށް ބަދަލުކުރަން ބޭނުންވާނަމަ، އެއީ އިންޑިއާގެ އެންމެ ބޮޑު މައިނޯރިޓީ ކަމަށްވާ މުސްލިމުންގެ އަޅުކަންކުރާ ތަންތަނަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. މީގެ އިތުރުން، 1991 ވަނަ އަހަރު ފާސްކޮށްފައިވާ “ޕްލޭސަސް އޮފް ވޯޝިޕް އެކްޓް” ގެ ދަށުން، 1947 ގައި އިންޑިއާއަށް މިނިވަންކަން ލިބުނުއިރު ދީނީ ބިނާތައް ހުރި ގޮތް ބަދަލުކުރުމަކީ މަނާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލައަކީ އިންޑިއާގައި މިހާރު އާންމުވަމުންދާ ކަންބޮޑުވާންޖެހޭ ސިލްސިލާއެއްގެ ބައެކެވެ. ދެހާސް ސާދަ ވަނަ އަހަރު ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމަށް ވަޑައިގަތުމަށްފަހު، ހިންދޫންގެ ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކުން ދަނީ ތާރީހީ ގިނަ މިސްކިތްތަކަކީ ކުރިން ހުރި ފައްޅިތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ތަންތަން ކަމަށް ބުނެ ދައުވާކުރަމުންނެވެ. އެގޮތުން 1992 ވަނަ އަހަރު އުއްތަރު ޕްރަދޭޝްގެ އަޔޯދްޔާގައި ހުރި 16 ވަނަ ގަރުނުގެ ބާބަރީ މިސްކިތް ހިންދޫންގެ ބަޔަކު ތަޅާލުމަށްފަހު، 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެ ބިމަކީ ހިންދޫންގެ ބިމެއް ކަމަށް ކަނޑައަޅައިފައެވެ. އަދި 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު މޯދީ ވަނީ އެތަނުގައި ފައްޅި ހުޅުވައިދެއްވައިފައެވެ. ބާބަރީ މިސްކިތުގެ މައްސަލައަށްފަހު، އުއްތަރު ޕްރަދޭޝްގެ ވާރާނަސީގައި ހުންނަ 17 ވަނަ ގަރުނުގެ ޖްޔާންވާޕީ މިސްކިތާއި، މަތުރާގައި ހުންނަ ޝާހީ އީދުގާ މިސްކިތަކީވެސް ހިންދޫންގެ ފައްޅިތަކެއް ކަމަށް ބުނެ ކޯޓުތަކަށް ވަނީ މައްސަލަ ހުށަހަޅައިފައެވެ. ވާރާނަސީ ކޯޓުން ދާދިފަހުން ވަނީ ޖްޔާންވާޕީ މިސްކިތުގެ އަޑީގައި ފައްޅިއެއްގެ ނިޝާންތައް ހުރި ކަމަށް ބުނެ، އެތަނުގައި ހިންދޫންނަށް އަޅުކަންކުރުމުގެ ހުއްދަ ދީފައެވެ. މިއީ މޯދީގެ ބާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ސިޔާސީ އެޖެންޑާގެ މުހިންމު ބައެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އިންޑިއާގެ ތާރީހު ދިރާސާކުރައްވާ އެމެރިކާގެ އިލްމުވެރިއެއް ކަމަށްވާ އޮޑްރީ ޓްރުޝްކޭ ވިދާޅުވި ގޮތުގައި، އޭއެސްއައި ގެ ސާވޭތަކަކީ ބައިނަލްއަގުވާމީ އިލްމީ މިންގަނޑުތަކަށް ފެތޭ އެއްޗެއް ނޫނެވެ. އަދި ސިޔާސީ މަގުސަދުތަކެއްގައި ކުރާ ފެންވަރު ދަށް ސާވޭތަކަކީ އެއްވެސް ބުރަދަނެއް ހުރި އެއްޗެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޓްރުޝްކޭ އިތުރަށް ވިދާޅުވީ، އިންޑިއާގައި މިސްކިތްތަކަށް އަމާޒުކޮށްގެން ހިންގާ އަމަލުތަކަކީ ހިންދޫ ނޭޝަނަލިޒަމްގެ ތެރޭގައި އަށަގަނެފައިވާ އިސްލާމޯފޯބިއާގެ ބައެއް ކަމަށެވެ. މިއީ މުސްލިމުންނަށް ބިރުދައްކައި، އެ މީހުންގެ ދީނީ މިނިވަންކަން ހަނިކުރުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި ހާލަތާ ގުޅިގެން މުސްލިމް މުޖުތަމައުން ވަނީ މާދިޔަ ޕްރަދޭޝް ހައިކޯޓުގެ ނިންމުން އިންޑިއާގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައެވެ. އޮވައިސީ ފާހަގަކުރެއްވި ގޮތުގައި، ބާބަރީ މިސްކިތުގެ ހުކުމާއި މި ހުކުމްވެސް ނެރެފައިވަނީ ހެކިތަކާއި އިންސާފުގެ މައްޗަށް ބިނާކޮށްގެން ނޫން ކަމަށާއި، އެއީ ގިނަ ބައެއްގެ އާންމު ގަބޫލުކުރުންތަކުގެ މައްޗަށް ބިނާކޮށް ނެރެފައިވާ ހުކުމްތަކެކެވެ. ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުންދާއިރު، ދާރް ސިޓީގެ މުސްލިމުން ތިބީ އެމީހުންގެ ޒަމާންވީ އަޅުކަންކުރާ ތަން އަނބުރާ ލިބޭނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް، މިހާރު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، މުސްލިމުންނަށް އެ ސަރަހައްދަށް ވަނުން ވަނީ މަނާކުރެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ