އަލަށް ތައާރަފްކުރި މެޑިކަލް އެލަވަންސަށް ކެޕްޓަން ހައްވަގެ ތައުރީފް

މި ސަރުކާރުން މުޅިން އަލަށް ކުޅުންތެރިންނަށް ތަޢާރަފްކޮށްދެއްވި މެޑިކަލް އެލަވަންސަކީ ކުޅުންތެރިންނަށް ދިމާވާ އަނިޔާތަކުން އަރައިގަތުމަށާއި ކުޅިވަރުގައި ކުރިއަށް ދިއުމަށް ލިބުނު ވަރަށް މުހިއްމު އަދި ބޮޑު އެހީތެރިކަމެއްގެ ގޮތުގައި ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަން ޙައްވާ ރާޝިދާ ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވައިފިއެވެ. ޤައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭގޮތަށް ސަރުކާރުން ވަނީ ދާދިފަހުން ހާއްސަ ހެލްތު އިންޝުއަރެންސް ސްކީމެއް ތައާރަފްކޮށްފައެވެ. މި އިންޝުއަރެންސްގެ ދަށުން ރާއްޖެއާއި ރާއްޖޭއިން ބޭރުގައި ބާއްވާ މުބާރާތްތަކާއި، ފަރިތަކުރުންތަކުގެ ތެރޭގައި ކުޅުންތެރިންނަށް ދިމާވާ އަނިޔާތަކަށް ބޭނުންވާ ބޭސްފަރުވާގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދެއެވެ. ކުޅުންތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގަވާއިދުގެ ދަށުން، ޤައުމީ ކުޅުންތެރިންނަށް ބޭސްފަރުވާއާއި އެހެނިހެން އެހީތެރިކަމަށް އަހަރަކު ގިނަވެގެން 300,000 (ތިންލައްކަ) ރުފިޔާއާ ހަމައަށް މެޑިކަލް އެލަވަންސް ލިބުމުގެ ފުރުސަތު އޮވެއެވެ. ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ އަންހެން މުބާރާތުގައި ވާދަކުރަން ނޭޕާލަށް ފުރުމުގެ ކުރިން ބޭއްވި ޖާރޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ކެޕްޓަން ހައްވަ ވަނީ، ކުޅުންތެރިންގެ ކުރިއެރުމަށް ސަރުކާރުން ކޮށްދެއްވާފައިވާ މިފަދަ ކަންކަން ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ. މީގެއިތުރުން ޓީމަށް ހުރި ކަންބޮޑުވުންތަކަށް އަލިއަޅުވާލަމުން ޙައްވާ ފާހަގަކުރި ގޮތުގައި، ގައުމީ ޓީމަށް މިވަގުތު އޮތް އެންމެ ބޮޑު ހުރަހަކީ އިންޑޯއެއްގެ ތެރޭގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނެތުމެވެ. މިކަމުގެ ސަބަބުން ކުޅުންތެރިންނަށް ލިބޭ އިންޖަރީ ނުވަތަ އަނިޔާތައް އިންތިހާއަށް ބޮޑުވަމުންދާކަން އޭނާ ހާމަކުރިއެވެ. އަދި މި އެކަށީގެންނުވާ މާހައުލުގައި ފަރިތަކުރަން ޖެހުމުގެ ސަބަބުން، މުބާރާތްތަކުން ޓީމުން ބޭނުންވާ ފަދަ އެދެވޭ ނަތީޖާއެއް ހާސިލްކުރުމަށް ވަރަށް ބޮޑަށް ހުރަސް އެޅެމުންދާ ކަމަށްވެސް ކެޕްޓަން ބުންޏެވެ. ޙައްވާ ބުނި ގޮތުގައި ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރާ އެހެން ގައުމުތަކުގައިވެސް ކަންކަން ކުރިއަށް ގެންދާ އުސޫލުން، ދުވާލަކު މަދުވެގެން 6 ގަޑިއިރު ފަރިތަކުރުންތައް ކުރިއަށް ގެންދަން ޖެހެއެވެ. ރާއްޖޭގެ އަންހެން ގައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިން-- އެހެންކަމުން، ރާއްޖޭގެ ޓީމަށްވެސް ބޭނުންވާ ގަޑިތަކުގައި ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެ ގޮތަކަށް އިންޑޯ ކޯޓުން ވަގުތު ލިބި، އެކަންކަން ހަމަޖެހިގެންދިއުމަކީ މިވަގުތަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން އޭނާ ފާހަގަކުރިއެވެ. މި މުބާރާތަށް ތައްޔާރުވުމަށާއި، ބައިނަލްއަގުވާމީ މުބާރާތުގައި ބައިވެރިވުމަށް ޓީމުން ކުރާ ދަތުރުގައި، ކުޅުންތެރިންގެ ކަންތައްތައް ވަރަށް ގާތުން ބައްލަވައި، ޓީމަށް ބޭނުންވާ އެކި ފުރުސަތުތައް ހޯދައިދިނުމުގައި ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) އިން ކުރާ މަސައްކަތް ކެޕްޓަން ބަލައިގަތެވެ. އެގޮތުން ޓީމަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމުގައި ބައިވެރިވާ ވީއޭއެމްގެ ހިންގާ ކޮމިޓީގެ އެންމެހާ މެމްބަރުންނަށް ޙައްވާ ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ. މި ފަހަރުގެ މުބާރާތަށް ރާއްޖޭގެ ޓީމު ނިކުންނަނީ ގިނަ އަދަދެއްގެ އާ ކުޅުންތެރިންތަކަކާއެކުގައެވެ. މި މުބާރާތުގައި ރާއްޖެ ހިމެނެނީ ވަރުގަދަ ޕޫލް އޭ ގައެވެ. ރާއްޖެއާއެކު މި ގްރޫޕްގައި ހިމެނެނީ އިންޑިއާ، ކިރްގިސްތާން އަދި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި މެއި 22 ގައި ނިކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ. ދެވަނަ މެޗުގައި މެއި 23 ގައި އިންޑިއާއާ ދެކޮޅަށް ނިކުންނައިރު، ގްރޫޕްގެ ފަހު މެޗުގައި މެއި 24 ގައި ވާދަކުރާނީ ނޭޕާލާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ