ޕޯލް ސްމޯލީގެ މައްސަލަ އެފްއޭއެމް ކޮޅަށް: 1.2 މިލިއަން ޑޮލަރުގެ ދައުވާއިން ސަލާމަތްވެއްޖެ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ޓެކްނިކަލް ޑިރެކްޓަރު، އިނގިރޭސިވިލާތުގެ ޕޯލް ތޯމަސް ޕޯލް ސްމޯލީ، އެ އެސޯސިއޭޝަނުން 1.2 މިލިއަން ޑޮލަރު (18.5 މިލިއަން ރުފިޔާ) ހޯދުމަށް ފީފާއަށް ހުށަހެޅި މައްސަލަ އެފްއޭއެމްއާ އެއްކޮޅަށް ނިމިއްޖެ އެވެ. ފީފާގެ ފުޓްބޯލް ޓްރައިބިއުނަލްގެ ޕްލޭޔާސް ސްޓޭޓަސް ޗެމްބަރުން މިގޮތަށް ނިންމީ ސްމޯލީ މިދިޔަ އަހަރުގެ މެދުތެރޭގައި ހުށަހެޅި މައްސަލަ ބެލުމަށްފަހު އެވެ. އެފްއޭއެމުން އަންގާރަ ދުވަހު އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ނިންމުމަކީ އެސޯސިއޭޝަނަށާއި ދިވެހި ފުޓްބޯޅައިގެ ދިގު މުއްދަތުގެ މާލީ މަސްލަހަތުތަކަށް ލިބުނު ވަރަށް މުހިންމު ނަތީޖާއެއް އަދި ބޮޑު ކާމިޔާބީއެއް ކަމަށެވެ. އޭޝިއާ ސަރަހައްދުގެ ފުޓްބޯޅައިގައި ގިނަ ތަޖުރިބާތަކެއް ކޮށްފައިވާ ސްމޯލީ ރާއްޖެ އައީ ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ކާމިޔާބު މަސައްކަތްތަކެއް ކުރުމަށްފަހު، އެ މަގާމު ދޫކޮށްލުމަށްފަހު އެވެ. ބަންގްލަދޭޝްގައި އޭނާ ހުރީ މަހަކު 15،000 ޑޮލަރުގެ މުސާރައަކަށެވެ. އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގެ ފަހުކޮޅުގައި، ޖުލައި 2023 ގައި ސްމޯލީ ރާއްޖޭގެ ޓެކްނިކަލް އެންމެ އިސް މަގާމާ ހަވާލުވީ މަހަކު ގާތްގަނޑަކަށް 20،000 ޑޮލަރުގެ މުސާރައަކަށެވެ. ނަމަވެސް، މަގާމާ ހަވާލުވުމަށްފަހު ވެސް ކުރާނެ ސީދާ މަސައްކަތެއް ނެތި، ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ މުއްދަތެއް އޭނާ ހޭދަކުރީ ރާއްޖޭން ބޭރުގައެވެ. މީގެ އިތުރުން ރާއްޖޭގައި އޭނާ ހިންގި އޭ-ލައިސަންސް ކޯޗިން ކޯސް، އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) އިން ބަލައިނުގަތުމުގެ މައްސަލަ ވެސް ފެންމަތިވެ، އޭނާގެ މަސައްކަތްތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އެފްއޭއެމުން ސްމޯލީއާ އެކު ފުރަތަމަ ސޮއިކުރީ 5 އަހަރުގެ ދިގު މުއްދަތުގެ އެއްބަސްވުމެއްގައެވެ. ނަމަވެސް، އެއްބަސްވުމުގައި އަހަރެއް ވީތަނާހެން އޭނާ ވަނީ ރާއްޖޭގެ މަގާމުން ވަކިވެފައެވެ. އޭރު އެފްއޭއެމްގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވެފައިވަނީ، ސްމޯލީ ރާއްޖެ ދޫކޮށް ދިޔައީ އޭނާއާ އެކު ހެދި އެއްބަސްވުން ހަމަވުމުން ކަމަށެވެ. ޖައުޝަން ބަޔާންކުރެއްވި ގޮތުގައި ސްމޯލީއާ އެކު ސޮއިކުރީ ގަތަރު އެފްއޭއިން މުސާރަ ދޭ ގޮތަށް، އަހަރުން އަހަރަށް އެއްބަސްވުން އާކުރާ އުސޫލުންނެވެ. އަދި ރާއްޖެ ދޫކޮށް ދިއުމަށްފަހު އޭނާ ގަތަރު އެފްއޭގެ ވަޒީފާއަކާ ގުޅުނު ކަމަށްވެސް އެފްއޭއެމުން ބުނެފައިވެއެވެ. ނަމަވެސް، ސްމޯލީ ފީފާއަށް މައްސަލަ ހުށަހަޅައި ޑިމާންޑް ކުރީ، އޭނާގެ 5 އަހަރުގެ އެއްބަސްވުމުގެ ބާކީ ބަޔަށް ޖެހޭ މުސާރައިގެ ބަދަލެއްގެ ގޮތުގައި 1.2 މިލިއަން ޑޮލަރު ހޯދުމަށެވެ. އެފްއޭއެމްގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި، ފީފާގެ ޗެމްބަރުން މި މައްސަލަ އެފްއޭއެމްއާ އެއްކޮޅަށް ނިންމުމަކީ ދިވެހި ފުޓްބޯޅައަށް ލިބުނު ބޮޑު ލުޔެއްގެ ގޮތުގައި އެފްއޭއެމުން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ