ހިޔާގައި ކޮންކްރީޓް މަސައްކަތް ކުރަނީ ގެއްލުން ނުވާ ގޮތަށް: އެޗްޑީސީ

ހިޔާ ފްލެޓްގައި ކޮންކްރީޓް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެކަމުގެ ގިނަ ބަޔަކަށް ގެއްލުންތަކެއް ވެދާނެ ކަމަށް މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރައްދު ދީފިއެވެ.
ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ، އެޗްޑީސީން ހިޔާ ޓަވަރުތަކުގެ ކޮންކްރީޓް ސްލެބް ކަނޑަމުން އަންނަ ކަމަށާއި އެތަނުގައި ދިރިއުޅޭ އެންމެންގެ ރައްކާތެރި ކަމަށްޓަކައި އެ މަސައްކަތް ހުއްޓާލަން ގޮވާލައްވާފައެވެ. އަދި އެ ޓްވީޓާއެކު މުއިއްޒު ވަނީ ބިދޭސީ ދެ މީހަކު ޑްރެއިންނޭޖެއް ނައްޓަން މަސައްކަތް ކުރާ ވީޑިއޯއެއް ވެސް އާންމު ކުރައްވާފައެވެ.
މި ކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީން ބުނީ، މީސްމީޑިއާގައި ދައުރުވަމުން ދަނީ ހިޔާ ޓަވަރެއްގައި ކެފޭއެއް ހެދުމަށް ކުރާ މަސައްކަތުގެ ވީޑިއޯއެއް ކަމަށެވެ. އެ ގޮތުން އެ ވީޑިއޯއިން އެ ފެންނަނީ ކެފޭ ހެދުމަށް ޑްރެއިނޭޖެ ހެދުމުގެ މަސައްކަތް ކުރާތަން ކަމަށް އެޗްޑީސީން ބުނެއެވެ.
އަދި އެ މަސައްކަތަކީ ހުއްދަ ހޯދައިގެން ކުރާ ކަމެއް ކަމަށާއި އެ މަސައްކަތް ކުރުމުގައި އިމާރާތަށް ގެއްލުން ނުވާ ގޮތަށް ދޭން ޖެހޭ ޓްރީޓްމަންޓްތައް ދޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
މި ދުވަސްވަރަކީ ހިޔާ ފްލެޓްގައި މިފަދަ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދުވަސްވަރެކެވެ. އެ ގޮތުން ހިޔާ ފްލެޓްގައި ބާރުބޮޑުވާ ގަޑިތަކުގައި އާންމުންނަށް ފަސޭހަކޮށް ދިނުމަށް ލިފްޓް ހުންނަ ސަރަހައްދުގެ ލޮބީ ބޮޑުކުރުމުގެ މަސައްކަތްތަކެއް ބެސް ދަނީ ކުރަމުންނެވެ. އެ މަސައްކަތްތައް އަންނަ މެއި މަހުގެ ނިޔަލަށް ނިންމަން އެޗްޑީސީން ވަނީ އަމާޒު ހިފާފައެވެ.
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 25 ބުރީގެ 16 ޓަވަރުގެ އެންމެ ތިރި ހާއްސަ ކޮށްފައި ވަނީ ކޮމާޝަލް ބޭނުންތަކަށެވެ. އެގޮތުން އެ ތަންތަނުގައި ކޮންވީނިއަންޓް ސްޓޯރުތަކާއި ބޭސްފިހާރަތައް، ކްލިނިކްތައް އަދި ޑޭކެއާ އާއި ޓިއުޝަން ސެންޓަރު އަދި ގުރުއާން ކްލާސްތަކާއި ސެލޫން ހިންގަން ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ކެފޭ ރެސްޓޯރަންޓްތައް ވެސް އެ ސަރަހައްދުގައި ހުޅުވަން ވަނީ ރާވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ