އެމްޕީ އަލީ ރިޒާއަށާއި ތޯރިގަށް ފުލުހުން ހަމަލާދީފައިވަނީ ގަސްތުގައި: އެމްޑީޕީ

ސީދާ ހަރަކާތުގެ ތެރެއިން އެމްޑީޕީން ރޭ ކުރި މުޒާހަރާގައި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާއަށާއި، މަނަދޫ ދައިރާގެ މެމްބަރު މުހައްމަދު ތޯރިގަށް ގަސްތުގައި ފުލުހުން ހަމަލާދީ އަނިޔާކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ، ރޭގެ މުޒާހަރާގައި އަލީ ރިޒާ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައިވާ އިރު، ޠޯރިގުގެ ބުރަކަށީގައި މުގުރުން ޖެހުމުގެ ސަބަބުން ދިގުމިނުގައި 14 އިންޗި އަދި ފުޅާ މިނުގައި 2 އިންޗަށް ފިތްނަގައި، ފަޅައިގެން ގޮސް، ބުރަކަށިން މުގުރެއްގެ ފޮޓޯ ކޮޕީ ސިފަވާ ގޮތަށް ދުޅަވެފައިވާ ކަމަށެވެ.
އަދި ފުލުހުންގެ މި އަމަލުތަކަކީ އަވަސް އިންތިޚާބަކަށް ގޮވާލައި އެބޭފުޅުން އިސްސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވަމުންދާތީ ދުރާލައި ރާވައިގެން، ސީދާ އެބޭފުޅުންނަށް ޒާތީގޮތުން އަނިޔާދީ، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބަލިކަށިކޮށްލުމަށް ގާނޫނީ އިމުން ބޭރުން ހިންގަމުން ގެންދާ ފިނޑި އަމަލުތަކެއް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
މިމައްސަލައާއި ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެއްވެސް މީހަކަށް ގަސްތުގައި އަނިޔާއެއް ނުދޭނެ ކަމަށެވެ. އަދި އެފަދަ މައްސަލައެއް އޮތް ނަމަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ބެލުމަށް ގޮވާލާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ