"މައްސަލަ ފިނި ކުރެވޭނެ ހައްލަކީ ސުޕްރީމް ކޯޓުގެ ހުކުމް"

ސިޔާސީ މަސްރަހު ފިނިކުރުމަށް އޮތް އެންމެ ބޮޑު ހައްލަކީ ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އަވަސް ހުކުމެއް އިއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު 13:00 ޖެހިއިރު ދިވެހި ގައުމާ މުހާތަބް ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސެޕްޓެމްބަރު ހަތެއްގައި އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ އުފުލި އަދި އިންތިޚާބުގެ ވޯޓުގެ މައްސަލަތަކެއް ހުރި ކަމަށް ފާހަގަކުރެވިގެން، އިންތިޚާބުގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އިންތިހާބުގައި ބައިވެރިވެވަޑައިގެންނެވި ކެންޑިޑޭޓެއް ކަމަށާއި އެއީ ގާނޫނީ ގޮތުން ކުރައްވާފައިވާ ކަމެއް ކަމަށެވެ.
އެއަށްފަހު، ހިނގަމުން މިދާ ކަންތައްތަކުގެ ސަބަބުން މިއަދު ދިވެހި ޤައުމު މިވަނީ އަނެއްކާވެސް ވަރަށް ބޮޑު ހާސްކަމެއްގެ ތެރެއަށް ގޮސްފައިކަން ރައީސްގެ ހިތާބުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ މިހާތަނަށްވެސް އަޅުގަނޑުމެންނަށް ދިމާވެފައިވާ އުނދަގޫ ސިޔާސީ ކަންކަމުގެ ތެރެއިން އަރައިގެންފައި ވަނީ ކެތްތެރިކަމާއި ސުލްހަވެރިކަމާއެކު މަސައްކަތްކޮށްގެން ކަމަށާއި، ވޯޓްގެ މައްސަލައިގައި ދިމާވެފައިވާ މައްސަލަތައް ސުލްހަވެރިކަމާއެކު ހައްލުކޮށް، ރިޔާސީ އިންތިހާބު ކުރިއަށް ގެންގޮސް ނިންމޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓް އޮޅުވާލެވިފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަކީ، ހަގީގީ ހެކިތަކެއް ހުރި ކަންތައްތަކެއް ކަމަށްވާނަމަ އެކަން ސާބިތު ކުރުމަކީ މި މައްސަލަ ހައްލުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
"ޑިމޮކްރެޓިކް ވެރިކަމެއްގައި ރައްޔިތުންގެ އެންމެބޮޑު ޙައްޤަކީ މިނިވަންކަމާއި އިންޞާފުވެރިކަމާއެކު ވޯޓްލުމުގެ ޙައްޤު. މިނިވަން ދައުލަތެއްގެ އެންމެ އިސް ވާޖިބަކީ، ކޮންމެ މީހެއްގެ ވޯޓަށް އަމާނާތްތެރިވުން. ކޮންމެ ވޯޓެއް ގުނުން. އަދި ހަމަ އެކަކަށްވެސް އެއްވޯޓަށްވުރެ ގިނަ ވޯޓްލުމުގެ ފުރްޞަތު ނުދިނުން." ރައީސް ވަހީދު ވިދާޅުވި އެވެ.
މިއަދު ރިޔާސީ ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކާއި، ދިވެހި ރައްޔިތުންނާއި، އަދި ދުނިޔޭގެ އެހެނިހެން ގައުމުތަކާއި ޖަމިއްއްޔާތައް އިންތިޒާރު ކުރަމުންދަނީ، އަވަސް މުއްދަތެއްގެ ތެރޭގައި، ސުލްހަވެރިކަމާއެކު އިންތިހާބު ބޭއްވި، އިންތިހާބުވާ ރައީސަކު، ނޮވެމްބަރު 11 ގައި ސަރުކާރާ ހަވާވާލުވުމަށް ކަމަށާއި އެމަގުސަދު ހާސިލް ކުރެއްވުމަށްޓަކައި ސަރުކާރުން ކުރައްވަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފަ އެވެ. އަދި ދިވެހި ރައްޔިތުންނާއި ސިޔާސީ ބޭފުޅުން ކެތްތެރިވެވަޑައިގަތުމަށް ގޮވާލައްވައި، ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކަށް ބޯލެނބުމަށާއި އަދި މުޖްތަމައުގައި ސުލްހަމަސަލަސްކަން ދެމެހެއްޓެވުމަށް އިސްކަން ދެއްވުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ