ރައީސް އާއި ނައިބު ރައީސްގެ އުމުރު ކަނޑައެޅުމާ މެދު މައުމޫން ސިޓީއެއް ފޮނުވުމުން ޕީޕީއެމް-އެމްޑީއޭ ކުއްލި ބައްދަލުވުމަކަށް

ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރުމަށް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހަށް ކުރީގެ ރައީސް އަދި ވެރިކަންކުރާ ޕީޕީީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެކޮޅު ހައްދަވައި މިއަދު ފޮނުއްވި ސިޓީއަކާ ގުޅިިގެން ޕީޕީއެމާއި އެމްޑީއޭގެ ޕާލިމެންޓްރީ ގްރޫޕްގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާކަން "ހަވީރަށް" އެނގިއްޖެ އެވެ. މިރޭ ބާއްވާ ކުއްލި ބައްދަލުވުމުގައި، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާނަށް، މައުމޫން ފޮނުއްވި ސިޓީއާ މެދު ގޮތެެއް ނިންމާނެ އެވެ. މި ބައްދަލުވުން އޮންނާނީ މިރޭ 9:30 ގައި މުލީއާގޭގަ އެވެ. މައުމޫނާއި ނިހާންއާ ދެމެދު ކޮށްފައިވާ މެސެޖުތައް މި ބައްދަލުވުން މި ބާއްވަނީ ރައީސާއި ނައިބު ރައީސްގެ އުމުރު ކަނޑައެޅުމަށް ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ނިންމުމުން ނިހާނަށް މައުމޫން ފޮނުއްވި ވައިބަ މެސެޖްތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ. އެ މެސެޖުތަކުގައި މައުމޫން ވިދާޅުވެފައި ވަނީ އެ އިސްލާހުގެ ސަބަބުން ރައީސް އަބްދުﷲ ޔާމީން ބަދުނާމުވުން ނޫން ކަމެއް ނުވާނެ ކަމަށާއި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މައުމޫންގެ ބަސް ވެސް މިހާރު ނުވިކޭ ކަމަށެވެ. ޕީޕީއެމް-އެމްޑީއޭގެ ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕުގެ ބައްދަލުވުމުގައި، މައުމޫންގެ ސިޓީފުޅާ މެދު މިރޭ ގޮތެއް ނިންމަަވައި މައުމޫނަށް އަންގަވާނެ ކަމަށް އެނގިފައިވެ އެވެ. އެ ސިޓީގައި މައުމޫން ވިދާޅުވެފައިވާ ވާހަކަތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ. މިރޭގެ ބައްދަލުވުމުގެ އެޖެންޑާގައި ފުރަތަމަ ކަމަކަށް އޮތީ ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ގަވައިދު ނިންމުމެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިދިޔަ ބުދަަ ދުވަހު ދެއްވި މާހެފުމެއްގައި ނައިބު ރައީސް މުހައްމަދު ޖަމީލާއި ނިހާން ސަލާމް ކުރައްވަނީ.---ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އެ އިސްލާހުގައި ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 30 އަހަރާއި 65 އަހަރާ ދެމެދެވެ. އެހެންވެ، އެ އިސްލާހު މަޖިލީހުން ފާސްކޮށް، ގާނޫނުއަސާސީގެ ބަޔަކަށް ވެއްޖެ ނަމަ، ދެން ބާއްވާ ރިޔާސީ އިންްތިހާބެއްގައި މައުމޫނަށް ކުރިމައްޗެއް ނުލެއްވޭނެ އެވެ. އަދި ސިޔާސީ މައިދާނުގައި މިހާރު ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ވެސް އެ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ. އެކަމަކު، ގާސިމް ވަނީ 2018 ގައި ބާއްވާ އެ އިންތިހާބުގައި ކުރިމަތި ނުލައްވަން ނިންމަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ