ކުރެއްދޫ ކައިރިއަށް ވެއްޓުނު ބޯޓުގެ ދެ އިންޖީނުގެ ޓެސްޓްތަކެއް ހަދަން ބޭރަށް ފޮނުވައިފި

މިދިޔަ ޖުލައި މަހު ޅ. ކުރެއްދޫ ރިސޯޓް ކައިރިއަށް ވެއްޓުނު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ކަނޑަށް ޖައްސާ ބޯޓުގެ ދެ އިންޖީނު ޓެސްޓްތަކެއް ހަދަން އޮސްޓްރޭލިއާ އަށް ފޮނުވާފައިވާ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފި އެވެ. އެ ހާދިސާގެ ތަހުގީގަށްފަހު ސިވިލް އޭވިއޭޝަނުން އާއްމުކުރި ވަގުތީ ރިޕޯޓްގައި ބުނެފައި ވަނީ ބޯޓު ވެއްޓުނީ ކުރެއްދޫގެ ހުޅަނގު އުތުރު ފަރާތަށް ޖައްސަން ދަނިކޮށް ގާތްގަނޑަކަށް 400 ފޫޓު މަތިން ޕައިލެޓަށް ކޮންޓްރޯލް ގެއްލިގެން ކަމަށެވެ. އަދި ބޯޓު ވެއްޓި މޫދުގައި ޖެހުނު ގޮތުން ވާތް ފަރާތު ކަނދު ބިންދައިގެން ގޮސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަޑިއަށް ދިޔަ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. ސިވިލް އޭވިއޭޝަންގެ ރިޕޯޓުގައިވާ ގޮތުން ކޮމަންޑޫން ކުރެއްދުއަށް ދަތުރުކުރިއިރު ބޯޓު ދުއްވަން ހުރީ ފަސްޓް އޮފިސަރެވެ. ނަމަވެސް ބޯޓުގެ ކޮންޓްރޯލް އޭނާއަށް ގެެއްލުމުން ޕައިލެޓް އިން ކޮމާންޑް ކޮންޓްރޯލް ހޯދައި ރައްކާތެރިކަމާއެކު ޖައްސަން މަސައްކަތް ކުރަނިކޮށް ފުލް ކޮންޓްރޯލް ނުލިބެނީސް ބޯޓު ވެއްޓުނީ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އެ ބޯޓު ވެއްޓުނީ 15 ފަސިންޖަރުންނާއި ދެ ޕައިލެޓާއި ކްރޫއަކާއެކު ޅ. ކޮމަންޑޫ ރިސޯޓަށް ޖެއްސުމަށްފަހު ހަތަރު މީހަކު އެ ރަށަށް ބޭލުމަށް ކުރެއްދުއަށް ޖައްސަން ދަނިކޮށް ހަވީރު 5:33ގަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވި ނަމަވެސް ބޯޓު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ ބޯޓު ވެއްޓި ޖެހުނު ގޮތުން ވާތް ފަރާތު ކަނދު ބޯޓާ ވަކިވި ކަމަށެވެ. އަދި އެއާއެކު ބޯޓުގެ ކަނާތް ފަރާތު ކަނދު ވެސް ބޯޓާ ވަކިވެ އަޑިއަށް ދާން ފެށި ކަމަށް ވެސް ސިވިލްއޭވިޝަންގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ ބޯޓު އެއްކޮށް އަޑިއަށް ދިއުމުގެ ކުރިން ހުރިހާ ޕެސެންޖަރުން ބޯޓު ނެރެ ސަލާމަތްކޮށްފައިވާ ކަމަށެވެ. ސިވިލްއޭވިއޭޝަންގެ ރިޕޯޓުގައި ވަނީ އެ ބޯޓު ވެއްޓުމުގެ އެއް ދުވަސްކުރިން އަށް ސެކްޓަރަށް ބޯޓު ދަތުރުކުރި ކަމަށާއި އަދި އެ ބޯޓު ވެއްޓުނު ދުވަހު ވެސް ހަތަރު ސެކްޓަރަށް ދަތުރުކުރިއިރު އަދާޔާ ހިލާފު އެއްވެސް މައްސަލައެއް ޖެހިފައިވާކަން ފާހަގަކުރެވިފައިނުވާ ކަމަށެވެ. އަދި ބޯޓުގެ ޕައިލެޓް އިން ކޮމާންޑަކީ ކަނޑަށް ޖައްސާ ބޯޓު ދުއްވާތާ ފަސް އަހަރުވެފައިވާ މީހެއް ކަމަށާއި ފަސްޓް އޮފިސަރަކީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ބޯޓު ދުއްވާ މީހެއް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެ ދެ މީހުންނަކީ ވެސް އެކްސިޑެންޓް ދިމާވި ސަރަހައްދަށް އެތައް ފަހަރަކު ދަތުރުކޮށްފައިވާ ބައެއް ކަމަށް ސިވިލް އޭވިއޭޝަންގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެ ރިޕޯޓުގައި ވަނީ ވެއްޓުނު ބޯޓު ފެނުނީ ޖެހިގެން އައި ދުވަހު ކުރެއްދުއާ ތިން ކިލޯމީޓަރު ދުރުން، އިރު ދެކުނު ފަރާތު 36.5 މީޓަރު އަޑީގައި އޮއްވައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ