ޖާބިރަށް ކެމްޕެއިން ކުރެވޭ ގޮތް ހަދަން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމުން ސިވިލް ކޯޓަށް
އެއް އަހަރުގެ ޖަލު ހުކުމެއްގައިވާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެ ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ ޖާބިރަށް ކެމްޕެއިން ކުރެވޭނެ ގޮތެއް ހޯދަން ޖާބިރުގެ ފަރާތުން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ. ކުޑަކަމުދާތަކެތި ނުދިން މައްސަލައިގައި ކްރިމިނަލް ކޯޓުން ޖާބިރަށް ޖަލު ހުކުމް އިއްވި ނަމަވެސް އޭނާގެ މެމްބަރުކަމެއް އަދި ކެންޑިޑެސީއެއް ވެސް ނުގެއްލެ އެވެ. މެމްބަރުކަމާއި ކެންޑިޑެސީ ގެއްލެނީ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައުމުންނެވެ. ޖާބިރަށް ކެމްޕެއިން ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެދި ހުށަހެޅި އެ މައްސަލަ ހައި ކޯޓުން ބަލައިނުގަތީ އެ މައްސަލަ ބެލުމުގެ އިޚްތިސާސް އެ ކޯޓަށް ނެތް ކަމަށް ބުނެ ކަމަށް ޖާބިރުގެ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު މިއަދު ވިދާޅުވި އެވެ. އެގޮތަށް އެ ކޯޓުން ނިންމުމުން އެ ދައުވާއަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނައުމަށްފަހު އެ މައްސަލަ ސިވިލް ކޯޓަށް އިއްޔެ ހުށަހަޅާފައިވާ ކަމަށް ދިޔާނާ ވިދާޅުވި އެވެ. ކެމްޕެއިން ކުރެވޭ ގޮތް ހަދަން ހުށަހެޅި މައްސަލަ ބަލައިނުގަތް ނަމަވެސް ޖާބިރު ޖަލަށްލުމަށް ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ހުށަހެޅި މައްސަލަ ހައި ކޯޓުން ވަނީ ބަލައިގަނެ، އަންނަ ހޯމަ ދުވަހަށް ތާވަލްކޮށްފަ އެވެ. އެއް އަހަރުގެ ޖަލު ހުކުމެއް ޖާބިރު ތަންފީޒު ކުރަމުންދާއިރު ބަނގުރާ ގެންގުޅުމުގެ އިތުރު ދައުވާއެއް ވެސް ދައުލަތުން ޖާބިރުގެ މައްޗަށް އުފުލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ