ޑައުންސިންޑްރޯމް ކުދިންނާ އެކު މުޖުތަމައުގެ ބައިވެރިވުން މިއަދު ހަވީރު
މީގެ ދެ އަހަރު ކުރިން ތައާރަފްވި ބިއުޓިފުލް އައިސް ޑައުންސިންޑްރޯމް އެސޯސިއޭޝަނުން ގެންދަނީ ޑައުންސިންޑްރޯމް ހުންނަ ކުދިން އެހެން ކުދިންނާ އެއް ހަމައެއްގައި އުޅޭނެ ފުރުސަތު ހޯދައިދޭން އާންމުން ހޭލުންތެރިކުރަމުންނެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބަޑީ ވޯކް (މަޖީދީ މަގުގެ އެއްކޮޅުން އަނެއްކޮޅަށް ސަފެއް ހަދައިގެން ހިނގި ހިނގުން) އަކީ އެ ޖަމިއްޔާގެ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ. ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަސް ފާހަގަކުރުމުގެ އެ ހިނގާލުން މަޖީދީމަގުގައި ބޭއްވުމަށް ފަހު މިހާރު ބިއުޓިފުލް އައިސްއިން ބޭނުން ވަނީ ހުރިހާ ކުދިންގެ ހަވީރެއް މިއަދު ކުރިއަށް ގެންދާށެވެ. މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ އާއި ސްކިލްސް ޓްރެއިނިން އާއި އެހެން ބައެއް އެސޯސިއޭޝަންތަކާ ވެސް ގުޅިގެން ބިއުޓިފުލް އައިސް އިން ބާއްވާ ކުދިންގެ ހަވީރު މާފަންނު ސްޓޭޑިއަމްގައި ކުރިއަށް ގެންދާ އިރު އެއީ ޑައުންސިންޑްރޯމް ކުދިިންނަށް މީގެ ކުރިން ނުބާއްހާ ބޮޑު ހަވީރަކަށް ވާނެ ކަމަށް ޖަމިއްޔާގެ ފައުންޑާ އަހުމަދު އަންސާމް ވިދާޅުވި އެވެ. ކުޅިވަރާއި މުނިފޫހިފިލުވުމުގެ އިތުރުން ޑައުންސިންޑްރޯމް ހުންނަ ކުދިންނަށް ހާއްސަ ގޭމްތަކެއް ހިމެނޭ ހަވީރުގެ މަގްސަދަކީ އެކުދިން ގޮވައިގެން އުޅޭނެ ގޮތް އެހެން ކުދިންނަށް ދަސްކޮށްދޭން ބާރުއެޅުމެވެ. ބިއުޓިފުލް އައިޒް އޮފް މޯލްޑިވްސް އިން ބޭއްވި ތަމްރީން ޕްރޮގްރާމްގެ ބައިވެރިން: މިއަދު އެ ޖަމިއްޔާ އިން ސްޓޭޑިއަމް ސަރަހައްދުގައި ކުޑަކުދިންގެ ހާއްސަ ހަވީރެއް ކުރިއަށް ގެންދާނެ އަންސާމް ވިދާޅުވި ގޮތުގައި ބިއުޓިފުލް އައިސްގެ މަގްސަދަކީ ވީހާވެސް ގިނަ ކުދިން ބައިވެރިވެ ޑައުންސިންޑްރޯމް ނުވަތަ އެހެންވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ އެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމެވެ. އަދި އާންމު ދިރިއުޅުމުގައި ވެސް އެފަދަ ކުދިން ބައިވެރިކޮށްގެން އުޅެން އާންމުން ހޭލުންތެރިކުރުމާއި، ނޯމަލް ކުދިންނާ އެކު އެ ކުދިން ގެންގުޅެން މުޖުތަމައު އަށް ބާރު އެޅުމަކީ ވެސް މަގްސަދެކެވެ. ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އާއިލީ ދުވަހާއި ކުޑަކުދިންގެ ދުވަހާ ވެސް ގުޅުވައިގެން ބާއްވާ ހަވީރުގައި ސްޓޭޖް ހަރަކާތްތަކާއި މަޖާ ގޭމްތައް ކުޅޭނެ ސްޓޯލްތަކާއި ގިނަ ކަންތައްތަކެއް ވަނީ ރާވައިފަ އެވެ. އެހެންކަމުން މިއީ މުޅި އާއިލާ އެކުގައި ޒިޔާރަތްކޮށްލަން ވެސް ރަނގަޅު ހަވީރެއް ކަމަށް އަންސާމް ވިދާޅުވި އެވެ. ބިއުޓިފުލް އައިސް އިން މިކަހަލަ ކިތައްމެ ހަރަކާތެއް ރާއްވަން ބޭނުންވެ އެވެ. އެކަމަކު މައްސަލަ އަކީ މާލީ އެހީތެރިކަން ހޯދަން ކުރިމަތިވާ ހުރަހެވެ. މިހާރު ވެސް އެ ޖަމިއްޔާގެ ހަރަކާތްތައް ބާއްވަނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކުގަ އެވެ. އެކަމަށްޓަކައި އަންސާމް ވަނީ ޖަމިއްޔާގެ ފަރާތުން ޝުކުރު އަދާކުރައްވައިފަ އެވެ. "މިކަހަލަ ހަވީރުތައް ބާއްވަން އެކި ފަރާތްތަކުން އެހީ ލިބޭ. އަޅުގަނޑުމެން އެކަން ފާހަގަކުރަން. ޝުކުރު ދަންނަވަން،" އަންސާމް ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޭނުންވަނީ ވީހާ ވެސް ގިނަ ކުދިން މި ހަވީރުގައި ބައިވެރިވުން. އެއީ ހުރިހާ ކުދިންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް." ހަވީރުގައ ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް ހަދިޔާއެއް ލިބޭނެ އެވެ. އޭގެ އިތުރުން ޑައުންސިންޑްރޯމް ހުންނަ ކުދިންނަށް މި ހަވީރުން ހުޅުވޭނެ ފުރުސަތު ވަރަށް ބޮޑެވެ. އެއީ އެހެން ކުދިންނާ އެކު ވަގުތު ހޭދަކޮށްލުމާއި ޑައުންސިންޑްރޯމް ކުދިންނާ އެކު އުޅެވޭނެކަން އެހެން ކުދިންނަށް އެނގި ދަސްވުމެވެ. ދިރިއުޅުމުގެ އާދައަށް އެފަދަ ކުޑަ ބަދަލެއް ގެނެވުނަސް، ޑައުންސިންޑްރޯމް ކުދިންނަށް ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށް އަންސާމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ