ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރު ކަމަށް ޒައިނާ އައްޔަނުކޮށްފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) ގެ މެންބަރު ކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގެ މަގާމުގައި ހުންނެވި ޒައިނާ ޢަބްދުﷲ އައްޔަނުކޮށްފިއެވެ. ޕީބީސީގެ ބޯޑު މެމްބަރުކަމަށް ޒައިނާ އަޔްނަކޮށްފައިވަނީ އިއްޔެއެވެ. ޒައިނާއަކީ ބޭންކިން އަދި ފައިނޭންސްގެ ދާއިރާގައި، ޚާއްސަކޮށް ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިން އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވަނަންސްގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަންނީ ބޭފުޅެކެވެ. އޭނާ މިހާރު އަދާކުރައްވަމުން ގެންދަވާ މަގާމަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިން އެވެ. މި މަގާމުގައި އޭނާ އިސްކޮށް ބަލަހައްޓަވަނީ ބޭންކުގެ ކޯޕަރޭޓް ފައިނޭންސިން އޮޕަރޭޝަންތަކާއި، ކްރެޑިޓް އިވެލުއޭޝަން، ފައިނޭންސިން ލިޔެކިޔުންތަކާއި ހުއްދަތައް ދިނުމުގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތި މަޝްރޫޢުތަކަށް ދޫކުރެވޭ ފައިނޭންސިން އާ ގުޅޭ އެންމެހައި ކަންކަމެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރު ކަމަށް އައްޔަނު ކުރި ޒައިނާ ޢަބްދުﷲ... ފޮޓޯ/ ޕީބީސީ އެމް.އައި.ބީ އާ ގުޅިވަޑައިގަތުމުގެ ކުރިން ޒައިނާ ވަނީ ޕީ.ސީ.ބީގެ ސީނިއަ އޮފިސަރެއްގެ މަގާމު ފުރުއްވާފައެވެ. އެ މުއްދަތުގައި އޭނާ ވަނީ ދައުލަތުގެ ކުންފުނިތަކުގެ މަސައްކަތްތައް މޮނިޓަކޮށް އިވެލުއޭޓް ކުރުމާއި، މާލީ ބަޔާންތަކާއި ބަޖެޓުތަކުގެ އިތުރުން ބިޒްނަސް ޕްލޭންތައް ދިރާސާކުރުމާއި، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިދާރީ މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. މި ތަޖުރިބާގެ ސަބަބުން ކޯޕަރޭޓް ގަވަނަންސް އާއި ދައުލަތުގެ އިދާރީ އިސްލާޙީ ބަދަލުތަކުގެ ދާއިރާއިން އޭނާއަށް ވަނީ ފުޅާ ދާއިރާއެއްގައި މަޢުލޫމާތާއި ތަޖުރިބާ ލިބިވަޑައިގެންފައެވެ. ތަޢުލީމީ ގޮތުން ބަލާއިރު، ޒައިނާ ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އިން މާސްޓަ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަކުރައްވާފައެވެ. އަދި އިންޑިއާގެ ޔުނިވަރސިޓީ އޮފް ޕޫނޭ އިން ބެޗްލަ އޮފް ކޮމާސް ހާސިލުކުރައްވާފައިވެއެވެ. އޭނާގެ ފަންނީ ހުނަރުތަކުގެ ތެރޭގައި ކޯޕަރޭޓް ފައިނޭންސިން، ކްރެޑިޓް ރިސްކް އެސެސްމަންޓް، ގަވާނަންސް، ރެގިއުލޭޓަރީ ކޮމްޕްލަޔަންސް، އަދި ސްޓްރެޓީޖިކް މެނޭޖްމަންޓް ހިމެނެއެވެ. ބޭންކިން ދާއިރާގެ އިތުރުން ދައުލަތުގެ ކުންފުނިތައް ހިންގުމާއި ބެލެހެއްޓުމުގެ ދާއިރާގައި ހޯއްދަވާފައިވާ ހަރުދަނާ ތަޖުރިބާތަކާއެކު، ޒައިނާ އަކީ ޕީސީބީގެ ބޯޑަށް މާލީ އަދި އިދާރީ ގޮތުން އަގުހުރި ޢިލްމީ އަދި ފަންނީ އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ބޭފުޅެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. ޕީސީބީ އަކީ މިއީ ދިވެހި ދައުލަތުގެ ކުންފުނިތައް ހިންގާ ގޮތް މޮނިޓަކޮށް، އެ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ޢައްޔަންކުރުމާއި، ކުންފުނިތަކުގެ ލަނޑުދަނޑިތައް ހާސިލުވާކަން ކަށަވަރުކުރާ ސަރުކާރުގެ މައި އިދާރާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ