ރައީސްކަމުގެ ހުވާ ޔާމީން ކުރައްވައިފި

17-11-2013 14:05 ރަސްމިއްޔާތު ނިމުނީ 17-11-2013 13:57 ކުރީގެ ރައީސް ނަޝީދު ވެސް ރައީސް ޔާމީނާއި ނާއިބު ރައީސް ޖަމީލާ ސަލާމްކުރައްވައިފި 17-11-2013 13:52 މާލަން ތެރޭގައި މަޖިލީހުގެ މެމްބަރުން ޔާމީނާއި ނާއިބު ރައީސާ ސަލާމްކުރައްވައި ތަހުނިޔާ ދަންނަވަނީ. 17-11-2013 13:50 މަޖިލީހުގެ ރައީސް ވިދާޅުވިގޮތުގައި ރައީސާއި ނާއިބު ރައީސާ މަޖިލީހުގެ މެމްބަރުން ސަލާމްކުރެއްވުމުގެ ރަސްމިއްޔާތެއް އޮންނާނެ 17-11-2013 13:50 މަޖިލީހުގެ ޖަލްސާ ނިންމަވާލައްވައިފި 17-11-2013 13:50 [ނަސްރުﷲ ސޯލިހް، ދަރުބާރުގެ އިން] ހުވާގެ އިގުރާރުގައި ރައީސް ޔާމީން ސޮއިކުރައްވަނީ 17-11-2013 13:47 ރައީސް ވާހަކަފުޅު ނިންމަވާލައްވައިފި 17-11-2013 13:46 ރައީސް ޔާމީން: އަޅުގަނޑު މަގާމާ މި ހަވާލުވީ ރާއްޖޭގެ ކުރިމަގުގެ ތަސައްވުރަށް އާ ހުވަފެންތަކެއް ދެކެމުން. ދެންމެ މި ދެންނެވި ކަންތައް ކާމިޔާބުކުރެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އެއްބާރުލުން ސަރުކާރަށް ލިބިގެން. މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކާއި ސިނާއީ މަސައްކަތްކުރާ ފަރާތްތަކާއި އަމިއްލަ ޖަމްއިއްޔާތަކާއި އަމިއްލަ ފަރުދުންގެ އެއްބާރުލުން ލިބިގެން. 17-11-2013 13:43 ރައީސް ޔާމީން: އަޅުގަނޑު އެކުލަވާލާނީ ޚަރަދު ކުޑަ ސަރުކާރެއް. އިއްތިހާދުވެފައިވާ ޕާޓީތަކާ ވާހަކަދައްކައިގެން މަގާމްތަކަށް ގާބިލް ބޭފުޅުން ގެންނާނާން. މި ސަރުކާރަކީ ރައްޔިތުންގެ ހަރުމުދަލަށް އިހްތިރާމް ކުރާނެ ސަރުކާރެއް. 17-11-2013 13:42 ރައީސް ޔާމީން: އިޖުތިމާއީ ރައްކާތެރިކަމާއި އަމާން ވެއްޓެއް ހޯދައިދިނުމަށް އިސްކަން ދޭނަން. ޚާއްސަކޮށް ގައުމު ބިނާކުރުމުގެ މަސައްކަތުގައި އަންހެނުންގެ ދައުރު ފުޅާކުރާނަން. މަސްތުވާތަކެތީގެ ވަބާ އިން ގައުމު ސަލާމަތްކުރުމަށް އަޅުގަނޑަށް ފަހަތަކަށް ނުޖެހޭނަން. ތައުލީމީ ދާއިރާ ހަރުދަނާކުރަން ޖެހޭ 17-11-2013 13:41 ރައީސް ޔާމީން: ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ވަރަށް ޚާއްސަ މަސައްކަތްތަކެއް އަޅުގަނޑު ވަރަށް އަވަށް ފަށާނަން. އިގްތިސާދީ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން މިހާރުން މިހާރަށް ފިޔަވަޅުތައް އަޅަން ޖެހޭ. ވިޔަފާރީގެ ފުރުސަތުތައް ފުޅާ ދާއިރާއެއްގައި ހުޅުވާލައި މަސްވެރިންނަށާއި ދަނޑުވެރިންނަށް ފުރުސަތުތައް މަގުފަހިކޮށްދީގެން. ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީގެން. ކުރިއަށް އޮތް ފަސް އަހަރު ކުރިއަށް ދާނީ ޒުވާނުންނަކީ ގައުމަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރާ އުފެއްދުންތެރި ބައެއްގެ ގޮތުގައި ސަރުކާރުން ދެކިގެން. 17-11-2013 13:39 ރައީސް ޔާމީން: މިއީ އާ ރޫހަކާ އެކު ގައުމު ތަރައްގީކުރުމުގެ މަސައްކަތް ފަށައިގަންނަންވީ ދުވަސް. ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި އިތުުރުކޮށް ގައުމިއްޔަތުގެ ރުކުންތައް ވަރުގަދަކުރަން އަޅުގަނޑު އިސްކަން ދޭނަން. ގައުމު މި އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި. ގައުމު މިވަނީ ސިޔާސީ ހަލަބޮލިކަމެއްގައި. ގައުމު މިވަނީ ފިތިފައި. ރައްޔިތުން ތިބީ ނުތަނަވަސްކަމުގައި. އަމާން ވެއްޓެއް ގާއިމްކޮށްދިނުމަކީ އަޅުގަނޑުގެ މައްޗަށް އޮތް ވަރަށް މުހިއްމު ގައުމީ ވާޖިބެއް. މިކަން ހާސިލްކުރެވޭނީ އިޖުތިމާއީ ފޭރާން ވަރުގަދަކޮށް ރައްޔިތުންގެ އެކަތިގަނޑަކަށްވެ ވަކި ކުލައަކަށް ނުބަލައި އެންމެންނަކީ ހަމަހަމަ ބަައެއް ކަމަށް ދެކިގެން. ދައުލަތުން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދީގެން. އަތުކުރި އޮޅާލައިގެން އެންމެން އެއް މިސްރާބަކަށް ދަތުރުކުރަން ފަށަން ވެއްޖެ. ކޮންމެ ރައްޔިތަކީ ވެސް އަޅުގަނޑުގެ އަޚެއް، އަޅުގަނޑުގެ އުޚުތެއް. އަޅުގަނޑު މިއީ އަޅުގަނޑަކީ ރައްޔިތުންގެ ރައީސެއްކަން އަބަދުވެސް ހަނދާން ބަހައްޓައިގެން. 17-11-2013 13:36 ރައީސް ޔާމީން: ލޮބުވެތި ރައްޔިތުން އަޅުގަނޑާ ތި ހަވާލުކުރި ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ތައުފީގު ދެއްވުން އެދި މާތްﷲ ގެ ހަޒުރަތަށް ދުއާ ދަންނަވަން. އަޅުގަނޑުމެން އިންތިޚާބުކުރެއްވި ކަމަށްޓަކައި ރައްޔިތުންނަށް ޝުކުރު ދަންނަވަން. މިއީ ރައްޔިތުން ދެއްވި ވަރަށް ވަރުގަދަ ޝަރަފެއް. މި މަގާމަށް އަޅުގަނޑު ގެންނެވުމަށް މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. ޚާއްސަކޮށް އިއްތިހާދުވި ޕާޓީތަކުން ކޮށްދިން މަސައްކަތް ދުވަހަކު ވެސް ހަނދާން ނައްތާނުލާނެ ވާހަކަ ދަންނަވަން. 17-11-2013 13:34 ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ 17-11-2013 13:34 ޝާހިދު: ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑރ. މުހައްމަދު ޖަމީލް އަހުމަދަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ނަމުގަ އާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަރުހަބާ އާއި ތަހުނިޔާ ދަންނަވަން. 17-11-2013 13:34 ހުވާގެ އިގުރާރުގައި ޑރ. ޖަމީލް ސޮއިކުރައްވައިފި 17-11-2013 13:32 ޔާމީން ހުވާކުރެއްވުމުގެ ކުރިން މެހްމާނުންނަށް އިޝާރާތްކޮށްލައްވަނީ 17-11-2013 13:30 ނާއިބު ރައީސް ކަމުގެ ހުވާ ޑރ. ޖަމީލް ކުރައްވަނީ 17-11-2013 13:29 ޝާހިދު: ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ނަމުގަ އާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަރުހަބާ ދަންނަވަން. މަނިކުފާނު ވަނީ 21 އަހަރާއި އަށް މަހާއި 22 ދުވަހު މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ޚިދުމަތްކުރައްވާފައި. ދާދި ފަހަކާ ޖެހެންދެން މަނިކުފާނު ހުންނެވީ މަޖިލީހުގެ މައިނޯރިޓީ ލީޑަރެއްގެ ގޮތުގައި. މަނިކުފާނުގެ މަސައްކަތްޕުޅަށް އަޅުގަނޑު ޝުކުރު ދަންނަވަން 17-11-2013 13:27 ހުވާގެ އިގުރާރުގައި ޔާމީން ސޮއިކުރައްވައިފި 17-11-2013 13:25 ޔާމީނާއި ޑރ. ޖަމީލް ސްޓޭޖުގައި 17-11-2013 13:24 21 ބަޑީގެ ސަލާމަކަށް ފަހު ގައުމީ ސަލާން ކުޅެނީ 17-11-2013 13:22 ރައީސްކަމުގެ ހުވާ ޔާމީން ކުރައްވައިފި 17-11-2013 13:21 ޔާމީނަށް އުއްތަމަ ފަނޑިޔާރު ހުވާ ލައިދެއްވަނީ 17-11-2013 13:21 [ނަސްރުﷲ ސޯލިހް، ދަރުބާރުގެ އިން] ޔާމީން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް މައުމޫނާއި ރައީސް ނަޝީދު. 17-11-2013 13:20 ޝާހިދު: ޔާމީން އަދި ޑރ. ޖަމީލަށް މަރުހަބާ ދަންނަވަން. މިއީ ކުރީގެ ދެ ރައީސަކު ތިއްބަވައިގެން ކުރެވޭ މަޖިލީހުގެ ތާރީޚީ ޖަލްސާއެއް ކަމަށް ވާތީ ރައީސް މައުމޫނަށާއި ރައީސް ނަޝީދަށް މަރުހަބާ ދަންނަވައި ޝުކުރު ދަންނަވަން 17-11-2013 13:16 ގުރުއާނުގެ ބަރަކާތުން ފެށުމަށް ފަހު މަޖިލީހުގެ ރައީސް ޖަލްސާ ފައްޓަވައިިފި. ހާޒިރުވެ ތިއްބެވި މެމްބަރުންގެ އަދަދު 50 17-11-2013 13:14 [އަހުމަދު ހަމްދޫން، ދަރުބާރުގެ އިން] ޔާމީން ހުވާކުރެއްވުމުގެ ރަސްމިއްޔާތު. 17-11-2013 13:09 ގައުމީ ސަލާން ކުޅެނީ 17-11-2013 13:09 ޔާމީނާއި ޖަމީލް ހޯލަށް ވަދެވަޑައިގެންފި. ހޫނު ތަރުހީބެއް. މަޖިލީހުގެ ރައީސާ އެކު ދެ ބޭފުޅުން ސްޓޭޖަށް އަރާވަޑައިގެންފި. 17-11-2013 13:08 މައުމޫނާއި ނަޝީދު އިށީނދެވަޑައިގެން ތިއްބެވީ ޖެހިޖެހިގެން 17-11-2013 13:07 ކުރީގެ ރައީސް މައުމޫނާއި ކުރީގެ ރައީސް ނަޝީދު އެކުއެކީގައި ހިންގަވާފައި ހޯލު ތެރެ އަށް ވަދެވަޑައިގެންފި. އަތްތިލަބަޑީގެ ހޫނު ތަރުހީބެއް ލިބިވަޑައިގެންނެވި. 17-11-2013 13:05 އެމްއެންޑީއެފުން އެރުވި އޮނަ ގާޑަކާ އެކު، ޔާމީންގެ ދެކަނބަލުން ރަތް ދޫލައިގައި ހިންގަވާފައި ދަރުބާރުގެ ތެރެއަށް ވަދެވަޑައިގެންފި 17-11-2013 13:04 ޔާމީނާއި އަނބިކަނބަލުން ފާތުމަތު އިބްރާހީމް ދަރުބާރުގެ އަށް ވަޑައިގެންފި. މަޖިލީހުގެ ރައީސް ޝާހިދު މަރުހަބާ ދަންނަވަނީ 17-11-2013 13:00 ހުވާލައި ދެއްވުމަށް އުއްތަމަ ފަނޑިޔާރު ދަރުބާރުގެ އަށް ވަޑައިގެންފި 17-11-2013 12:55 ރާއްޖެ އިން ބޭރުގައި ހުންނެވި ރައީސް މުހައްމަދު ވަހީދު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައެއް ނުގަންނަވާ. ނަމަވެސް އެ މަނިކުފާނުގެ ނާއިބު މުހައްމަދު ވަހީދުއްދީން (ޑީން) ދަރުބާރުގޭގައި އެބަހުންނެވި. 17-11-2013 12:55 ޔާމީން ގެއިން ނުކުމެވަޑައިގެން މޮޓޯކޭޑުގައި ދަރުބާރުގެ އަށް ދަތުރު ފައްޓަވައިފި 17-11-2013 12:53 ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ދަރުބާރުގެ އަށް ވަޑައިގެންފި. ބޭރު ގައުމުތަކުގެ ބައެއް ސަފީރުން ވެސް ދަރުބާރުގޭގައި އެބަތިއްބެވި. 17-11-2013 12:53 ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަސްމިއްޔާތަށް ވަޑައިގެންފި. އެ މަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ ވެސް ވަޑައިގެންނެވި. މަޖިލީހުގެ ރައީސް ޝާހިދު މަރުހަބާ ވިދާޅުވެއްޖެ 17-11-2013 12:46 ޔާމީން ދަރުބާރުގެ އަށް ވަދެވަޑައިގަތުމަށް ރަތް ދޫލަ ވަނީ އަޅާފައި. ޚާއްސަ އޮނަ ގާޑެއް އެރުވުމަށް ސިފައިން ތައްޔާރަށް އެބަތިބި. ޔާމީނަށް މަރުހަބާ ދަންނަވާނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު. 17-11-2013 12:34 [އަހުމަދު ހަމްދޫން، ދަރުބާރުގެ އިން] ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ބައެއް މެހްމާނުން ދަރުބާރުގޭގައި. 17-11-2013 12:33 ރަސްމިއްޔާތަށް ދައުވަތު އަރުވާފައިވާ ބައެއް ބޭފުޅުން މިހާރު ވަނީ ދަރުބާރުގެ އަށް ވަޑައިގެންފައި 17-11-2013 12:32 ޔާމީން ދިރިއުޅުއްވާނެ ތަނަކާ ބެހޭ ގޮތުން ރަސްމީ ބަހެއް އަދި ނުލިބޭ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގެ ގޮތުގައި މުލީއާގެ އާއި ހިލާލީގެ ވެސް މިދިޔަ ދެ ސަރުކާރުގައި ބޭނުންކުރި. ޔާމީން ރޭ ނޫސްވެރިންނަށް ވިދާޅުވެފައި ވަނީ "އަޅުގަނޑު މިރޭ ވެސް ނިދަން ދާން ހިޔާލު ކުރަނީ އަޅުގަނޑުގެ ގެއަށް" ކަމަށާއި "މާދަމާ ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ގޭގައި" ކަމަށް. "އަޅުގަނޑުގެ ހިޔާލެއް ނެތް، އަދި އަޅުގަނޑުގެ ސިކިއުރިޓީން ހުއްދަ ދެއްވާ ކަމަށް ވަންޏާ އެހެން ދިމާލަކަށް ބަދަލުވާކަށް ވެސް،" ޔާމީން ވިދާޅުވި. 17-11-2013 12:31 ޔާމީން ރޭ ވިދާޅުވިގޮތުގައި އިންތިޚާބުގެ ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި ގޮތަށް، ރައީސްކަމުގެ މުސާރައިން ކޮންމެ މަހަކު ވެސް ނަންގަވާނީ މުސާރައިގެ ދެބައިކުޅަ އެއްބައި ނުވަތަ 50،000ރ. 17-11-2013 12:27 އާ ސަރުކާރުގެ މަސައްކަތްތައް ފެއްޓެވުމުގެ ގޮތުން މިއަދުގެ ވަގުތެއްގައި މުހިންމު ބައެއް މިނިސްޓްރީތަކަށް ބޭފުޅުން ހަމަޖެއްސެވުމުގެ މަސައްކަތް ކުރައްވަން ޔާމީން ވަނީ ނިންމަވާފައި. ސިޔާސީ މަގާމުތަކަށް ބޭފުޅުން ހަމަޖެއްސުމުގައި ގުޅިފައިވާ ޕާޓީތަކުގެ މަޝްވަރާ ހޯއްދަވާނެ ކަމަށާއި ނަމަވެސް އެމަނިކުފާނުގެ އަމާޒަކީ ސިޔާސީ މަގާމުތައް ވީހާވެސް މަދުކޮށް "މަތި ލުއި ސަރުކާރެއް" އުފެއްދުން ކަމަށް ޔާމީން ވިދާޅުވި. 17-11-2013 12:26 މިއަދު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އިރު ޔާމީން ވިދާޅުވި ގޮތުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އިގްތިސާދު ނަގާ ކޮޅަށް ޖެހުމަށް. އެގޮތުން ބޭރު ފައިސާގެ މައްސަލަ އާއި އަންނަ އަހަރުގެ ބަޖެޓްގެ މައްސަލަ އަދި ދައުލަތުގެ ދަރަނީގެ މައްސަލަ ހައްލު ކުރެއްވުމުގެ މަސައްކަތް "މިއަދުން މިއަދަށް" ފައްޓަވާނެ ކަމަށް ވިދާޅުވި. އަދި ރާއްޖޭގެ އިޖްތިމާއީ ފޭރާން ރަނގަޅުކޮށް ގާނޫނުގެ ވެރިކަމެއް ދެމެހެއްޓުމަކީ ދެވަނަ އަށް އެންމެ ބޮޑު އިސްކަން ދެއްވާނެ ކަންތައް ކަމަށް ވެސް ވިދާޅުވި. 17-11-2013 12:25 އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު ޔާމީން ރޭ ވިދާޅުވެފައި ވަނީ ވެރިކަން ކުރުމުގައި އެއްވެސް ފަރާތަކާއި މެދު ތަފާތުކަމެއް ނުގެންގުޅޭނެ ކަމަށާއި އެމަނިކުފާނު ވެވަޑައިގަންނަވާނީ ހުރިހާ ދިވެހި ރައްޔިތުންގެ ރައީސަކަށް ކަމަށް. އަޅުގަނޑުގެ ސަރުކާރެއްގައި ވަކި ޕާޓީއެއްގެ މީހަކަށް ވީތީ ވަކި ގޮތެއް ނުގެންގުޅޭނެ. "މިއީ އެންމެންގެ ސަރުކާރެއް. އަޅުގަނޑަކީ ތިޔަ އެންމެ ރައްޔިތުންގެ ވެރިއެއް. ބަދަލުހިފުމުގެ ރޫހެއް އަޅުގަނޑުމެންގެ ނެތް،" ޔާމީން ވިދާޅުވި. 17-11-2013 12:24 ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދާ އިއްޔެ ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީން ކާމިޔާބުކުރެއްވީ 111،203 ވޯޓުން. އެއީ 51.39 ޕަސެންޓް. ނަޝީދަށް ލިބިވަޑައިގަތީ 105،181 ވޯޓު. އެއީ ވޯޓުލީ މީހުންގެ 48.16 ޕަސެންޓް. 17-11-2013 12:22 ޔާމީން ރައީސްކަމުގެ ހުވާކުރައްވާ އިރު ނާއިބު ރައީސް ކަމުގެ ހުވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރައްވާނެ. 17-11-2013 12:18 އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދަރުބާރުގެ ތައްޔާރުކުރަނީ. 17-11-2013 12:17 މެންދުރުފަހު 1:00 ގައި ބާއްވާ ރަސްމިއްޔާތުގައި ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ޔާމީން ގައުމާ މުޚާތަބްކުރައްވާނެ. ޔާމީން ވެގެން ދާނީ ރާއްޖޭގެ ހަ ވަނަ ރައީސުލްޖުމްހޫރިއްޔާ އަށް. 17-11-2013 12:16 ޔާމީނަށް ހުވާ ލައިދެއްވާނީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެން 17-11-2013 12:16 އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާ މަޖިލީހުގެ ޖަލްސާ އަށް ދަރުބާރުގޭގެ ސްޓޭޖު ތައްޔާރުކޮށްފައި 17-11-2013 12:15 ރައީސްކަމުގެ ހުވާ ޔާމީން ކުރައްވާނީ ދަރުބާރުގޭގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި. އެކަމަށްޓަކައި ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަން ތައްޔާރުކޮށް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައި. 17-11-2013 12:13 [ނަސްރުﷲ ސޯލިހް، ދަރުބާރުގެ އިން] އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދަރުބާރުގެ ތައްޔާރުކުރާ އިރު ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް (ކ) އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް އެ ތަނުގައި. 17-11-2013 12:13 ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ އަބްދުﷲ ޔާމީން މަގާމްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދަރުބާރުގޭގައި އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް ދަނީ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ