ޔާމީނަށް އުމަރު ރައްދުދީފި

ރާއްޖޭގެ ކަނޑުގެ އަޑިން ތެޔޮނެގުމަކީ ރާއްޖޭގެ ޓޫރިޒަމާއި މަސްވެރިކަން މުޅިން ފޮވެހިގެންދާނެފަދަ ބިރުވެރިކަމެއްކަމުގައި ވިދާޅުވެ ޕީޕީއެމްގެ ރިޔާސީ ރޭހުގައި އުމަރާއިއެކު ވާދަކުރާ ޔާމީނަށް އުމަރު ނަސީރު ރޭ ރައްދުދެއްވައިފި އެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ވާދަކުރައްވާ އުމަރުނަސީރުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ އާޓިފިޝިއަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުމަރުނަސީރު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި ރާއްޖޭގެ ކަނޑުގެ އަޑިން ތެޔޮ ނަންގަވާނެކަމަށް ޔާމީން ވިދާޅުވި ވިދާޅުވުމަކީ އެއްވެސް އޮށްޓަރެއްނެތް ޖޯކު ވާހަކަތަކެއްކަމަށެވެ.
"އަމާންކަން ގައިމު" މިނަމުގައި ރޭ އުމަރުނަސީރުގެ ކެމްޕެއިން ރަސްމީކޮށްފެށުމައްފަހު އަބްދުﷲ ޔާމީނަށް ރައްދުދެއްވައި އުމަރު ވިދާޅުވީ ދިވެހި ރާއްޖެއަކީ ކަނޑުގެ ޖަޒީރާ ރައްތަކަކަށް ބިނާވެފައިވާ ގައުމެއްކަމަށާއި، ރާއްޖެފަދަ ގައުމެއްގެ ކަނޑުގެ އަޑިން ތެޔޮހޯދުމަކީ ވާނެކަމެއް ކަމަށް ގާބޫލުނުކުރާ ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމާއި މަސްވެރިކަން މުޅިން ހަލާކުވެގެންދާނެކަމީ ސަތޭކައަކުން ނުވަދިހަ ޕަސެންޓު ޔަގީންވާ ކަމެއްކަމަށެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލް ގައްޔޫމްގެ ޅިޔަނު އިލްޔާސް އިބްރާހިމާއިއެކު ޕީޕީއެމްގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވި މިޖަލްސާގައި އުމަރު ވިދާޅުވީ މިފަދަ ގޮތަކަށް ޔާމީނަށް ރައްދުދެއްވި ކަމުގައިވިޔަސް ޔާމީނާއިމެދު އެއްވެސް ރުޅިވެރިކަމެއް ނެތްކަމަށާއި، މީ ހަމައެކަނި އުމަރުގެ ޚިޔާލުކަމަށެވެ.
އުމަރު ވިދާޅުވީ މިގައުމަކީ މިހާރު މާރާމާރީއާއި މީހުން މެރުން އާންމުވެފައިވާ ގައުމެއްކަމަށާއި މިފަދަ ގައުމެއް ތަރައްގީ ކުރަން ބަޔަކު ކިތަންމެވަރަކަށް މަސައްކަތް ކުރި ކަމުގައިވިޔަސް މިފަދަ ކަންކަން އިސްލާހުނުކޮށް ތަރައްގީ ވާނެކަމަށް ގަބޫލު ނުކުރައްވާކަމަށާއި، އުމަރުގެ ވެރިކަމެއްގައި ރާއްޖޭގައި ކުއްކުރުން މަުދުކުރުމައް ހާއްސަ އިސްކަމެއް ދޭނެކަމަށެވެ.
އުމަރުގެ ވެރިކަމެއްގައި ރާއްޖެ ތަރައްގީކުރުމަށް ނުކުންނާނީ ދެހާސް ސާޅީސްވަނަ އަހަރައް ރާއްޖޭގެ ތަރައްގީއައް ވިސްނައި މިގައުމުގެ ތަސައްވުރު ވަރަށް ރަގަޅަށް ދިރާސާކޮށްގެންކަމަށްވެސް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ