ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރާ އިސްލާހު ތަސްދީގުކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށްޓަކައި، ދެ ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހުން އިއްޔެ ފާސްކުރި އިސްލާހުގެ ބިލް ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ. މި ބިލްގައިވާ ގޮތުން ސުޕްރީމް ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރެވޭނީ މަގާމަށް ގާބިލު ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެންނެވެ. މިގޮތަށް ފަނޑިޔާރަކު މަގާމުން ވަކިވާނީ މަޖިލީހުގެ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވެގެންނެވެ. ތަސްދީގުކުރުމާ އެކު އަމަލުކުރަން ފަށާ ގޮތަށް މަޖިލީހުން ފާސްކުރި މި ބިލްގައި ބުނެފައިވަނީ މަގާމުން ވަކިކުރަން ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް ބިލް ތަސްދީގު ކުރާތާ ތިން ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެ ނަންތައް މަޖިލީހަށް ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި އެ ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ޖެހެ އެވެ. ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ވަކިކުރުމަށް ފަހު، ދެން ތިއްބެވި ފަނޑިޔާރުން މަގާމުގައި ދެމި ތިއްބަވާނެ އެވެ. އަދި ވަކިކުރާ ފަނޑިޔާރުންނަށް، ފަނޑިޔާރުންގެ ގާނޫނުގެ 24 ވަނަ މާއްދާގެ ށ. އަދި ނ. ގައި ކަނޑައަޅާފައިވާ ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދައުލަތުން ލިބިދޭން ވާނެ ކަމަށް ވެސް ބިލްގައިވެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަށް ބަދަލު ގެނައުމުގެ އިތުރުން އުއްތަމަ ފަނޑިޔާރު އައްޔަން ކުރާނީ ރައީސް ކަމަށް ބިލްގައިވެ އެވެ. ގާނޫނު އަސާސީގައި ވެސް ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރު އައްޔަން ކުރާނީ ރައީސް ކަމަށެވެ. ސުޕްރީމް ކޯޓަށް ބަދަލު ގެނައުމުގެ އިތުރުން، ރާއްޖޭގެ އުތުރާއި ދެކުނުގައި ފުރަތަމަ ފަހަރަށް ހައި ކޯޓުގެ ދެ ގޮފި، މި ބިލް ތަސްދީގުކުރާތާ 90 ދުވަހުގެ ތެރޭގައި، އުފައްދަން ޖެހެ އެވެ. އަދި އޭގެ ކޮންމެ ގޮތްޕަކަށް، މިހާރު ހައި ކޯޓުގައި ތިއްބެވި ނުވަ ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު ކަނޑައަޅަން ޖެހެ އެވެ. އެ ގޮފިތައް ގާއިމުކުރާނެ ރަށަކާއި އެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖައްސާނީ ސުޕްރީމް ކޯޓުން ކަމަށާއި އުތުރާއި ދެކުނުގައި ގާއިމުކުރާ ހައި ކޯޓްގެ ދެ ގޮފިން ބަލާނީ އެ ސަރަހައްދެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ އިސްތިއުނާފުކުރުން އެކަނި ކަމަށް ވެސް ބިލްގައިވެ އެވެ. ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބެވި ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު އާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަދި ފަނޑިޔާރު އަހްމަދު މުއުތަސިމެވެ. ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ. އެ ބިލަށް ޝަރީފު ވޯޓެއް ނުދެއްވަ އެވެ. ސަރުކާރުގެ ތާއީދާ އެކު އެ ބިލް މަޖިލީހުން ފާސްކުރިއިރު އެމްޑީޕީ އާއި ޖޭޕީން ވޯޓެއް ނުދެ އެވެ. އެހެން ނަމަވެސް ހުޅުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި އެ ޕާޓީގެ ކުރީގެ ޗެެއާޕާސަން މޫސާ މަނިކު ވަނީ ބިލަށް ވޯޓު ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ