ޔުކްރެއިންގެ އިރުމަތީ ސަރަހައްދުގެ ރައްޔިތުން ވެސް މިނިވަންކަން އިއުލާނުކުރަން ވޯޓު ދީފި

ޑޮނެޓްސްކް، ޔުކްރެއިން (މެއި 12) - ޔުކްރެއިންގެ އިރުމަތީ ސަރަހައްދުގެ ރައްޔިތުން ޔުކްރެއިނާ ވަކިވެ މިނިވަންކަން އިއުލާނުކުރަން ފެނޭތޯ އިއްޔެ ނެގި ވޯޓުގައި ގިނަ މީހުން ވޯޓު ދީފައި ވަނީ މިނިވަންކަން އިއުލާނު ކުރުމަށް ކަމަށް، ރަޝިއާ އަށް ތާއީދުކުރާ ހަތިޔާރު އެޅި ގްރޫޕްތަކުން ބުނެފި އެވެ. ޔުކްރެއިންގައި އޮތް ރަޝިއާ އަށް ތާއީދުކުރާ ސަރުކާރު މަގުމަތިން ވައްޓާލުމާ އެކު ޔުކްރެއިންގެ ކްރައިމިއާ ވެސް މިހާރު ވަނީ ޔުކްރެއިނުން ވަކިވެ ރަޝިޔާގެ ދަށަށް ގޮސްފަ އެވެ. އިރުމަތީ ސަރަހައްދުގައި ވެސް މިގޮތަށް ކަންތައް ކުރަމުން ދަނީ ރަޝިއާ އަޑީގައި އޮވެގެން ކަމަށް ބުނެ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ޔުކްރެއިންގެ އިރުމަތީ ސަރަހައްދުގައި އިއްޔެ ނެގި ވޯޓު ގުނަނީ. -- ފޮޓޯ: އޭއެފްޕީ ރަޝިއާ އަށް ތާއީދުކުރާ ހަތިޔާރު އެޅި ގްރޫޕްތަކުގެ ބެލުމުގެ ދަށުން، އަމިއްލަ އަށް އިލެކްޝަންސް ކޮމިޝަނެއް ހަދައިގެން ނެގި ވޯޓަށް ފަހު މިއަދު ބުނެފައި ވަނީ 89 ޕަސެންޓަށް ވުރެ ގިނަ މީހުން ބޭނުންވަނީ ޔުކްރެއިނާ ވަކިވާން ކަމަށެވެ. 'ކޮމިޝަނުން' ބުނީ 75 ޕަސެންޓް މީހުން ވޯޓު ލާން ނިކުތް ކަމަށާއި ދެކޮޅަށް ވޯޓު ދީފައި ވަނީ 10 ޕަސެންޓް މީހުން ކަމަށް ވަނީ ބުނެފަ އެވެ. އަދި މިއީ އެންމެ ފަހުގެ ނަތީޖާ ކަމަށް ވެދާނެ ކަމުގައި ވެސް ބުންޏެވެ. އިއްޔެ ވަނީ ޑޮނެޓްސްކް އާއި ލުގަންސްކް ގައި ވެސް ވޯޓު ނަގައިިފަ އެވެ. މި ދެ ސަރަހައްދުގެ އާބާދީ ހަތް މިލިއަނަށް އަރަ އެވެ. މުޅި ޔުކްރެއިންގެ އާބާދީ އަކީ 46 މިލިއަނެވެ. ޔުކްރެއިނުން ބުނެފައި ވަނީ އެ ގައުމުން ވަކިވެގަތުމަށް ނެގި ވޯޓަކީ ހުތުރުވެގެންވާ ކުށެއް ކަމަށެވެ. އަދި އެއީ ގާނޫނީ އެއްވެސް ބުރަދަނެއް ނެތް، ރަޝިއާގެ އެހީގައި ކުރިއަށް ގެންދާ ވޯޓެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ. ޔުކްރެއިންގެ އެތެރޭގެ މައްސަލަތައް ގޯސްކުރަނީ ރަޝިއާ އިން ކަމަށް ބުނެ އެކި ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އަދި މި މައްސަލާގައި ރަޝިއާއާ ދެކޮޅަށް އެމެރިކާ އާއި ޔޫރަޕްގެ އިއްތިހާދުން ވަނީ ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅައިފަ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ