ކާށިދޫ ދާއިރާގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން އަނެއްކާ ވެސް ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ބުނެ ސ. ހިތަދޫ، ލާމިގޭ، މޫސާ އަންވަރު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ދެ ވަނަ ފަހަރަށް އެ ކޯޓުން އިއްޔެ ބޭރުކޮށްފި އެވެ. ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދުގެ ގޮނޑި ހުސްވެފައިވާ ކަމާ މެދު ހިލާފު އުފެދިފައިވާ ކަމަށް މޫސާ އަންވަރު ބުނަނީ އޭނާ އެއް އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުންނެވެ. އެންމެ ފުރަތަމަ އެ މައްސަލަ ހުށަހެޅުމުން ކޯޓުން އެ މައްސަލަ ބޭރުކޮށްފައި ވަނީ ހަމީދުގެ ގޮނޑި ހުސްވެފައިވާ ކަމާމެދު ސުވާލު އުފެދޭ ލިޔުމެއް ހުށަނާޅާ ކަމަށް ބުނެ އެވެ. ސުޕްރީމް ކޯޓުން އިއްޔެ މޫސާ އަންވަރަށް ދީފައިވާ ޖަވާބުގައި ބުނެފައި ވަނީ ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާކަން ކަށަވަރު ކުރުމުގެ ކަންތައް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ވަކި ނިންމުމެއް ނިންމާފައި ނުވާއިރު ސުޕްރީމް ކޯޓުން އެ މައްސަލައިގައި ގޮތެއް ކަނޑަނޭޅޭނެ ކަމަށް ވެސް އެ ޖަވާބުގައިވެ އެވެ. "އެފަދަ މައްސަލަތަކުގައި ޝަރީއަތުގެ ފަރާތުން ގޮތެއް ކަނޑައަޅަންޖެހޭނީ ކަމާބެހޭ ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމަށް ނުވަތަ ނޫން ކަމަށް ކަނޑައެޅުމަށް ފަހުގައި ކަމަށްވާތީ މި މައްސަލަ މި ކޯޓަށް ހުށަހެޅުމުގެ ހުއްދަ ދެވެން ނެތް ކަމަށް އެންގީމެވެ،" ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ. ހަމީދުގެ މައްޗަށް މިދިޔަ އޮގަސްޓް 29 ގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުގެ ޑިރެކްޓަރަކަށް ހުންނަވައިގެން، "އުފުލި- 5" ގެނައުމުގައި އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމަށެވެ. ސިންގަޕޫރުގެ އައިލެންޑް ލޮޖިސްޓިކް ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދުވެފައިވާ އެއްބަސްވުމުގައި ބުނެފައިވަނީ އުފުލީގެ އަގަށް ވާ 50 ޕަސެންޓު ދައްކަންޖެހެނީ އުޅަނދު ގެނައުމުގެ ކުރިން ކަމަށާއި ބާކީ 50 ޕަސެންޓް ދައްކަންޖެހެނީ އުޅަނދު މާލޭ ބަނދަރަށް ވެއްދުމުން ކަމަށް އެ ހުކުމުގައިވެ އެވެ. ނަމަވެސް އެ އުޅަނދު މާލޭ ބަނދަރަށް ވެއްދުމުގެ ގާތްގަނޑަކަށް ހަ މަސް ކުރިން އެ އުޅަނދު ލިބިފައިވާ ކަމަށް ހަމީދު ސޮއިކުރައްވާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ ތިން ވަނަ ނަންބަރުގައި ބުނެފައި ވަނީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ ނަމަ، އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި 74 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކިކުރަންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާމެދު ސުވާލު އުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ