ކަރަންޓް ސިޑިއަކުން މަންމަ ވެއްޓި މަރުވިއަސް ދަރި ސަލާމަތްކޮށްފި

ބެއިޖިން (ޖުލައި 27) - ޗައިނާގެ މެދުތެރޭގެ ޝޮޕިން މޯލެއްގައި ހުރި ކަރަންޓް ސިޑިއަކުން މަންމަ ވެއްޓި މަރުވި ނަމަވެސް ކުޑަ ދަރިފުޅު ސަލާމަތްކޮށްފި އެވެ. ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި އިއްޔެ ހިނގި މި ހާދިސާގައި ކަރަންޓް ސިޑިން މައްޗަށް އެރުމަށް ފަހު މެޓަލް ޕެނަލްގެ މަތީގައި ފައި އަޅާތަނުން އެބައި ވެއްޓެ އެވެ. އަދި މަންމައާ ދަރިފުޅު ވެސް ވެއްޓެ އެވެ. އެ ވަގުތު އުމުރުން 30 އަހަރުގެ މަންމަ ވަނީ ސިޑި ކައިރީގައި ތިބި މޯލުގެ ސްޓާފުންނާ ދިމާލަށް ދަރިފުޅު ކޮށްޕާލައިފަ އެވެ. އެ ތަނުގައި ތިބި މޯލުގެ ސްޓާފުން ވަނީ މަންމަ ސަލާމަތް ކުރެވޭތޯ ވެސް މަސައްކަތް ކޮށްފަ އެވެ. އެކަމަކު މަންމަ ވެއްޓި މަރުވީ އެވެ. ޗައިނާގެ މީޑިއާ އިން ބުނި ގޮތުގައި ކަމާބެހޭ ފަރާތްތަކުން ދަނީ މި ހާދިސާ ތަހްގީގު ކުރަމުންނެވެ. މުޅިން ޔަގީން ނުވާ ރިޕޯޓްތައް ބުނާ ގޮތުގައި ކަރަންޓް ސިޑި ދާދި ފަހުން މަރާތު ކުރި މީހުން ވަނީ މެޓަލް ޕެނަލްގައި އިސްކުރު ޖަހަން ހަނދާން ނެތިފަ އެވެ. ކަރަންޓް ސިޑިން މަންމަ ވެއްޓެނީ ހުބެއި ޕްރޮވިންސްގައި ހިނގި ހާދިސާއާ ގުޅިގެން ޝޮޕިން މޯލަށް ވަރަށް ގިނަ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ޗައިނާގެ ސޯޝަލް މީޑިއާ އިން ދަނީ ސޮޕިން މޯލުގެ މެނޭޖްމަންޓުން މި ކަމަށް ޖަވާބުދާރީ ވުމަށް ގޮވާލަމުންނެވެ. ބައެއް މީހުން ދަނީ މި މޯލް ބަންދު ކުުރުމަށް ވެސް ގޮވާލަމުންނެވެ. އަދި މެޓަލް ޕެނަލްގައި އިސްކުރި ނުޖަހާ ހުރި އިރު އެ ސިޑި ބަންދު ނުކުރީ ކީއްވެތޯ ބައެއް މީހުން ދަނީ ސުވާލު ކުރަމުންނެވެ. ޗައިނާގައި ދާދި ފަހުން ވަނީ ކަރަންޓް ސިޑީގެ ބައެއް އެކްސިޑެންޓްތައް ހިނގައިފަ އެވެ. މި ގޮތުން ޝަންހާއީގައި މިދިޔަ އަހަރު ކަރަންޓް ސިޑިއެއް އިދިކޮޅަށް ހިނގައި ގަތުމުން 13 މީހުން ވަނީ ޒަޚަމްވެފަ އެވެ. އަދި ބެއިޖިންގައި 2011 ވަނަ އަހަރު ކަރަންޓް ސިޑިއަކަށް ދިމާވި މައްސަލައެއްގައި ފުރާވަރުގެ ކުއްޖަކު ވަނީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ