ހޯދާ މީހާ ފިލުވުމަށް އެހީވާ މީހުންނާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނަން: ފުލުސް

ދައުލަތުގެ މުދަލަށް ގެންލުންދީ ފުލުހުންނަށް ބިރުދެއްކި މައްސަލާގައި ހޯދަން އިއުލާންކޮށްފައިވާ މީހާ ފިލުވުމުގައި އެހީތެރިވާ ނަމަ އެ ފަރާތަކާ މެދު ވެސް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ބުނެ ފުލުހުން މިއަދު އިންޒާރު ދީފި އެވެ. އއ. އުކުޅަސް، ބީޗު ހައުސް، ކާމިލް އިބްރާހީމް ހޯދަން ފުލުހުން ފޮޓޯ އާއި ވީޑިއޯ އާންމުކުރީ މި މަހުގެ 5 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ކުރި މުޒާހަރާގައި ފުލުހުންގެ ބެރިކޭޑްތައް ފޫއަޅުވާލައި ޗާނދަނީ މަގާއި އޯކިޑް މަގު ގުޅުނު ކަންމަތިން ހުރި ސީސީޓީވީ ކެމެރާއެއް ހަލާކުކޮށްލައި ލަޓިބިރުއަކުން ފުލުހުންނަށް ބިރު ދެއްކި މައްސަލައާ ގުޅިގެންނެވެ. ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން އަވަސްކޮށް، ދެ ވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ގޮވާލައި އެރޭ އެމްޑީޕީން ކުރި މުޒާހަރާގެ ތެރޭގައި ބަޔަކު ވަނީ ހެލްމެޓާއި މާސްކް އަޅައިގެން ލަޓިބުރިތަކެއް ހިފައިގެން ހަރަކާތްތެރިވެފަ އެވެ. ކާމިލް ހޯދުމަށް ދެ ފަހަރެއްގެ މަތިން ފުލުހުން އިއުލާންކުރި އެވެ. އަދި އެއީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހަ އަހަރުގެ ޖަލު ހުކުމެއް ވެސް އޮތް މީހެއް ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. މީގެ އިތުރުން މި އަހަރުގެ މާޗު މަހުގެ ތެރޭގައި އދ. ކަނބުރުދޫ ކައިރީގައި އޮތް ތެޔޮ ބޯޓަކަށް އަރައި އޭގައި ތިބި މީހުންނަށް ބިރު ދައްކައި މާރާމާރީ ހިންގައި އިންޒާރު ދިން މައްސަލައަކާ ގުޅިގެން ވެސް ކާމިލް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ