އަދީބުގެ ބާރުތައް ނެތިދިއުމަކީ ލިބުނު ބޮޑު ނަސްރެއް: އުމަރު

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނައިބު ރައީސް އަހުމަދު އަދީބުގެ ބާރުތައް ﷲ ގެންދެވުމަކީ ދިވެހި ގައުމަށް ލިބުުނު ވަރަށް ބޮޑު ނަސްރެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މި ހަފުތާގައި ވިދާޅުވެއްޖެ އެވެ. "ހަވީރާ" ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބާރުތައް ﷲ އަތުލެއްވުމަށް ފަހު، ގައުމަށް އެންމެ ބޮޑު ނަސްރެއް ލިބުނީ އަދީބުގެ ބާރުތައް ދިއުމުން ކަމަށެވެ. "އެހެންވީމާ މި ލިބުނީ ވަރަށް ބޮޑު ނަސްރެއް. އެހެން ނޫނީ މިއީ އީކުއަލީ ހަމަ ވަރަށް ނުރައްކާތެރި މީހެއް،" އަދީބާ ގުޅޭ ގޮތުން އުމަރު ވިދާޅުވި އެވެ. ރައީސް ޔާމީންގެ "ފިނިފެންމާ" ލޯންޗްކޮޅުގައި ބޮން ގޮއްވި ހާދިސާ ބަލާ ނެޝަނަލް އިންކުއަރީ ކޮމިޝަން (އެންއައިސީ) ގެ ކޯޗެއާ އުމަރު ވިދާޅުވީ ނަޝީދު ވެސް ވެރިކަމުގައި ހުންނެވި ނަމަ ތަންތަން ވިއްކައި ގައުމު ބެންކޮރަޕްޓް ކުރީސް ކަމަށެވެ. "ނަޝީދުގެ އަތުން ﷲ ވެރިކަން އަތުލެއްވީމާ ވެސް އަޅުގަނޑުމެން ދުއާކުރިން. މީނާގެ [އަދީބު] އަތުން ބާރުތައް އަތުލެއްވުމަކީ ވެސް އަޅުގަނޑުމެން ﷲއަށް ޝުކުރު ދަންނަވަން ޖެހޭ ކަމެއް،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އަދީބު ހައްޔަރުކުރުމުން ރާއްޖޭގެ ސިޔާސީ މަސްރަހު އެހެން ގޮތަކަށް ބަދަލުވާނެ އެވެ. އަދީބުގެ ސަބަބުން ލިބުނު ގެއްލުމެއްގެ ގޮތުގައި އުމަރު ދެއްކެވި މިސާލަކީ "ރައީސް ޔާމީންގެ ކޯލިޝަންގެ ހުރިހާ ބްރިޖެއް އަނދައި ހުލިވުމެ"ވެ. ޕީޕީއެމްގެ ބައްދަލުވުމެއްގައި ރައީސް ޔާމީނާއި ނައިބު ރައީސް އަހްމަދު އަދީބް.---ހަވީރު ފައިލް ފޮޓޯ: ނިޝާން އަލީ "ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީ އަށް އަޅާފައި އޮތް ބްރިޖް އަނދައި ހުލިވީ. އަދާލަތު ޕާޓީއަށް އަޅާފައި އޮތް ބްރިޖް އަނދައި ހުސްވީ. އަދި ދީނީ އެހެން ޖަމިއްޔާތަކަށް، އަޅުގަނޑުމެންނަކީ ކޮންޒަވެޓިވް ޕާޓީއެއް ވީމާ އަޅާފައި ހުރި ބްރިޖް ވެސް އެއްކޮށް ދިޔައީ،" އުމަރު ވިދާޅުވި އެވެ. "އެންމެ ފަހު ބްރިޖަކަށް އޮތީ ރައީސް މައުމޫންއާ ހަމައަށް އަޅާފައި އޮތް ބްރިޖް. އެއީ އެންމެ ވަރުގަދަ ބްރިޖް. އެ ބްރިޖް ވެސް އެއްކޮަށް އަނދައި ނުވެއްޓޭކަން. ކޮޅަށް ހުރިކަން ހަމައެކަނި." އުމަރު ވިދާޅުވީ އަދީބު ހައްޔަރުކުރުމަކީ އެ ހުރިހާ "ބްރިޖްތައް" އަނބުރާ ކޮޅަށް ޖަހަން ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނެ ފުރުސަތެއް ކަމަށެވެ. އެހެންވެ އެކަން ރައީސް ޔާމީން ސިޔާސީ ގޮތުން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އުމަރު ފާހަގަކުރެއްވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުގެ މިސްރާބު މިހާރު ވެސް ހުރީ އެ ދިމާއަށް ޖަހައިފަ އެވެ. ނައިބު ރައީސް އަހްމަދު އަދީބު މިދިޔަ ހޮނިހިރުދުވަހު ސިންގަޕޫން ރާއްޖެ ވަޑައިގެން މަތިންދާބޯޓުން ފައިބާ ވަޑައިގަންނަވަނީ: އޭނާ ވަނީ އެ ދުވަހު ހައްޔަރުކޮށްފައި. "އެހެންވީމާ ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނެ ތިން އަހަރު ގުޑް ގަވަނަންސްއާ ދިމާއަށް ދަތުރު ކުރައްވަން. ސަރުކާރެއް ދަތުރުކުރާއިރު ހުންނާނެ ރަނގަޅަށް ކުރާ ކަންތައްތަކާއި ގޯސްކޮށް ކުރެވޭ ކަންތައްތަކާއި ބައެއް ފަހަރަށް ގަސްދުގައި ގޯސްކޮށް ކުރާ ކަންތައް. ގަސްދުގައި ގޯސްކޮށް ކުރާ ކަންތައް ޖެހޭނީ ހުއްޓާލަން. މި ސަރުކާރުގައި މިހާތަނަށް މީހަކު ގަސްދުގައި ގޯސްކޮށް ކަމެއް ކޮއްފިއްޔާ އެކަން ކޮށްފައި ހުންނާނީ ނައިބު ރައީސްގެ މަސައްކަތުން،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ނައިބު ރައީސް ހައްޔަރުކުރުމުން "މި ސަރުކާރުގެ އެންމެ ބޮޑު ލަގެޖް" ވެސް ބޭލުނީ ކަަމަށެވެ. އެހެންވެ އެއީ ރަނގަޅަށް ވެރިކަން ކުރަން ރާއްޖެއަށް ލިބުނު "އާދަޔާ ހިލާފު ރަނގަޅު ފުރުސަތެއް" ކަމަށް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސް އަވަހާރަކޮށްލަން ދިން ހަމަލައިގެ ތުހުމަތު އަދީބުގެ މައްޗަށް ކުރަމުން އައި ނަމަވެސް ރައީސް އެންމެ ފަހު ވަގުތާ ހަމައަށް ވެސް އަދީބަށް ވަރަށް ބޮޑަށް އިތުބާރު ކުރެއްވި ކަމަށެވެ. އުމަރު ވިދާޅުވި ގޮތުގައި ރައީސް ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާގައި ފުލުހުންގެ ބައެއް އިސް އޮފިސަރުން އެންމެ ފުރަތަމަ ދުވަހު ވެސް އިނގިލި ދިއްކުރީ އަދީބަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ