ގާނޫނު އަސާސީ ހިމާޔަތް ކުރަން ބަޔަކު ނިކުތީމަ އަންނަނީ ހިނި: މައުމޫން

ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ކަމެއް ސަރުކާރުން ނުކުރާ އިރު، ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ ނަމުގައި ބަޔަކު ނުކުތީމަ އަންނަނީ ހިނި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. އިންޑިއާގެ ނިއު ދިއްލީގައި ބާއްވާ ތިމާވެށީގެ ބައިނަލްއަގްވާމީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން މިއަދު ހެނދުނު ރަސްމީ ފާލަމުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި މައުމޫން ވިދާޅުވީ ރައީސް ޔާމީނާއި ސަރުކާރުން ވެސް ކަންތައްތަކުގައި އަމަލު ކުރަމުން އަންނަނީ ވަރަށް ރަނގަޅަށް ކަމަށެވެ. "އެހެންވެ، ގާނޫނު އަސާސީ ހިމާޔަތް ކުރާށޭ ކިޔާފައި ބަޔަކު ނިކުތީމަ އަޅުގަނޑު ގާތަށް އަންނަނީ ހިނި،" ގާނޫނު އަސާސީ ދިފާއު ކުރުމުގެ ނަމުގައި އެމްޑީޕީ އާއި ޖޭޕީން ފަށާފައިވާ މަސައްކަތްތަކަށް ރައްދު ދެއްވަމުން މައުމޫން ވިދާޅުވި އެވެ. ތިމާވެށީގެ ތަޖުރިބާކާރުންނާއި އެކި ގައުމުތަކުގެ ވެރިންނާއި ކުރީގެ ވެރިން ބައިވެރިވެވަޑައިގަންނަވާ "ދިއްލީ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ސަމިޓް"ގައި ރައީސް މައުމޫން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވެ އެވެ. އަދި އެ މަނިކުފާނަކީ އެ ބައްދަލުވުމުގެ ޕެނަލިސްޓެއް ވެސް މެ އެވެ. މައުމޫން އިންޑިއާ އަށް ކުރައްވާ މި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވެސް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. އެ މަނިކުފާނު ވިދާޅުވީ މޯދީއާ ބައްދަލު ކުރައްވަނީ ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ކަމަށާއި އެ ޕާޓީން އިންޑިއާ ގުޅުން ބަދަހި ކުރަން ބޭނުންވާ ކަމަށް އެ ބައްދަލުވުމުގައި ހާމަ ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ