ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގެޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފުގެ ޝަރީއަތުގެ މަޖިލީހަށް ވެންނެވުމަށް އެމަނިކުފާނު އިންކާރު ކުރެއްވުމުން ކޯޓުން އެ މައްސަލަ ބާތިލްކޮށްފިއެވެ.
ރައީސް ނަޝީދު ޝަރީއަތަށް ވެދެވަޑައިގަތުމަށް އިންކާރު ކުރެއްވީ އާންމުކޮށް ހުޅުވާލައިގެން ޝަރީއަތް ނުބާއްވާ ނަަމަ ޝަރީޢަތަށް ނުވަންނަވާނެ ކަމުގައި ވިދާޅުވަމުންނެވެ.
"އަދި ޝަރީޢަތް ފެއްޓުމުގެ ކުރިން ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތީ އެ ޝަރީޢަތަކީ އާންމުކޮށް ހުޅުވާލެވިގެންވާ ޝަރީއަތުގެ އަޑުއެހުމަކަށް ހައްދަވައިދެއްވުމަށް. އަދި ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގައާއި ކޯޓުތަކާއި ބެހޭ ޤާނޫނުގެ 71 ވަނަ މާއްދަގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮވޭ ހުޅުވާލެވިގެން ބޭއްވޭ ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމުގެ ހައްޤަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްޤެއް ކަމަށް."، ރައީސް ނަޝީދުގެ ޤާނޫނީ ވަކީލް އިބްރާހިމް ރިފްއަތު ވިދާޅުވިއެވެ.
މީޑިއާއަށް މައުލޫމާތު ދެއްވަމުން ރިފްއަތު ވިދާޅުވީ މިއީ އަމަން އަމާންކަމަށް ނުރައްކާ ވެދާނެ ފަދަ ބިރެއް އޮތް މައްސަލައަކަށް ނުވުމުން މި ޝަރީއަތް ހުޅުވާލައިގެން ބޭއްވެން ޖެހޭނެ ކަމަށެވެ.
ރައީސް ނަޝީދުގެ އިސްތިއުނާފުގެ އަޑުއެހުން ހައި ކޯޓުން ބާތިލްކޮށްފައި ވަނީ މައްސަލަ ހުށަހަޅާ ފަރާތުން ޝަރީއަތަށް ހާޒިރު ނުވެއްޖެ ނަމަ އެ މައްސަލަ ބާތިލް ކުރެވިދާނެ ކަމަށް ބުނާ ޤަވާއިދުގެ ދަށުންނެވެ.
އަދި ބަންދުގެ މައްސަލަތަކުގައި ބާއްވާ އަޑުއެހުންތައް ކުރިން ވެސް ބާއްވަނީ އާންމުކޮށް ހުޅުވާލައިގެން ނޫންކަން ފާހަގަކޮށްލެވެއެވެ.
ޝަރީޢަތަށް ވަނުމަށް ނަޝީދު އިންކާރު ކުރެއްވުމުން ހައި ކޯޓުން މައްސަލަ ބޭރު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ