ގާސިމްގެ ހުކުމާމެދު ރައީސް މައުމޫނު ކަންބޮޑުވުން ފާޅުކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތިން އަހަރާއި ދެމަހާއި 12 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރުމާ ގުޅިގެން ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައީސް މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ދައުވާ ލިބޭ ކޮންމެ މީހަކަށްމެ އެ މީހެއްގެ ދިފާއުގައި ކޯޓަށް ހާޒިރުވެ ބަސްބުނުމެ ހައްގު ގާނޫނު އަސާސީން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ. އަދި އެ ހައްގުން ގާސިމް އިބްރާހިމަށް ލިބިފައި ނުވާތީ އެ މަނިކުފާނު ވަނީ ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.
ގާސިމްގެ މައްޗަށް ޖަލު ޙުކުމެއް އައީ 27 މާރޗު 2017 ދުވަހު، ނެގުމަށް ހަމަޖެހުނު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމާއި ގުޅުވައިގެން 26 މާރިޗު 2017 ދުވަހުގެރޭ މ.ކުނޫޒުގައި ބޭއްވުނު ޖަލްސާގައި އެހެން ދާއިރާތަށް ތަމްސީލުކުރައްވާ މެންބަރުން ޢަބްދުالله މަސީހް ބޭރުކުމަށް ވޯޓް ދެއްވައިފިނަމަ އެމެންބަރުން ހިމެނިވަޑައިގަންނަވާ ދާއިރާއެއްގެ ޓިކެޓުދޭނެ ކަމަށާއި، އެހެން ހުރިހާ ގޮތަކުންވެސް އެހީތެރިވެދާނެ ކަމަށް ބުނެ، ވާހަކަ ދައްކާފައިވާތީ، ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ށ) ހަވާލާދީ، އެމާއްދާގެ (ރ) ގެ ދަށުން ޤާސިމްގެ މައްޗަށް ދައުލަތުން ކުރި، ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ.
މިހުކުމާއެކު ޤާސިމް އިބްރާހީމް ގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި މިހާރު ވަނީ ގެއްލިފައެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބުނާ ގޮތުން ޖިނާއީ ކުށެއް ސާބިތުވެ 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަން ޖެހިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލޭއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ