ރައީސް މައުމޫން ހިތްހަމަޖެހިވަޑައިނުގެންނެވީ ފާރިސްއަށް ނައިބް ރައީސް ނުދެއްވުމުން: ޝައިނީ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެކެ ހިތްހަމަޖެހިވަޑައިނުގެންނެވީ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަން ނުދެއްވުމުން ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ޝައިނީ މިހެން ވިދާޅުވީ ސަރުކާރުގެ ހަބަރުތައް އާންމުކޮށް ގެނެސްދޭ ޗެނަލް 13ގެ "ނިއުސް ޓޯކް ޕްރޮގްރާމްގައި ރޭ ދެއްކެވި ވާހަކަފުޅުގަ އެވެ.
ޝައިނީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބްގެ މަގާމުގައި ހުންނެވި އަހްމަދު އަދީބް ނައިބް ރައީސް ކަމުން ވަކިކުރެއްވި ހިސާބުން ފާރިސްއަށް ނައިބް ރައީސް ކަން ދެއްވުމަށް މައުމޫން ބޭނުންވި ކަމަށެވެ. ނަމަވެސް ފާރިސްއަށް އެފުރުސަތު ނުދެއްވުމަކީ ރައީސް މައުމޫން މިސަރުކާރާ ދޭތެރޭ ހިތްހަމަޖެހިވަޑައިނުގެންނެވި ސަބަބު ކަމަށެވެ.
ޝައިނީ ވިދާޅުވީ ނައިބް ރައީސް ކަމަށް ރައީސް ޔާމީންގެ ކޮއްކޮ ފާރިސް މައުމޫން އައްޔަންކުރެއްވި ނަމަ އެކަމަކީ ބޭރުގެ ގައުމުތަކުންނާއި ރާއްޖޭގެ ސިޔާސީ ބޭފުޅުންވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެކަމާ ދޭތެރޭ ވިސްނާވަޑައިގަތުމަށް ރައީސް މައުމޫން ބޭނުންވެސް ނުވި ކަމަށް ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ ރައީސް ޔާމީން މިސަރުކާރުގެ ކަންކަން ކުރިއަށް ގެންދިޔައީ ރައީސް މައުމޫންގެ ލަފާ ހޯއްދަވައިގެން ކަމަށެވެ. ނަމަވެސް މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމުގައި ރައީސް ޔާމީން ގޮތް ނިންމަވަނީ އާއިލާއަށް ބައްލަވައިގެން ބޭފުޅުން މަގާމުތަކަށް އައްޔަންކުރައްވާ އުސޫލަކުން ނޫން ކަމަށްވެސް ވިދާޅުވި އެވެ. އޭގެ ބަދަލުގައި ރައީސް ޔާމީން މަގާމުތައް ދެއްވީ އެ މަގާމެއްގެ މަސްއޫލިއްޔަތަށް ބައްލަވާ އެކަމެއް ކުރެއްވޭނެ ބޭފުޅަކަށް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ނައިބް ރައީސް ކަން ހުސްވި ވަގުތުތަކުގައި ފާރިސްގެ އިތުރުން އެހެން ބައެއް ބޭފުޅުން ވެސް އެ މަގާމަށް ވަޑައިގަތުމަށްޓަކައި ރައީސް ޔާމީނާ މަޝްވަރާކުރެއްވި ކަމަށްވެސް ޝައިނީ ވަނީ ވިދާޅުވެފަ އެވެ.
ފާރިސް ނައިބް ރައީސް ކަމަށް އައްޔަންކުރަން ރައީސް މައުމޫން ހުށަހެޅުއްވި ކަމަށް މިނިސްޓަރު ޝައިނީ ވިދާޅުވި ނަމަވެސް ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ އެއްވެސް ބޭފުޅަކަށް މިސަރުކާރުގެ ތެރެއިން ވަކި ހާއްސަ މަގާމެއް ހޯދައިދޭން އެއްވެސް ބޭފުޅަކަށް ދަންނަވާފައި ނުވާނެ ކަމަށް ކުރިން ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ޒާތީ ގޮތަށް ނޫން ކަމަށާއި އެމަނިކުފާނު ކުރައްވަނީ ގައުމީ މަސައްކަތެއް ކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ