މަސީހަށް މިހާރު ހައިސިއްޔަތެއް ނެތް: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އެމަޤާމުގައި ހުންނެވުމަށް މިހާރު މަސީހަށް ހައިސިއްޔަތެއް ނެތްކަމަށް މާމިނގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ މިއަދު މަޖިލީހަށް ވެއްދި މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްގައި 45 މެމްބަރުން ސޮއިކުރެއްވި އިރު އެ އަދަދަކީ މަސީހު އެމަޤާމަށް ގެނައުމަށް ވޯޓްދިން މެމްބަރުންނަށްވުރެ އެއް މެމްބަރެއް އިރުތު އަދަދެއް ކަމުގައެވެ.
އެހެންކަމުން އެމަޤާމުގައި މަސީހު މިހާރު ހުންނެވުމުގެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް އޮތްކަމަށް ދެކެވަޑައިނުގަންނަވާކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމްވަނީ 1989 ވަނަ އަހަރުން ފެށިގެން ގާސިމް ކުރިއަށް ގެންދަވާ އިސްލާހީ މަސައްކަތުގައި މިއަދަކީވެސް ހާމިޔާބު ދުވަހެއްކަމަށާއި އެމަސައްކަތުގައި އެތައް ލީޑަރުންނެއް މިހާރު ބައިވެރިވެވަޑައިގެންފައިވާކަމަށް ވިދާޅުވެފައެވެ.
ގާސިމް ވިދާޅުވީ މިއަދުވެސް ހުންނެވީ އިސްލާހީ މަސައްކަތުގައި ކަމަށާއި ދައްކާ ދޮންދަގަނޑަކުން އަދި އެހެން ޔުނީފޯމް އަޅައިގެން އަންނަ މީހެއްގެ ސަބަބުން ނުވަތަ ކޯޓަކުން ޖަހާ މުގުރަކުން އަޒުމެއް ނުގުޑާނެކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ